އިނގިރޭސި ވިލާތުގެ ޑާބީ ކައުންޓީއަށް ކުޅުންތެރިޔަކަށާއި ކޯޗެއްގެ ގޮތުގައި ވޭން ރޫނީ ބަދަލުވާން އުޅުނަސް އޭނަގެ އަސްލު ޓާގެޓަކީ ކޮންމެވެސް ދުވަހަކުން މެންޗެސްޓާ ޔުނައިޓެގެ ކޯޗުކަން ކުރުން ކަމަށް ރިއޯ ފާޑިނެންޑް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ގިނަ މެޗުތަކެއް ކުޅެދީ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރި ރޫނީ ވަނީ ދާދި ފަހުން އޭނާ މިހާރު ކުޅެމުން އަންނަ އެމެރިކާގެ ޑީސީ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އެގޮތަށް ނިންމީ ޑާބީ ކައުންޓީއަށް ކޯޗެއްގެ ހައިސިއްޔަތުންނާއި ކުޅުންތެރިއެއްގެ ގޮތުގައި ދިއުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ޑާބީ ކައުންޓީއަށް އެންމެ ފަހުން ކޯޗުކަން ކޮށްދިން ފްރޭންކް ލަމްޕާޑް ވަނީ އޭނަގެ ކުލަބު ކަމަށްވާ ޗެލްސީގެ ކޯޗުކަމަށް ގޮސްފަ އެވެ. އެހެން ކަމުން ޔުނައިޓެޑުގެ ރެެކޯޑް ގޯލް ސުކޯރާ ރޫނީ ވެސް ކޮންމެސް ދުވަހަކުން އޭނަގެ ކުލަބަށް ކޯޗުކަން ކޮށްދޭން ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުލަބުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑް ވަނީ ބުނެފަ އެވެ.
"ރޫނީ މިވަގުތު ކޮންމެ ތާކަށް ކުޅުނު ނަމަވެސް އޭނަގެ ޓާގެޓަކީ ޔުނައިޓެޑުގެ ކޯޗުކަން. އޭނާ ގާތު މިވާހަކަ ބަޔަކު ދެއްކުމުން ދޮގު ކޮށްފާނެ. އެކަމަކު ހަގީގަތަކީ މިއީ،" ފާޑިނެންޑް ބުންޏެވެ.
ފާޑިނެންޑާއި ރޫނީ އަކީ ޔުނައިޓެޑުގެ ރަން ދުވަސްވަރު އެކުލަބަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ދެ ކުޅުންތެރިންނެވެ. އެގޮތުން ޗެމްޕިއަންސް ލީގެއްގެ އިތުރުން އެތައް ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު އެ ދެ ކުޅުންތެރިން ވަނީ ޔުނައިޓެޑާ އެކު ހޯދައިފަ އެވެ.
"ރޫނީ އަކީ އޭނާ ބުނަން ބޭނުންވާ އެއްޗެއް އެއްވެސް ޖެހިލުމެއް ނެތި ބުނެލާނެ މީހެއް. އެއީ ކޯޗެއްގެ ގައިގައި ހުރުން ލާޒިމު ކަމެއް. އެހެން ކަމުން އޭނާއަށް ރަނގަޅު ކޯޗަކަށް ވެވިދާނެ،"
މީގެ އިތުރުން ރޫނީ އަކީ މިހާރުގެ ޒުވާން ކުޅުންތެރިންނާ ވެސް ރަނގަޅު ގުޅުމެއް އޮންނަ ކުޅުންތެރިއެއް ކަމުން އޭނާއާ އެއްކޮށް މަސައްކަތް ކުރާން ޒުވާން ކުޅުންތެރިންނަށް ވެސް ފަސޭހަ ވާނެ ކަމަށް ފާޑިނެންޑް ވަނީ ބުނެފަ އެވެ.