ދިވެހިރާއްޖެއަށް އެތެރެވެ އަދި ބޭރުވުމަށް ބޭނުންކުރާ ދޮރާށިތަކަކީ ސަލާމަތީގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށް، އިމިގްރޭޝަނުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮކިއުމަންޓު އެގްޒަމިނޭޝަން ލެބެއް މިއަދު ގާއިމު ކޮށްފި އެވެ.
އެ ލެބް އިފްތިތާހު ކޮށްދެއްވީ މިކަމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ.
އިމިގްރޭޝަނުން ބުނީ ޑޮކިއުމެންޓު އެގްޒަމިނޭޝަން ލެބެއް ހުޅުވުމުގެ ބޭނުމަކީ ޕާސްޕޯޓު ފަދަ ޝަހުސު އަންގައިދޭ އަދި ސަލާމަތީ ރައްކާތެރިކަމާއި ގުޅުންހުރި ލިޔެކިޔުންތައް ތަހުލީލުކޮށް، އެތަކެތި ބޭނުން ކުރަނީ ސައްހަ ގޮތުގައިކަން ޔަގީން ކުރުމުގައި ޒަމާނީ ޓެކްލޮނޮޖީގެ ބޭނުން ކުރުމެވެ.
އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކުރެވިގެން ދިޔަ ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބަކީ ގަން އެއާޕޯޓުން އެތެރެވާ އަދި ބޭރުވާ ފަރާތްތަކުގެ ތެރެއިން ސައްހަ ނޫން ޕާސްޕޯޓު ބޭނުން ކުރާ ފަރާތްތައް ފަސޭހައިން ދެނެގަތުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށް ވާނެ ކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކުރި ޑޮކިއުމަންޓު އެގްޒެމިނޭޝަން ލެބަކީ އިމިގްރޭޝަނުން ރާއްޖޭގައި ގާއިމު ކުރި އެފަދަ ދެވަނަ ލެބެވެ.
ޑޮކިއުމެންޓް އެގްޒަމިނޭޝަން ލެބެއް އެންމެ ފުރަތަމަ ގާއިމު ކޮށްފައިވަނީ 2015 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ލެބު ތަކުގައި ބޭނުން ކުރާ އެންމެ މުހިންމު އާލާތް ކަމުގައިވާ "ޑޮކިއުމަންޓް ވެރިފަޔާ" އަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ.