ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ލަބާން ހަމަޖައްސައިފި

ދެހާސް ފަނަރަ ވަނަ އަހަރު ކުރިއަށް ދިޔަ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ސާބިތުވެ ޖަލު ހުކުމެއް އިއްވި، އީގަލްސްގެ ކުރީގެ ޒުވާން ގޯލް ކީޕަރު އަދި ގައުމީ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް، ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.

އެ މަގާމަށް ލަބާން އައްޔަންކޮށްފައި ވަނީ އިއްޔެ އެވެ. އަދި މިއަދު ލަބާން ވަނީ މިނިސްޓްރީގެ މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.

މޭޑޭ މުޒާހަރާ އާ ގުޅިގެން ލަބާންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން ޕެރޯލް ގާނޫނުގެ ދަށުން ޝަރުތުތަކަކާ އެކު ލަބާން ވަނީ މިނިވަން ކޮށްފައެވެ.

ލަބާން ވަޒީފާއަށް ނުކުންނެވުމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ، ލަބާން އާއެކު ފޮޓޯއެއް ޓުވީޓު ކުރައްވައިފައެވެ. އަދި ގައުމީ ޓީމުގެ ގޯލް ކީޕަރު ޔުތު މިނިސްޓްރީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު ލަބާން އަކީ ވަރަށް އަޒުމު ވަރުގަދަ ޒުވާނެއް ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލަބާން ޖަލަށް ލީ ފަހުން، ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

comment ކޮމެންޓް