މަނީޕާލްއިން ބޯންމެރޯ ހެދި ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެ

އިންޑިއާގެ މަނީޕާލް ހޮސްޕިޓަލުން ބޯންމެރޯ ހެދި ތެލެސީމިއާ ކުއްޖަަކު އަނެއްކާ ވެސް ނިޔާވެއްޖެ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "ސަން" އަށް ވިދާޅުވީ އެ ކުޑަކުއްޖާ ނިޔާވީ ބޯންމެރޯ ހެދުމަށް ފަހު ދިމާވި ބައެއް މައްސަލަތަކާ ހުރެ ކަމަށެވެ. އުމަރު ވިދާޅުވީ އެ ކުއްޖާ މަރުވީ މިއަދު ފަތިހު ކަމަށެވެ.

މިއަދު ނިޔާވެފައި ވަނީ އުމުރުން 19 އަަހަރުގެ އަންހެން ކުއްޖެކެވެ.

މިއީ މަނީޕާލް ހޮސްޕިޓަލްގައި ބޯންމެރޯ ހެދުމަށް ފަހު ނިޔާވި ދެ ވަނަ ކުއްޖާ އެވެ. މީގެ ދެ ހަފުތާކުރިން ނިޔާވީ ކުޑަ ފިރިހެން ކުއްޖެކެވެ.

މިއަދު ނިޔާވި ކުއްޖާއަކީ ވެސް ޒަކާތު ފަންޑުގެ އެހީގައި މިއަހަރު ފެބްރުއަރީ މަހު ބޯންމެރޯ ހަދަން ފޮނުވި ކުއްޖެކެވެ.

"މިއަދު ނިޔާވި އަންހެން ކުއްޖާ ބޯންމެރޯ ހެދީ އޭޕްރީލް ހިސާބުގައި. އޭނާ މާލެ އަންނަން އުޅެނިކޮށް ކުއްލިއަކަށް ހާލު ގޯސްވީ، ދިމާވި ބައެއް ކަހަލަ މައްސަލަތަކާ ހެދި." އުމަރު ވިދާޅުވި އެވެ.

މަނީޕާލްއިން ބޯންމެރޯ ހެދި ކުއްޖަކު އަނެއްކާ ވެސް ނިޔާވިއިރު އެ ހޮސްޕިޓަލްއިން ފަރުވާ ދިނުމުގައި އިހްމާލްވާމުންދާ ކަމަށް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ނަމަވެސް އުމަރު ވިދާޅުވީ އެ ހޮސްޕިޓަލުން ވަކި މައްސަލައެއް އުޅޭ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.

"ބޯން މެރޯ ހެދުމަކީ ރިސްކީކަމެއް. އަޅުގަނޑުމެން އެ ހޮސްޕިޓަލްއަށް ބޯންމެރޯ ހަދަން ފޮނުވަނީ ވެސް ވަރަށް ރަނގަޅަށް ބަލާފައި. އެމީހުންނާ ކޮމިއުނިކޭޝަންސްގެ ރަނގަޅުވީމަ. އެހެން ނަމަވެސް ދެން އެ ހޮސްޕިޓަލްއަށް ބޯންމެރޯ ހަދަން އަލުން ފޮނުވާނީ އަލުން ރިވިއު ކުރުމަށް ފަހު." އުމަރު ވިދާޅުވި އެވެ.

ތެލެސީމިއާ ބަލި ހުންނަ އަށް ކުއްޖަކު ދާދި ފަހުން ވަނީ ނިޔާވެފަ އެވެ.

comment ކޮމެންޓް