އުރަމަތީ ކެންސަރުޖެހިފައިވާ މަރިޔަމް އަށް އެހީއެއްވެދެއްވާ!

މަރިޔަމް އިސްމާއިލް---

ތ. ހިރިލަންދޫ މަރިޔަމް އިސްމާއިލް، 56، އަކީ ދިރިއުޅުގައި ގިނަ ކަންތައްތަކެއް ތަހައްމަލު ކުރަމުން އަންނަ މަންމަ އެކެވެ. ކެންސަރު ބަލީގެ ޝިކާރަކަށްވެފައިވާ މަރިޔަމްގެ ހަޔާތް މިއަދު ބަނަ އެވެ. ބޭސްފަރުވާ ކުރަން ބޭރަށް ނުފުރި ހޭދަވާ ކޮންމެ ދުވަހަކީ އޭނާ އަށް ލިބޭ ހިތްދަތި ކަމެކެވެ.

މަރިޔަމް އިސްލާއިލްގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ ދަރިފުޅު މުހައްރިމް އަބޫބަކުރު ސަން ކުލުނު އަށް ބުނީ މަންމަ އަށް އަނގައިގެ ކެންސަރު އެންމެ ފުރަތަމަ ޖެހުނީ 2008 ވަނަ އަހަރު ކަމަށެވެ. އިންޑިއާ ޓްރިވެންޑްރަމަށް ގޮސް އެކަމަށް ބޭސްކޮށް ކެންސަރު މުޅިން ރަނގަޅުވީ 2014 ވަނަ އަހަރު ކަމަށް މުހައްރިމް ބުންޏެވެ.

ނަމަވެސް އަނެއްކާ ވެސް މަރިޔަމްގެ ހަޔާތް ބަނަވެގެން ދިޔަ އެވެ. ކެންސަރުން އެއްކޮށް ސަލާމަތްވި ނަމަވެސް 2017 ވަނަ އަހަރު އަނެއްކާ ވެސް މަރިޔަމް އަށް ކެންސަރު ޖެހުނެވެ.

"އެފަހަރު ޖެހުނީ އުރަމަތި ކެންސަރު. މިހާރު ވަނީ މަންމަގެ އެއް އުރަމަތި ނަގާފައި. ބޭސްދީފައި ހުންނަނީ. ރޭޑިއޭޝަންވެސްދޭ. އަނެއްކޮޅުން ކޮންމެ ތިން މަހުން އެއް ފަހަރު ޖެހޭ މާލެ ދާން،"

މުހައްރިމް ބުނީ އޭނާ އަކީ މަންމަގެ ހުރި ހަމައެކަނި ދަރި ކަމަށާއި އާމްދަނީ ލިބި މަންމަ އަށް ބޭސްކުރަން ހުރި ހަމައެކަނި މީހަކީ އޭނާ ކަމަށެވެ. ނަމަވެސް އަނބިދަރިން ގެންގުޅެމުން ހުރިހާ ހަރަދުތަކެއް ކުރަމުން މަންމަ އަށް ކުރަން ޖެހޭ އެންމެ ރަނގަޅު ފަރުވާ ނުކުރެވޭ ކަމަށެވެ.

"އެއް އުރަމަތި ނެގި ފަހުން އަނެއްކާ ވެސް މަންމަގެ ހާލަތު އިތުރަށް ދަށްވި. އަތްފައި ދުޅަވާންފެށީ ވަރަށް ބޮޑަށް. ހީވަނީ ހަމަ ފަޅަފަޅައިގެން ދާނެހެން. އެއް އަރިމައްޗަށް އޮވެ މަންމަ ނިދަނީވެސް. އެހެންވާ އިރު ޑަކްޓަރުން އެބަ ބުނީ ނޯމަލް ކަމަށް،"

މަރިޔަމްގެ އަތްފައި ދުޅަވެފައި ހުންނަތާ ދުވަސްތަކެއް ވެފައި ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ޑަކްޓަރަށް ދެއްކުމުން ބުނީ އެއީ އާދައިގެ ކަމެއް ކަމަށް މުހައްރިމް ބުންޏެވެ. އަދި އުރަމަތި ނަގާފައި ތިބޭ މީހުންނަށް މަދުން ނަމަވެސް ވާކަމެއް ކަމަށެވެ.

"މަންމަގެ ފިރިމީހާ އަކީ ލޯފަން މީހެއް،"

އޭނާ ބުނީ އާސަންދައަށް ހުށަނާޅާ ކަމަށާއި އާސަންދަ ލިބުނު ނަމަވެސް ބޭރަށް ގޮސް އިތުރު ފަރުވާކުރުމަށް ނުކުޅެދޭ ކަމަށެވެ.

"އާސަންދަ ލިބިއްޖިއްޔާ ޖެހޭނެ ވަކި މުއްދަތެއްގެ ތެރޭގައި ބޭރަށް ފުރަން. ވަކި ވަރަކަށް ރުފިޔާ ސޭވް ކުރެވިގެން ނޫނީ ނެތް ދެވޭކަށް،"

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ މަރިޔަމް އަކީ ވަރަށް ކުރިއްސުރެން ފެށިގެން ވެސް ކެންސަރު ބައްޔަށް ފަރުވާހޯދަމުން އަންނަ މީހެއް ކަމަށެވެ. ރަށު ތެރެއިން ވެސް އޭނާއަށް އެހީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން އޭނާގެ ދަރިފުޅު ނިންމާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ކުރިން ވެސް އަޅުގަނޑުމެން ވާނީ މުއައްސަސާތަކާ ގުޅިގެން މަރިޔަމް އަށް އެހީ ހޯދުމަށް ފަންޑްރައިޒިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައި،"

މުހައްރިމް ބޭނުން ވަނީ މަންމަ ގޮވައިގެން އިތުރު ފަރުވާ އަށް ބޭރަށް ދާށެވެ. މަންމަ އަށް އެންމެ ރަނގަޅު ފަރުވާ ދެވޭނީ ބޭރުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މަންމަ ގޮވައިގެން ފަރުވާ ކުރަން ބޭރަށް ދެވޭނީ ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އެހީގަ އެވެ.

މުހައްރިމް އެދެނީ އޭނާގެ މަންމަ އަށް ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

މަރިޔަމް އިސްމާއިލަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 9846805 (މަރިޔަމް އިސްމާއިލްގެ ދަރިފުޅު މުހައްރިމް އަބޫބަކުރު އާ ގުޅޭ ނަންބަރު)

ބީއެމްއެލް އެކައުންޓް ނަންބަރު: 7730000007681 (މަރިޔަމް އިސްމާއިލްގެ ދަރިފުޅު މުހައްރިމް އަބޫބަކުރު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

އެޑިޓަރުގެ ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް