ދ. މާގައުގައި ހެދި ބަގްލިއޯނީ ރިސޯޓު ހުޅުވައިފި

ދ. މާގައު -- އެ ރަށުގައި އިޓަލީގެ ބަގްލިއޯނީ ހޮޓެލްސްއިން ހެދި ރިސޯޓު 1 އޯގަސްޓް 2019 ގައި ވަނީ ހުޅުވާފައި -- ފޮޓޯ/ ބަގްލިއޯނީ ރިސޯޓްސް

އިޓަލީގެ ބަގްލިއޯނީ ހޮޓެލްސްއިން ދ. މާގައުގައި ހެދި ރިސޯޓު "ބަގްލިއޯނީ ރިސޯޓު މޯލްޑިވްސް" ހުޅުވައިފިއެވެ.

މާގައުގައި ހެދި ބަގްލިއޯނީ ރިސޯޓު ހުޅުވާފައިވަނީ އިއްޔެއެވެ.

ބަގްލިއޯނީ ރިށޯޓު މޯލްޑިވްސް ހަދާފައިވަނީ، އެ ރިސޯޓުން ބުނާ ގޮތުގައި، އިޓަލީގެ ޑިޒައިންތަކާއެކުގައެވެ. ބަގްލިއޯނީއިން ބުނީ މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ "އިޓާލިއަން ލަގްޒަރީ" ރިސޯޓެވެ.

ދ. މާގައު -- އެ ރަށުގައި އިޓަލީގެ ބަގްލިއޯނީ ހޮޓެލްސްއިން ހެދި ރިސޯޓު 1 އޯގަސްޓް 2019 ގައި ވަނީ ހުޅުވާފައި -- ފޮޓޯ/ ބަގްލިއޯނީ ރިސޯޓްސް

ފަސް ތަރީގެ މި ރިސޯޓުގައި 96 ވިލާ ހިމެނެއެވެ. އޭގެ ތެރޭގައި 42 ވޯޓާ ވިލާއާއި، 8 ގާޑްން ވިލާގެ އިތުރުން 34 ބީޗު ވިލާ ހިމެނެއެވެ. އޭގެ އިތުރުން "ޕޫލް ގްރޭންޑް ބީޗު ވިލާ"އާއި "ޕޫލް ސުއީޓް ބީޗު ވިލާ"ގެ ނަމުގައި ބޮޑު ދެ ބީޗު ވިލާއާއި، މޫދުގައި ޕްރެޒިޑެންޝަލް ވޯޓާ ވިލާއެއްވެސް ހުރެއެވެ.

މާލެއިން ފުރައިގެން ސީޕްލޭނުގައި 40 މިނިޓުން ދަތުރުކުރެވޭ ދުރުމިނުގައި އޮންނަ މާގައުގައި ގޯމޭ ޑިޝްތައް ސާވްކޮށްދޭ ތިން ރެސްޓޯރަންޓު ހުރެއެވެ. އަދި ޕޫލް ބާއަކާއި ގްރިލް އައުޓްލެޓެއްވެސް ހުންނަކަމަށް އެ ރިސޯޓުން ބުނެއެވެ.

ދ. މާގައު -- އެ ރަށުގައި އިޓަލީގެ ބަގްލިއޯނީ ހޮޓެލްސްއިން ހެދި ރިސޯޓު 1 އޯގަސްޓް 2019 ގައި ވަނީ ހުޅުވާފައި -- ފޮޓޯ/ ބަގްލިއޯނީ ރިސޯޓްސް

މީގެ އިތުރުން މި ރިސޯޓުގައި "މާގައު ޑައިވް ސެންޓާ"ގެ ނަމުގައި ޑައިވް ސެންޓަރަކާއި "ބަގްލިއޯނީ ސްޕާ"އެއް ވެސް ހުރެއެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމާ ދިމާލަށް ދާ އިރު، ސީޒަނާ ދިމާކޮށް ގިނަ ރިސޯޓުތަކެއް ހުޅުވުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.

އެމްއެމްޕީއާރުސީގެ ދަށުން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ދ. މާގައު ދޫކޮށްފައިވަނީ އިޓަލީގެ އެލްބަޓީނޯ ޕެރޫޒޯ ކިޔާ މީހަކާއި، ޕެނަމާގެ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ދިވެހި ކުންފުނި، ނިއު މޫޑް ޕްރައިވެޓް ލިމިޓެޑަށެވެ.

ނިއު މޫޑުގެ ފަރާތުން އެލްބަޓީނޯ ޕެރޫޒޯ، ދ. މާގައުގެ އެކުއިޒިޝަން ފީގެ ގޮތުގައި ދައްކަންޖެހޭ 2.25 މިލިއަން ޑޮލަރު، އެމްއެމްޕީއާރުސީގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް މި އަހަރު އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓުން ހާމަވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނާ ގޮތުގައި، އެކުއިޒިޝަން ފީގެ ގޮތުގައި 2.25 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ޖަމާކޮށްފައިވާ އިރު، މާގައުގެ ހެޑް ލީސް ޕޭމެންތުގެ ގޮތުގައި އިތުރު 2.25 މިލިއަން ރުފިޔާ، އެލްބަޓީނޯ ޕެރޫޒޯގެ ފަރާތުން މޮންޓިލިއަން އިންޓަނޭޝަނަލް ކުންފުންޏަށް ޖަމާކޮށްފައި ވެއެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްއަކީ މީގެ ކުރިން އަހްމަދު އަދީބުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި އޭނާގެ އާއިލީ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ.

comment ކޮމެންޓް