ސަދަގާތު ފައުންޑޭޝަންގެ ހިތާނީ ކޭމްޕަށް ވެސް އާސަންދައިން ހަރަދު ކުރި

ސަދާގާތު ފައުންޑޭޝަނުން އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބޭއްވި ހިތާނީ ފެސްޓިވަލްގެ ތެރެއިން: އެ ކޭމްކަށް އާސަންދައިގެ ބަޖެޓުން ހަރަދު ކޮށްފައިވޭ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިތާނީ ކޭމްޕްތަކަށް އާސަންދައިގެ ބަޖެޓުން ހަރުދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން އެހެން ބުނެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީއަށް އެ ކުންފުނި ހާޒިރު ކުރުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން އިސްކޮށް ހުންނަވައި އުފެއްދި ސަދަގާތު ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ހިތާނީ ކޭމްޕަށް އާސަންދަ ކުންފުނިން ހަރަދު ކުރި ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ސާފު ކޮށްދެއްވުމަށް ސުވާލު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) އެވެ.

އަހްމަދު ހަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ފަރާތްތަކުން ކުންފުންޏާ ހަވާލުވުމަށްފަހު ކުރިން ހިންގި ކަންތައްތައް ބަލާފައިވާ ކަމަށާއި އެގޮތުން 2016 އަދި 2017 ވަނަ އަހަރު އާސަންދައިގެ ބަޖެޓުން ހިތާނީ ކޭމްޕަށް ހަރަދު ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބެލިއިރު އަޅުގަނޑުމެނަށް ފެނުނީ 2016 ވަނަ އަހަރު އެއްލައްކަ ނަވާރަ ހާސް (119000-/ރ.) އަދި 2017 ވަނަ އަހަރު ހަތް ދިހަ ހާސް ނުވަސަތޭކަ ފަންސާސް ހަތަރު ރުފިޔާ (70954-/ރ.) ހިތާނީ ކޭމްޕަށް ހަރަދު ކުރައްވާފައިވާ ކަމަށް. މިއީ އަޅުގަނޑުމެނަށް ލިޔެކިޔުމުން ފެންނަން ހުރި މައުލޫމާތު،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ހިތާނަ ކުރުމަކީ އާސަންދަ ސްކީމްގެ ތެރެއިން ކުރެވޭނެ ކަމެއް ނަމަވެސް އެ ފައިސާ އަކީ ހިތާނީ ކޭމްޕާއި ގުޅުން ހުރި ކަންކަމަށް ހަރަދު ކޮށްފައިވާ ފައިސާ ކަމަށެވެ. އޭގެ ތެރޭގައި ތުވާއްޔާއި ބެޑް ޝީޓް ފަދަ ތަކެތި ގަތުމަށް ވެސް ހަރަދު ކޮށްފައި ހުރިކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ.

އާސަންދަ ކުންފުނިން ކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އެފަދަ ހުރިހާ ކަމެއް ވެސް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގައި 'ވަރަށް' ގިނަ ކަންތައްތަކަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސަދަގާތު ފައުންޑޭޝަނުން 2016 އަދި 2017 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކަން ޖެހިފައިނުވާއިރު އެ ކޭމްޕުން ހުތާނާ ކުރާ ކުދިންނަށް އޭރުގެ ސަރުކާރުގެ އިސްވެރިނާއި ސަދަގާތު ފައުންޑޭޝަނުން ވެސް ވަނީ އެތައް ހަދަޔާއެއް ދީފަ އެވެ. ނަމަވެސް އެކަމުގައި ދައުލަތުގެ ކުންފުނިތަކުން ކޮރަޕްޝަންގެ އެތައް ކަމެއް ހިންގާފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ.

comment ކޮމެންޓް