އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކުރުވި، ފުރާނައަށްވީ ނުރައްކާ: އަދީބު

އަދީބު ޝަރީއަތަށް ފަހު: ކޯޓުން ވަނީ އޭނާ ބަންދު ކުރެއްވެން ނެތް ކަމަށް ކަނޑައަޅާފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕާސްޕޯޓު ހިފައްޓާފައި ވަނިކޮށް ފިލުމަށް މަޖުބޫރިވި ސަބަބު ހާމަ ކުރައްވާ އެކާމާ ގުޅޭ ތަފްސީލީ ވާހަކަތަކެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ބަންދުގެ އަޑުއެހުމުގައި ރޭ ހިއްސާކުރައްވައިފި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ފިލަން މަސައްކަތް ކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ޓުޓްކުރިން ބަނދަރުން އަތުލާގަތުމުން އޭނާ ވަނީ އެގައުމުގެ ސިޔާސީ ހިމާޔަތް ހޯދުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ސިޔާސީ ހިމާޔާތް ނުދޭން ނިންމައި އިންޑިއާއިން އޭނާ އަނބުރާ ރާއްޖެ ފޮނުވާލިއެވެ. އެއާއެކު ދިގު ދަތުރަކަށް ފަހު އޭނާ އެނބުރި މާލެ ގެނެވުނީ ރޭ 10:35 އެހައިކަންހާއިރު އެވެ. މާލެ ގެނެސް ފުރަތަމަވެސް އަދީބު ހާޒިރު ކުރީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގްއަށެވެ.

ފުލުހުންގެ އިދާރާގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ބޭންދުމަށްފަހު އަދީބު ހާޒިރު ކުރީ ކްރިމިނަލް ކޯޓަށެވެ. އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ ބަންދުގެ މުއްދަތު ޖެހުމަށެެވެ.

ފުލުހުންގެ އިދާރާއިން އަދީބު ކްރިމިނަލް ކޯޓަށް ގެންދަނީ: އެނާ ފުލުހުންގެ އިދާރާ ދެ ގަޑިއެއްހާ އިރު ގިނައިރު ފުލުހުންގެ އިދާރާގައި ބެހެއްޓި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އަޑުއެހުމަށް އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ އާއި ގާތް މީހުންވެސް ދިޔަ އެވެ. އަދީބު ޝަރީއަތުގެ މަޖިލީހަށް ވަނީ ވަރަށް ވެސް އުފާވެރިކަމާއެކު ނުތަނަވަސް ކަމެއް ނެތި އެވެ. އަނބިކަބަލުން ނަޝްވާއަށް އަތުން އިޝާރާތް ކުރެއްވި އެވެ. އަދީބު ގޮޑީގައި ޖައްސާލުމަށް ފަހު އަނެއްކާވެސް ފަސް އެނބުރި ބަލާލީ އަނބިކަބަލުން ނަޝްވާއާ ދިމާލަށެވެ. އުފާ އުފަލުން ހިނިތުންވުމާއެކު އެވެ. ބަންދުގެ އަޑުއެހުން ފެށުނީ ރޭ ދަންވަރު ގަޑިން 1:17 ގައެވެ.

އަދީބު ފިއްލަވާފާނެ ކަމުގެ ބިރު

ބަންދުގެ އަޑުއެހުން ފެށުމަށްފަހު ފުލުހުންގެ އިންވެސްޓިގޭޓް އޮފިސާ އަދީބު ބަންދުކުރުމަށް ބޭނުންވާ ސަބަބުތައް ހާމަ ކުރެއްވި އެވެ. މައިގަނޑު ގޮތެއްގައި އޭނާ ތިން ސަބަބެއް ނެންގެވި އެވެ. އަދި އެގޭ އިތުރުން އިތުރު ނުގުތާތަކެއްވެސް އައިއޯ ފާހަގަ ކުރެއްވި އެވެ.

އަދީބު ހައްޔަރު ކުރަން ބޭނުންވާ ސަބަބު ހާމަ ކުރައްވާ އައިއޯ ވިދާޅުވީ، އަދީބަކީ އެމްއެމްޕިއާއަރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކަށް ވެފައި އަދިވެސް ފުލުހުން ދަނީ އޭނާއާ ގުޅޭ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާ ފިލަން މައްސަކަތް ކުރުމުން އިތުރަށް ފިލާފާނެތީ، އަދީބު ބަންދު ކުރަން ޖެހޭ ކަމަށް އައިއޯ ވިދާޅުވި އެވެ.

"އިންތިޒާމް ވެގެން ހިންގާފައިވާ ބޮޑެތި ކުށްތަކުގެ ތުހުމަތު" އަދީބަށް ކުރެވި، އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ތަހުގީގު ހިންގަމުންދާތީއާއި މުޖްތަމައުގެ ސުލްހައަށާއި އަދީބާގެ ރައްކަލަކަށްޓަކައި އޭނާ ބަންދު ކުރަން ޖެހޭ،" އައިއޯ ވިދާޅުވި އެވެ. އޭގެ އިތުރުން، ހެއްކަށް ނުފޫޒު ފޯރުވައި ނުވަތަ ހެކި ނައްތާލާނެ ކަމަށް ބެލެވުމަކީވެސް އަދީބު ބަންދު ކުރަން ޖަހަން ޖެހޭ ސަބަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ޓެރެރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން އަދީބު ބަންދުކުރަމަށް ފުލުހުންގެ ފަރާތުން އައިއޯ އެދިވަޑައިގެންނެވި އެވެ.

އަދީބާއި ދައުލަތާ ދެމެދު އެއްބަސްވުމެއް!

އަދީބު ބަންދު ކުރަންޖެހޭ ސަބަބުތައް އިތުރަށް ހާމަ ކުރައްވަމުން އައިއޯ ވިދާޅުވީ، ހިޔާނާތުގެ މައްސަލައަށް އިއުތިރާފްވެ، ޕްރޮސެކުޓާ ޖެނެރެލް އޮފީހާއެކު އަދީބު އެގްރިމަންޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެގްރިމަންޓްގެ ދަށުން އޭނާއަށް އެނގޭ މައުލޫމާތުތަކެއް ތަހުގީގަށް ކިޔައިދިނުމަށް އަދީބު އެއްބަސްވެފައިވާ ކަމަށް އައިއޯ ވިދާޅުވި އެވެ.

އައިއޯ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހުރި ޕެންޑްރައިވް އަކާއި ފޯނެއް ދިނުމަށްވެސް އަދީބު އެއްބަސްވި ކަމަށެވެ. ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ޓަގް ބޯޓެއްގައި ފިލައިގެން ދިޔައީ އެ ޕެންޑްރައިވްއާއި ފޯނު ނުދީ ކަަން އައިއޯ ފާހަގަ ކުރެއްވި އެވެ.

އެގްރިމަންޓާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް އައީ ވިދާޅެއްނުވެ އެވެ. ޖިނާއީ އިޖުރާތު ގާނޫނުގެ 104 ވަނަ މާއްދާގައިވާގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހާ ކުށަށް އިތުރާފްވެއްޖެ ނަމަ، އޭނާއާ ޕީޖީއާ މެދު އެއްބްސްވުމެއް ހެދިދާނެ ކަމަަށެވެ.

އައިއޯގެ ވާހަކަތަކައްފަހު ވާހަކަ ދައްކަވަން ފެއްޓެވީ އަދީބެވެ؛

ޕާސްޕޯޓު ހިފައްޓާފައި ވަނިކޮށް ފިލުމަށް މަޖުބޫރިވި ސަބަބު ހާމަ ކުރައްވާ އެކާމާ ގުޅޭ ތަފްސީލީ ވާހަކަތަކެއް އަދީބު އަޑު އެހުމުގައި ހިއްސާ ކުރެއްވި އެވެ. ދައުލަތާއެކު އެގްރިމަންޓެއް ހެދިކަމަށް އަދީބުވެސް ވިދާޅުވި އެވެ. އަދީބު ވިދާޅުވީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ޕީޖީއާއެކު ހެދި އެ އެއްބަސްވުމަށް އޭނާ ފުރިހަމައަށް އެއްބާރުލުންދީ އެއްބަސްވުމާ އެއްގޮތަށް ކަންތައް ކުރައްވަމުން ގެންދެވި ކަމަށެވެ. އަދި، މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ވެސް އެބަސްވުމާ އެގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ޕީޖީއާ ހިއްސާ ކުރަމުން ގެންދިޔަ ކަމަށްވެ އެވެ.

މައުލޫމަތު ހިއްސާކުރުމުން ފުރާނައަށް ނުރައްކާ!

އަދީބު ވިދާޅުވީ، އޭނާ ޕީޖީއާއެކު ހިއްސާ ކުރަމުން ދިޔަ މައުލޫމަތަކީ ކުރިން ތިލަ ނުވާ ވަރަށް މުހިންމު މައުލޫމާތެއް ކަމަށެެވެ. އޭގެ ތެރޭގައި، ހިޔާނާތާ ގުޅޭ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބިވި ފަރާތްތަކާއި ސިޔާސީ ފަރާތްތަކާއި ޝަރުއީ ކޯޓުގެ ފަރާތްތަކާ މަޖިލިސް މެމްބަރުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"މައުލޫމަތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ނެންގެވި ޑެސިޝަން ނެނގުނީ،" އަދީބު ފިއްލަވަން މަޖުބޫރިވި ސަބަބު ހަމަ ކުރައްވާ އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭނާ ބޭނުންވަނީ އެއްބަސްވުން އެއްގޮތައް ކުރިއަށް ދިޔުމަށް ކަމަށެެވެ.

އަދީބު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް!

އަދީބުގެ ވާހަކަތަކަށްފަހު އޭނާގެ ވަކީލް މަހްފޫޒު ސައީދު ފުލުހުންނަށާއި ދައުލަތުގެ ވަކީލުންނަށް ސުވާލުތަކެއް ކުރެއްވި އެވެ. އެގޮތުން އަދީބު ހައްޔަރު ކުރެވުނީ ކޯޓު އަމުރަކުންތޯ އާއި ހައްޔަރު ކުރީ ކޮންތާކުންތޯ މަހްފޫޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ވިދާޅުވީ، އަދީބު ހައްޔަރު ކުރީ ކޯޓު އަމުރަކުން ކަމަށާއި ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

އައިއޯ އެގޮތައް ވިދާޅުވުމުން މަހުފޫޒު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ނޭރޭ އަމުރެއް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތައްތޯ މަހްފޫޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޯޓަކުން ނެރޭ އަމުރެއް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ނުގހިނގާނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ޝަހުމާ ވިދާޅުވި އެވެ.

އެއާއެކު، އަދީބު ރާއްޖޭގެ ކަނޑުގެ ސަރައްދުން ބޭރުން ހައްޔަރުކޮށްފައިވަނީ، ބައިނަލް އަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ދައުލަތުގެ ވަކީލާ ޝަހުމާ އިއުތިރާފްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަތިން އެގޮތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރު ކުރެވޭނީ އެންމެ ހާލަތެއްގައި ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރާ މީހާ ހުރީ ދިވެހި ދިދަ ޖެހި އަދި ރާއްޖޭގެ ރަޖިސްޓްރީ އޮތް އުޅަނދަކަށް ވާ ނަމަ ކަމަށް ގަޒީ ވިދާޅުވއިެވެ.

އަދީބު ހައްޔަރު ކުރި އިރު ޓަގު ބޯޓުގައި ހުރި ކޮން ގައުމެއްގެ ދިދައެއްތޯ އަދި އެއީ ރާއްޖޭގެ އުޅަނދެއްތޯ ގާޒީ ސުވާލު ކުރުމުން އައިއޯ ވިދާޅުވީ، އެ އުޅަނދުގައި ހުރީ އިންޑިއާގެ ދިދައެއް ކަމަށާއި އެ އުޅަނދަކީ ރާއްޖޭގެ އުޅަނދެއް ނޫން ކަމަށެވެ.

އެއާއެކު މައްސަލަ ބައްލަވާ ގަޒީ ނިންމެވީ އަދީބު ހައްޔަރު ކޮށްފައި ވަނީ ގަނޫނާ ހިލާފަށް ކަނޑައަޅާ އޭނާ ބަންދު ކުރުމުގެ އަމުރު ނެރެން ނުފެންނަ ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ، މީހަކު ބަންދު ކުރަން އަމުރެއް ނެރޭ އިރު، އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށް އަލީ ރަޝިދު ވިދާޅުވި އެވެ.

އެހެންކަމުން ގާޒީ އަލީ ރަޝީދު ނިންމެވީ ގާނޫނާ ހިލާފަށް އަދީބު ހައްޔަރުކޮށްފައިވާތީވެ އޭނާ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމަށެވެ.

ގާޒީ ނެރުނު އަމުރާއެކު އަދީބުގެ އަނބިކަބަލުން ނަޝްވާއަށް ފެން ކަޅިވެ އުފަލުން ރޮވުނެވެ. އެއާއެކު ނަޝްވާ އޭނާގެ މޫނު މަތީގައި އަތް އެޅިތަން ނޫސްވެރިންނަށް ފެނުނެވެ. ޝަރީއަތުގެ މަޖިލީހަށް 12:10 ގައި ވަތް ގޮތަށް ނޭވާ ހިފަހައްޓާލައިގެން އިން ނަޝްވާއަށް އުފާވެރި ކަންއަ އެވެ. ޝަރީއަތުގެ މަޖިލީހުން ނިކުމެވުނު އިރު މެންދަމު ގަޑިން 2:18 ވިއެވެ.

comment ކޮމެންޓް