ޝީޝާގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއި ރުފިޔާ ވަގަށް ނަގައިފި

ޝީޝާ ޝޯރޫމް: ޝީޝާ ހިންގަމުންދާ ބްރަދާސް މޮޓާގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަނީ ވަގަށް ގެންގޮސްފައި -- ފައިލް ފޮޓޯ/ ޝީޝާ

ސައިކަލް ފިހާރަ، ޝީޝާ ހިންގާ ބްރަދާސް މޮޓޯ ކޮމްޕެނީގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބްރަދާސް މޮޓޯ ކޮމްޕެނީގެ އޮފީސް ފަޅާލައިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

އެތަން ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށް ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ.

ޝީޝާ އޮފީސް ފަޅާލައި ވައްކަން ކުރުމުގެ އިތުރުން ރޭ ދަންވަރު ވަނީ މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި 33 ނަރު ރޯލު ވެސް ވަގަށް ނަގާފަ އެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް އީދު ބަންދަށް މާލެ ދޫކޮށް މީހުން ފުރުމުން ވައްކަން ކުރާ މިންވަރު އިތުރުވެ އެވެ. އެހެން ކަމުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދާ ރައްކާ ކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް