މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިން: އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައި ---

މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް، އަދުނާން ހުސައިންގެ މައްސަލަ ވަކި ގޮތަކަށް ނިމެން ދެން އޭނާ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 52 ވަނަ ބައްދަލުވުމުގަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ، ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން އެ ކޯޓުގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިއަދުއެވެ.

ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ، އަދުނާން އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން ދަނީ އެ މުވައްޒިފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ.

ކޯޓުގެ ދެ މުވަޒިފުންގެ އިތުރުން މީގެ ކުރިންވެސް އެ ކޯޓުގައި މަސައްކަތް ކުރި އެހެން މުވައްޒިފަކަށް ކޯޓުގެ ކޮމްޕިއުޓާ ސިސްޓަމުން އަދުނާނު އޮރިޔާން މަންޒަރު ދެއްކި ކަމަށް ވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ޖިންސީ ސަސްޕެންޑްކުރި އިރު، ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާއި ގުޅޭ ގޮތުން ހުށަހެޅި ޝަކުވާ ސާބިތުވާކަމަށް ނިންމައި ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ޖޭއެސްސީ އަށް ވަނީ ލަފާދީފިއެވެ.

comment ކޮމެންޓް