އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އަދީބު ޝަރީއަތަށް ފަހު: ކޯޓުން ވަނީ އޭނާ ބަންދު ކުރެއްވެން ނެތް ކަމަށް ކަނޑައަޅާފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

މިއަދު އެ އަމުރު ނެރެމުން ސުޕްރީމް ކޯޓުން ވަނީ، އަދީބު 15 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރަށް އަމަލު ނުކުރުމަށް ވެސް އަންގައިފަ އެވެ.

ސުޕްރީމް ކޯޓްގެ އަމުރުގައި ބުނީ، އަދީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދިނުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އަށް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެނެވެ.

ސުޕްރީމް ކޯޓުން ބަލަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި އަދީބުގެ ބައި ހައިކޯޓުން ބާތިލް ކުރި މައްސަލައެވެ.

ދައުލަތުން އެފަދަ އަމުރަކަށް އެދުނީ ދާދިފަހުން އަދީބު ޓަގް ބޯޓެއްގައި ރާއްޖެއިން ފިލާފައިވާތީ އާއި އަދިވެސް އޭނާ ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ. އަދި އެ އަމުރު ކަރެކްޝަންސްއަށް ރައްދު ކުރެވޭ ވަގުތުން ފެށިގެން، ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް