ބޮޑު އީދު ދުވަހުގެ ހަވީރު މާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

ޖުލައި 25، 2015: މިނިވަން 50 އާ ގުޅިގެން މާލެތެރޭގައި ޒީނަތްތެރިކޮށްފައިވާ ތަންތަން ބަލާލުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމުގެ ގޮތުން ފައިމަގުގައި އުޅޭގޮތަށް ހަމަ ޖެއްސުން -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

މި އަހަރުގެ އަޟުހާ އީދު ދުވަހުގެ ހަވީރު މާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އަޟުހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 4:30 އިން 6:30 އަށް މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ މީގެކުރިން ވެސް އެ ކައުންސިލުން އެކި އެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީގެ މަގުތައް ކުޑަވަގުތުކޮޅަކަށް އިންޖީނުލީ ވެހިކަލްތައް ދުއްވުން މަނާކުރުމުން ގިނަ ރައްޔިތުންގެ އެއްބާރުލުމާއި ތަރުހީބު އެކަމަށް ލިބެމުންދާތީ ކަމަށް އެ އިއުލާނުގައިވެއެވެ.

އެގޮތަށް ނިންމީ މާލޭ ސިޓީ އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ކާރުބާރުބޮޑު ތޮއްޖެހިފައިވާ ސިޓީއަކަށްވާތީ، ހިތްހަމަޖެހިގެން އުފާ ފާޅުކުރުމުގެ ގޮތުން މަގުމައްޗަށް ނުކުމެ ހިނގާ ބިނގާވެ އުޅުމުގެ ފުރުސަތު ދިނުމަށެވެ.

އެ ދުވަހުގެ އެ ވަގުތުގައި ދުއްވުމުގެ ހުއްދަ ދެވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަދާއި އެމްބިއުލާންސް، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް އަދި އެ ދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަ ދެވޭ އެހެނިހެން އުޅަދުތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް