މިހާރު ސްކޫލުތަކުގައި ދެމުގެންދާ ނާސްތާ ޕްރޮގްރާމްގައި އިސްރާފްކުރުމުގެ ބައި ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމްގައި އިސްރާފްކުރުމުގެ މައްސަލަ އެ މިނިސްޓްރީއަށްވެސް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުންދާ ކަަމަށެވެ.
"އެގޮތުން ސްކޫލުތަކުގައި އިންޓޯލް ކުދިން އަމިއްލައަށް ކޮންޓޭނާއެއް ގެެނެސް އެއަށް ކާއެއްޗެހި އަޅައިގެން ކާކަހަލަ ގޮތަކަށް. ކުރީގައި އަޅުގަނޑުމެން މިދެނީ ކަރުދާސް ބޭގެއް ނުވަތަ ތައްޓަކަށް އަޅާފަ. އެހެންވީމާ އެތަށި މިޖެހެނީ އެއްލާލަން. އޭގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް އިންޓަވަލް ތައްޓެއް ގެނައީމަ އެއަށް އަޅާފަ އަޅުގަނޑުމެން ކާއެެއްޗެތި ދިނުމުގެ ކަންތައްތައްތަކެވެސް އެބަ ހިންގަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ނާސްތާ ޕްރޮގްރާމަށް މާލެއިން ރަށްރަށް ކާބޯތަކެތޮ ގެންދިއުމުގެ ބަދަލުގައި ރަށްރަށުގެ ސްކޫލުތަކުގައި ދޮންކެޔޮ ފަދަ މޭވާތައް ހައްދައި ވީހާވެސް ތާޒާކޮށް އެތަކެތި ދަރިވަރުންނަށް ދިނުމާމެދުވެސް ވިސްނަމުންގެންދާ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ އިތުރަށްވެސް އިސްރާފުކުޑަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންނާއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ މަހު 11 ގައެވެ.
މިއަހަރު ފަހުން ވަނީ ނާސްތާ ޕްރޮގްރާމްއަށް އިތުރު 34 މިލިއަން ރުފިޔާވެސް ބެޖުޓުގައި ހިމަނައިފައެވެ. އެހެންކަމުން ޖުމްލަ އެ ޕްރޮގްރާމަށް މިއަހަރު 184 މިލިއަން ރުފިޔާ ހަރަދުކުރުމަށް މިއަހަރު ވަނީ ހަމަޖެހިފައެވެ.
ފަހަކަށް އައިސް ނާސްތާ ޕްރޮގްރާމްއަށް ބިޑްތައް ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށް ވަނީ އަޑުފެތުރިފައެވެ. މިނިސްޓަރި ވިދާޅުވީ އެގޮތަށް ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށްފައި ހުރީ ސްކޫލުގެ ފަރާތަކާ ގުޅުން ހުރި ފަރާތަކަށް ބިޑް ހަވާލުކުރުމުގެ މައްސަލަތަކުގައި ކަމަށެވެ. އަދި އެފަދަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވައި އެ ކޮމިޝަނުން ދޭ ލަފާގެ މަތިން އަމަލުކުރަމުންދާ ކަަމަށް ޑރ. އައިޝަތު ވިދާޅުވިއެވެ.
"މައްސަލައެއް އުޅޭކަމަށް ފާހަގަވެއްޖިއްޔާ އެކަމެއް ރަނގަޅުކޮށް ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް އިއުލާންކޮށްފައި ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.