ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ފިލަން މަސައްކަތް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަަދީބު އަބްދުލްޣަފޫރު އަނބުރާ ރާއްޖެ ގެނެސް، ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އަދީބު ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާގެ ސޫތުކުޅި ބަނދަރުން އެ ގައުމުގެ ފުލުހުން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އެއާއެކު އޭނާ ވަނީ އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އިންޑިއާއިން އޭނާއަށް ހިމާޔަތް ނުދޭން ނިންމައި އޭނާ އެނބުރި ރާއްޖެ ފޮނުވާލިއެވެ. އިއްޔެ ހަވީރު ދިވެހި ފުލުހުން ވަނީ އޭނާއާ ހަވާލުވެ، އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރާކަމަށް ބުނެފައެވެ.
އަދީބު މާލެ ގެނައީ މިރޭ 10:35 އެހައިކަންހާއިރު ގައެވެ. އަދީބު މާލެ ގެނެސްފައިވަނީ ކޯސްޓްގާޑް ޝީޕް ހުރަވީގައެވެ. މިހާރު އޭނާ ވަނީ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުކޮށްފައެވެ.
އަދީބު ހުރަވީ ޝިޕުން ފައިބައިވަޑައިގެން ފުލުސް ހޮފީހަށް ވެންނެވީ ހިނިތުންވެފައި ހުރެ އެވެ. އަދީބުގެ ވަށައިގެން އެސްއޯ ފުލުހުންގެ ފަސް މީހަކު ތިއްބެވެ.
އަދީބު ގަނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހަޅަން އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ ނިންމާފައެވެ.
ގާނޫނީ ޓީމުން މިރޭ ނެރެފައިވާ ބަޔާނުގައި ބުނީ، އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް އޭނާގެ ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީ، ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
ގާނޫނީ ޓީމުން ބުނެފައިވަނީ އަދީބު ދަތުރުކުރި ޓަގު ބޯޓު ސޫތުކުޅި ބަނދަރުގައި އޮތް އިރު އަދީބުއާ ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އޭގެ ފަހުން އެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ވާގޯ 9 ބޯޓު އޮތީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޓަމިލް ނާޑޫގެ ނޫސްވެރިންގެ ފަރާތުން ލިބުނު ފޮޓޯތައް ދައްކާ ގޮތުގައި އެ ބޯޓު އޮތީ ސޫތުކުޅި ބަނދަރާ 500 މޭލު ދުރުގައި ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.
"ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގެ ކަންކަން ކަނޑައަޅާފައިވަނީ އދގެ ލޯ އޮފް ދަ ސީ މުއާހަދާގެ ދަށުން. ބައިނަލއަގުވާމީ ކަނޑުގެ ސަރަހައްދު ކަމަށް ބެލެވޭނީ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލު ބޭރުން ކަމަށް. އެ މިނުން އެތެރޭގައި ހިމެނޭ ސަރަހައްދު ބެލެވޭނީ އެ ގައުމެއްގެ ސަރަހައްދުގެ ގޮތުގައި. އެހެންކަމުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރި ނުކުތާ ގަބޫލެއް ނުކުރެވޭ،" ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.
"ގާނޫނާ ހިލާފަށް އޭނާ ހައްޔަރު ކޮށްފާވީއިރު، އެ މައްސަލަ ޖެނީވާގައި ހުންނަ ހާއްސަ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް މި ހުށަހަޅާނެ ކަމުގެ ޔަގީންކަން ދެން،" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އދގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސް (އެޗްސީއެޗްއާރު) އިން އަދީބުގެ ހައްގުތައް ރައްކާތެރިކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އަދީބު ފިލި މައްސަލައިގައި ހެއްކާއި ގަރީނާ ހޯދުމަށް ކޯޓު އަމުރާއެކު އޭނާ ދިރިއުޅޭ ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާ ފުލުހުން ރޭ ވަނީ ބަލައި ފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން އެއްވެސް އެއްޗެއް ފުލުހުން ގެންދިޔަ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އެކި އެކި ކުށްތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އައެވެ. ނަމަވެސް ފަހުން ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފައެވެ.
މިހާރު ކޯޓުގައި އޮތީ އަދީބާ ގުޅޭ އެންމެ މައްސަލައެކެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސްއިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި މައްސަލައެއެވެ. އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.