ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލަން މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އަދީބު ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާގެ ސޫތުކުޅި ބަނދަރުން އެ ގައުމުގެ ފުލުހުން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އެއާއެކު އޭނާ ވަނީ އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އިންޑިއާއިން ވަނީ އޭނާއަށް ހިމާޔަތް ނުދޭން ނިންމައި އޭނާ އެނބުރި ރާއްޖެ ފޮނުވާލިއެވެ. އިއްޔެ ހަވީރު ދިވެހި ފުލުހުން ވަނީ އޭނާއާ ހަވާލުވެ، އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރާކަމަށް ބުނެފައެވެ.
އެކާމާ ގުޅިގެން އަދީބު ތަމްސީލު ކުރާ އިނގިރޭސި ވިލާތުގެ "ގަރްނިކާ 37" ލޯ ފާމުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އޭނާ އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް އޭނާގެ ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީ، ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
ގާނޫނީ ޓީމުން ބުނެފައިވަނީ އަދީބު ދަތުރުކުރި ވާގޯ 9 ބޯޓު ސޫތުކުޅި ބަނދަރުގައި އޮތް އިރު އަދީބުއާ ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އޭގެ ފަހުން އެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ވާގޯ 9 ބޯޓު އޮތީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޓަމިލް ނާޑޫގެ ނޫސްވެރިންގެ ފަރާތުން ލިބުނު ފޮޓޯތައް ދައްކާ ގޮތުގައި އެ ބޯޓު އޮތީ ސޫތުކުޅި ބަނދަރާ 500 މޭލު ދުރުގައި ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.
"ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގެ ކަންކަން ކަނޑައަޅާފައިވަނީ އދގެ ލޯ އޮފް ދަ ސީ މުއާހަދާގެ ދަށުން. ބައިނަލއަގުވާމީ ކަނޑުގެ ސަރަހައްދު ކަމަށް ބެލެވޭނީ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލު ބޭރުން ކަމަށް. އެ މިނުން އެތެރޭގައި ހިމެނޭ ސަރަހައްދު ބެލެވޭނީ އެ ގައުމެއްގެ ސަރަހައްދުގެ ގޮތުގައި. އެހެންކަމުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރި ނުކުތާ ގަބޫލެއް ނުކުރެވޭ،" ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ބެލެވޭ ގޮތުގައި، އިންޑިއާއިން ދިވެހި ފުލުހުންނާ އަދީބު ހަވާލުކުރީ ވާގޯ 9 ބޯޓު އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރަށް ގެންދިއުމަށްފަހުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް [ސޫތުކުޅީގެ] ޗީފް އޮފް ޕޮލިސް މައުލޫމާތު ދެމުން ވިދާޅުވީ އަދީބު ހުރީ ހައްޔަރުގައެއް ނޫން، އަދި އިތުރު މައުލޫމާތު ހޯދުމަށް ޓަމިލް ނާޑޫ ސަރުކާރާ ވާހަކަދެއްކުމަށް އެދުނު. އަޅުގަނޑުމެން ޓަމިލް ނާޑޫ ސަރުކާރުގެ ޗީފް ސެކްރެޓަރީއާ މުއާމަލާތްކުރުމަށް މަސައްކަތްކުރިން. އެކަމަކު އެއްވެސް އިޖާބައެއް ނުލިބޭ. ފަހުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ޓަމިލް ނާޑޫ ސަރުކާރާއި އިންޑިއާގެ މައި ސަރުކާރުގެ އޮފިޝަލުން ވަނީ އެ އުޅަނދަށް އަރައި، އަދީބާ ސުވާލުކޮށްފައި،"
ވަކީލުން ބުނީ އަދީބު ދިވެހި ފުލުހުންނާ ހަވާލުކުރުމަށްޓަކައި، އަދީބު ހުރީ ބައިނަލްއަގުވަމީ ކަނޑުގެ ސަރަހައްދުގައި ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ ކަން އެހެން ކުރުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ހަނދާންކޮށްދީފައި ވެސް ވާނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް އޭނާ ހައްޔަރު ކޮށްފާވީއިރު، އެ މައްސަލަ ޖެނީވާގައި ހުންނަ ހާއްސަ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް މި ހުށަހަޅާނެ ކަމުގެ ޔަގީންކަން ދެން،" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އދގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސް (އެޗްސީއެޗްއާރު) އިން އަދީބުގެ ހައްގުތައް ރައްކާތެރިކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އަދީބު ފިލި މައްސަލައިގައި ހެއްކާއި ގަރީނާ ހޯދުމަށް ކޯޓު އަމުރާއެކު އޭނާ ދިރިއުޅޭ ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާ ފުލުހުން ރޭ ވަނީ ބަލައި ފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން އެއްވެސް އެއްޗެއް ފުލުހުން ގެންދިޔަ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އެކި އެކި ކުށްތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އައެވެ. ނަމަވެސް ފަހުން ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފައެވެ.
މިހާރު ކޯޓުގައި އޮތީ އަދީބާ ގުޅޭ އެންމެ މައްސަލައެކެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސްއިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި މައްސަލައެއެވެ. އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.