އީދު ޝޯތައް ފޯރިގަދަކޮށްލުމަށް ޖާދުގެ ޓީމްތައް ތައްޔާރު!

މިއަހަރުގެ ބޮޑު އީދު ދުވަސް އައިސް ބޯމަތިވީއެވެ. އީދަށް ރަށްރަށަށް ދާ މީހުން ފުރަނީއެވެ. މި ފަހަރުގެ އީދު ކުރީ އީދަށް ވުރެ ފޯރިގަދަ ކޮށްލާނެ ކަމަށް އަޒުމް ކަނޑައަޅަމުންނެވެ.

އީދު ކުރިމަތިވަމުން އަންނަ އިރު ލޯންޗް ފެރީއާއި ބޯޓުތަކުގެ ޝެޑިއުލް ފުލްވަމުން އަންނައިރު ފިލްމީ ތަރިންނާއި ނެށުންތެރިންގެ އިތުރުން ލަވަކިޔުންތެރިންގެ ޝެޑިއުލްތައް ވެސް އަންނަނީ ފުލް ވަމުންނެވެ.

ނެށުންތެރިންނާއި ލަވަކިޔުންތެރިންނަކީ އީދުގެ އެންމެ ހާއްސަ ބައެވެ. އީދު ޝޯތަކުގެ ދިރުމެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގައި ފެހުމާއި، ކޮސްޓިއުމްސް ޑިޒައިންކުރުމުގެ އިތުރުން ނެށުމުގެ ގޮތުން ވެސް އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެއް ތަރި ޖާދުﷲ އިސްމާއިލް (ޖާދު)ގެ އީދު ޝެޑިއުލް ވެސް ވަރަށް ފުލްއެވެ. އެހެން ފަންނާނުންނެކޭ ވެސް އެއްގޮތަށެވެ.

ދެ ޓީމަކަށް ބަހާލައިގެން ޖާދުވެސް މިފަހަރު ރަށްތަކަށް ޝޯ ދޭން ތަރިން ފޮނުވާނެއެވެ.

ޖާދުއާއި އޭނާގެ ޓީމް މަރިޔަމް އައްޒަ، ދޮން އައްޔަ، ޝަރާ، އާޝާ، ނުޒޫ އަދި ނަތާ އީދު ޝޯތައް ފަށާނީ ޅ. ކުރެންދޫއިންނެވެ. ކުރެންދޫއަށް ފުރުމަށް މާދަމާ ޖާދުއާއި އޭނާގެ ޓީމު ފުރާނެއެވެ. އެ ރަށުގައި އީދު ޝޯ ދޭނީ 11 ވަނަ ދުވަހުގެ ރޭއެވެ.

ޖާދުމެންގެ ދެވަނަ މަންޒިލަކީ ބ. އޭދަފުށްޓެވެ. އެ ރަށުގައި 12 ވަނަ ދުވަހު ޝޯ ދިނުމަށްފަހު މިސްރާބު ޖަހާނީ ށ. އަތޮޅު މާއުނގޫދޫ އަށެވެ. އެ ރަށުގައި 13 ވަނަ ދުވަހު ޝޯ ދިނުމަށްފަހު ރ. މާކުރަތުގައި ޝޯ ދިނުމަށް ނިންމާފައިވާ ކަމަށް ޖާދު ބުންޏެވެ. މި ޓީމުގެ ޝޯތަކާ އެކު އީދު ވަރަށް ފޯރިގަދަވާނެ އެވެ.

ޖާދުގެ އީދު ޓީމްގެ ތަރިން---

އަދި މިހިސާބުން ޖާދުގެ ޓީމްގެ އީދު ޝޯތައް ނިންމާލީއެއް ނޫނެވެ. ފަސް ނެށުންތެރިން ހިމަނައިގެން ޖާދު ތައްޔާރުކޮށްފައިވާ އަނެއް ޓީމް އީދު ޝޯ ދޭނީ ބ. އަތޮޅު ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓުގައެވެ. އެއީ އީދު ދުވަހުގެ ރެއެވެ. އަދި އެހެން ރަށްތަކުގައި އެ ޓީމްގެ ނެށުންތައް ދައްކާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. އެ ތަރިންގެ ޝޯވެސް ފޯރިގަދަވާނެކަމަށް ޖާދު ބުނެއެވެ.

"މިފަހަރު މިއީ އާދަޔާ ހިލާފު އީދެއް. ވަރަށް ފުލްކޮށް މިއުޅެނީ. އައްޒަމެންގެ ޓީމުގެ ބުކިން ފުލްވެއްޖެ މީގެ ދެ މަހެއްހާ ދުވަސްކުރިން. އީދު ޝޯ ދޭން މިފަހަރު ގުޅި 33 ރަށަކުން. ހަމަ ރެކޯޑެއް މިއީ،"

މިފަހަރު މިއޮތީ ބޮޑު އީދު އައިސްފައެވެ. ފޯރިގަދަވާނެކަން ޔަގީނެވެ. އީދު އިތުރަށް ފޯރިގަދަކުރުމަށް މިދަނީ ޖާދުގެ ޓީމްތަކެވެ. އެ މީހުން އީދު ފޯރިގަދަ ކުރާނެކަން ކަށަވަރެވެ. ދެން އޮތީ އޯޑިއެންސްގެ ހިއްވަރެވެ. އަތްތިލަބަޑި ޖަހާށެވެ. އޯޑިއެންސްގެ ތަރުހީބު އެ ތަރިންނަށް ވަރަށް ބޭނުންވާނެއެވެ.

comment ކޮމެންޓް