ޓްރާންސްފާގެ ޒުވާބުތަކަށް ފަހު ނޭމާ އެނބުރި ޕީއެސްޖީގެ ފަރިތަކުރުންތަކަށް

ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ --- ފޮޓޯ// ޑެނިއެލް ލެވިސް

މިހާރު ހުޅުވާލެވިފައިވާ "ސަމާ ޓްރާންސްފާ"ގެ ޔޯލަ ވާހަކަތަކުން އެންމެ ގިނަ ސުރުހީތަކުގެ ޖާގަ ހޯދަމުން އަންނަ ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ އޭނަގެ ޗުއްޓީއަށް ފަހު އެނބުރި އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އަނިޔާގެ ސަބަބުން ނިމިގެން ދިޔަ ކޮޕާ އެމެރިކާއިން ޖާގަ ނުލިބި ކުޅުމާ ދުރުގައި މަޑު ކުރަން ޖެހުނު ނޭމާއާ ބެހޭ ގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. ކުލަބު ބަދަލުވާން އުޅޭ ވާހަކަ އާއި ރޭޕް ކޭހެއްގެ ވާހަކައިގެ އިތުރުން ޕީއެސްޖީގެ މެނޭޖްމެންޓާ މައްސަލަ ޖެހުނު ވާހަކަތަކުން ނޭމާގެ ނަން ވަނީ ގިނަ ނޫސްތަކެއްގެ ބޮޑު ސުރުހީތަކުން ޖާގަ ހޯދައިފަ އެވެ.

https://sun.mv/121853

އެގޮތުން އޭނާއާ ބެހޭ ގޮތުން އެންމެ ގިނައިން ދެކެވޭ ވާހަކަ އަކީ އޭނާ އެނބުރި ސްޕެއިންގެ ބާސެލޯނާއަށް ދާން އުޅޭ ކަމުގެ ވާހަކަ އެވެ. އެ ވާހަކަ ގިނަ ބަޔަކު ދައްކަނީ އެކަމަށް ބާރު ލިބޭ ގިނަ ހެކިތަކެއް ވެސް ހުރުމުންނެވެ. ދާދި ފަހުން ނޭމާގެ އިންޓަވިއުއެއްގައި އޭނާ ވަނީ ބާސެލޯނާ އަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ. އޭނާ އެދުވަހު ދެއްކި ވާހަކަތަކުގެ ސަބަބުން ޕީއެސްޖީގެ މެނޭޖްމެންޓުން ވަނީ އޭނާ ބޭނުން ނެތް ނަމަ ކުލަބު ދޫކޮށް ދިޔަސް އެންމެ ރަނގަޅު ކަމަށް ބުނެފަ އެވެ.

އަދި އޭގެ ފަހުން އަޑު އިވިގެން ދިޔައީ ނޭމާ ގާތު ބުނި ދުވަހަށް ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެގެން އޭނާ އަށް އަދަބު ދޭން ކުލަބުން ނިންމި ކަމުގެ ވާހަކަތަކެވެ. ނަމަވެސް އަނިޔާގައި ހުރުމުން އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުނީ ކަމަށް ނޭމާ ވަނީ ބުނެ އެ މައްސަލަ އޮއްބާ ލައިފަ އެވެ.

ފަހަކަށް އައިސް ނޭމާއާ ބެހޭ ގޮތުން ދެކެވުނު ޔޯލަ ގިނަ ވާހަކަތަކާ އެކު ވެސް އޭނާ މިހާރު ވަނީ ޕީއެސްޖީން ހަދަމުން އަންނަ ތަމްރީންތަކުގައި ރަސްމީކޮށް ބައިވެރިވާން ފަށައިފަ އެވެ.

https://sun.mv/121993

ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވި ހިސާބުން ކޮންމެ ޓްރާންސްފާ މާރުކޭޓެއްގައި ވެސް އޭނާއާ ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް ދެކެވެ އެވެ. އެހެން ކަމުން މިފަހަރު ވެސް ނޭމާ ފެނިގެން ދާނީ ޕީއެސްޖީން ކަމުގައި ބެލެވެ އެވެ.

comment ކޮމެންޓް