ލުތުފީގެ ތުހުމަތުތަކުން އިމްރާން އަންތަރީސް ވެއްޖެ

އިމްރާން: ލުތުފީގެ ތުހުމަތުތަކާ ގުޅިގެން އަންތަރީސް ވެއްޖެ ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް، ހަސަން ލުތުފީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ގުޅޭގޮތުން ކުރެއްވި ތުހުމަތުތަކުން އިމްރާން އަންތަރީސް ވެއްޖެ އެވެ.

ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވަނީ އިމްރާނާ ގުޅޭ ގޮތުން ސީރިޔަސް ތުހުމަތުތަކެއް ކުރައްވާފައެެވެ. އެގޮތުން އޭނާ ފުރޭމް ކޮށް ހައްޔަރު ކުރާނެ ކަމުގެ އިންޒާރު އިމްރާން އޭނާ އަށް ދިން ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީ ކުރެއްވި ތުހުމަތުތައް ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް "ބަޔަކު ގަބޫލު ކުރުމުން އަންތަރީސް ވެއްޖެ ކަމަށެވެ.

"މީހަކަށް ބިރުދައްކައި އިންޒާރުދީ ފްރޭމްކުރާނެ ކަމަށް ބުނެ ބިރުއްދާކާ މިންވަރަށް އަޅުގަނޑު ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަނަތަރީސް ވެއްޖެ،" ލުތުފީ ދެއްކި ވާހަކަ ތަކަށް ރައްދު ދެއްވާ އިމްރާން ވިދާޅުވިއެވެ.

އިމްރާން ކުރެއްވި ޓްވީޓްގައި ލުތުފީ ކުރެއްވި ތުހުމަތުތައް އޭނާ ސީދާ ދޮގު ނުކުރައްވައެވެ.

އެ އިންޓަވިއުގައި ލުތުފީ ވިދާޅުވީ، އޭނާ އޮފީހަށް ނުނިކުމެ، ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ ތަފާތު އެކި ގޮތްގޮތުން އޭނާ އަށް ކުރިމަތިވި ބިރުދެއްކުންތަކާ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީވެސް މަޖުބޫރުވެގެން ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ފްރޭމްކޮށްގެން ވެސް ހައްޔަރު ކުރެވިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަޅުގަނޑާ ދިމާލަށް ބުނި. ބޭނުންވެއްޖެ ނަމަ ފްރޭމްކޮށްގެން ވެސް ކަލޭ ހައްޔަރު ކުރެވޭނެ ކަމަށް ބުނި. ހަމަ ސީދާ އެގޮތަށް [އިމްރާން] އަޅުގަނޑާ ވާހަކަ ދެއްކެވީ،" ލުތުފީ ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ޗުއްޓީއެއް ނެންގެވުމަށްފަހު، ލުތުފީ އެސީސީގެ ވަޒީފާ އަށް ނުނިކުމެ ދިރިއުޅެމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. މުސާރަ ނަންގަވައިގެން ވަޒީފާ އަށް ނުނިކުންނާތީވެ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމި އެވެ. އެއާއެކު ލުތުފީ ވަނީ އަމިއްލަފުޅަށް އޭސީސީއިން އިސްތިއުފާ ދެއްވާފަ އެވެ.

comment ކޮމެންޓް