އަދީބު ބަންދެއްގައި ހުއްޓާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުކުރެވޭނެ: ވަކީލު

އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 ދުވަހުގެ ބަންދެއްގައި ހުއްޓައި އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ނުކުރެވޭނެ ކަމަށް އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަދީބު ފިއްލެވުމުން އަނބުރާ ރާއްޖެ ގެނެސް އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ. ފަނަރަ ދުވަސް ޖަހާފައި އޮއްވާ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މާބިންހުރާ މައްސަލައިގެ އިސްތިއުފާނު ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރަން ދައުލަތުން ވަނީ އެދިފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނ،ީ އަދީބު ޅ. މާބިންހުރާގެ އިކުއިޒިޝަން ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރުމުން ހައިކޯޓުގެ ހުކުމުގެ އިސްތިއުނާފު މައްސަލަ އެވެ. މިއަދު ސުޕްރީމް ކޯޓުގައި އޮތީ އެ މައްސަލައިގެ ދެވަނަ އަޑުއެހުމެވެ.

މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނީ ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދުކޮށްފައި ވަނީ އަދީބު ފިލި މައްސަލައިގައި ކަމަށެވެ. އެކަމަކު، އަދީބު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެންނެވެ.

ދައުލަތަށް ހެދުނު ގޯސް ސާފުކޮށް، ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

"އެ ދުވަހު މައްސަލަ ހުށަހަޅުއްވާފައި، އަނެއްކާ ވަކިން ސިޓީއެއް މި ފޮނުވަނީ ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ ކަމާއި، އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ދައުލަތަކަށް އަދީބު ފިލައިގެން ދިޔުމެކޭ ކިޔާފައި ވަގުތީ އަމުރަކަށް ނޭދެވޭނެކަން ގަބޫލު ކުރާތީ ސިޓީއެއް މި ފޮނުވަނީ ސުޕްރީމް ކޯޓަށް. ދައުލަތުން ގޯހެއް ހެދިއްޖެ ކަމާއި ދައުލަތުން އެ ގޯސް ރަނގަޅު ކުރަން ބޭނުން ކަމާއި. މިހާރު [ޝަރީއަތް ނިމެންދެން ބަންދު ކުރަން] އެދޭ ސަބަބަކީ އަދީބު ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްދާނެ ކަމަށް ތުހުމަތު ކުރެވޭތީ ވަގުތީ އަމުރަކަށް އެދިފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އިލްތިމާސްކުރެވިފައި މިވާ [މާބިންހުރާ] މައްސަލައިގެ ވަގުތީ އަމުރަކަށް،" އަދީބުގެ ވަކީލު އިސްމާއިލް މީޑިއާތަކަށް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، އަދީބު ހުކުމް ތަންފީޒު ކުރަން ބަންދުގައި ހުއްޓައި އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ ފަސް ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ކަމަށެވެ. އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނިކޮށް، ސުޕްރީމް ކޯޓުން އަނެއްކާވެސް އޭނާގެ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރުމަކީ އެ ނޫސްބަޔާނުގައި ބުނާ ވާހަކަތަކާ ހިލާފަށް ކުރެވޭނެ ކަމެއްކަން އިސްމާއިލް ފާހަގަކުރެއްވި އެވެ. އެއީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމެއްވެސް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.

"އިސްތިގުރާރުވެފައި އޮތް ހަމައަކީ، އަދީބު މިހާރުވެސް އެހެރީ ފިލައިގެން ނުދެވޭނެ ގޮތުގެ މަތިން ބަންދެއްގައިކަން. ހުއްޓާ ސުޕްރީމް ކޯޓުން އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިފި ކަމަށްވާނަމަ، ދެ ކޯޓަކުން އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިފި ނަމަ އެއީ ގާނޫނީ ހަަމަތަކުގެ މަތިން ކޯޓުތަކުގެ ހަމަތަކުގެ މަތިން އަމަލު ކުރާ ގޮތެއް ނޫން،" އިސްމާއިލް ވިދާޅުވިއެވެ.

އޭގެ އިތުރުން އަދީބު ބަހައްޓާފައި ހުންނަ ގޮޅިއާ ބެހޭގޮތުންވެސް އިސްމާއިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަދީބު ބަހައްޓާފައި މި އޮންނަނީ ހެނދުނު އިރު އަރާ ގޮތަށް ގާތްގަނޑަކަށް މެންދުރު ފަހު ދޭއް ޖަހަންދެން އަވި ޑައިރެކްޓުކޮށް ގޮޅިއަށް ވަންނަ ކަހަލަ ގޮޅިއެއް،" އިސްމާއިލް ވިދާޅުވި އެވެ. "އަނެއްކާ އެ ގޮޅީގެ ސައިޒާއި، އެ ގޮޅިއަކީ އާންމު ގޮތެއްގައި އިންސާނަކު ބަހައްޓަން ހެޔޮވާވަރުގެ ގޮޅިއެއް ނޫންކަންވެސް އަޅުގަނޑު ފާހަގަކުރަން،"

އިސްމާއިލް ވިދާޅުވީ، އަދީބު ބަންދުގައި ބަހައްޓަން ޖެހޭ ނަމަ ބަހައްޓަން ޖެހޭނީ ގޭބަންދުގައި ކަމަށެވެ. އަދި އެގޮތަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ކަން އެނާ ފާހަގަކުރެއްވި އެވެ. އެނާއާ ހަވާލާ ދެއްވާ ދެ ނިންމުމަކީ ހައިކޯޓުގެ 2018 ވަނަ އަހަރުގެ 45 ވަނަ ނަމްބަރު ގަޒިއްޔާ އަދި ސުޕްރީމް ކޯޓުގެ 2019 ވަނަ އަހަރުގެ ދެ ނަމްބަރު ގަޒިއްޔާގެ ނިންމުމެވެ.

comment ކޮމެންޓް