މަޖީދިއްޔާ ސްކޫލް ބޭންޑުގެ ކުރީގެ ދަރިވަރުން ގުޅިގެން އުފައްދައިފައިވާ ޖަމިއްޔާ "އަންބާ" ގެ އަހަރީ އާންމު ޖަލްސާ މިދިޔަ ބުދަދުވަހުގެ ރޭ ބާއްވައިފިއެވެ.
މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމްގައި ބޭއްވި އެ ޖަލްސާގައި, އަންބާގެ ހިންގާ ކޮމެޓީ އިންތިހާބުކޮށް މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަނުކޮށްފައެވެ.
އަންބާ ޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޖަމިއްޔާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމުގެ ހަރަކާތްތައް ހިންގުމާއެކު، މަޖީދިއްޔާ ސްކޫލްގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލް ބޭންޑުތަކަށް އެހީގެ ފުރުސަތުތައް ހޯދައި މަގުފަހިކޮށްދިނުން ހިމެނެއެވެ.

މަޖީދިއްޔާ ސްކޫލުގެ ކުރީގެ ބޭންޑެއް--
އަދި ބޭންޑުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރަކާތްތައް އިންތިޒާމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަންބާގެ އޮނިގަނޑު ބިނާވެފައިވަނީ 1965 އިން ފެށިގެން މަޖީދިއްޔާ ސްކޫލް ބޭންޑުގެ އުމުރު ބަހާލެވޭ ފަސް ދަހައިގެ މައްޗަށެވެ. ފުރަތަމަ ދަހަ އެކުލެވޭ އަހަރުތަކަކީ 1979-1965 އެވެ. ދެވަނަ ދަހައަކީ 1980 ގެ އަހަރުތަކެވެ. ތިންވަނަ ދަހައަކީ 1990 ގެ އަހަރުތަކެވެ. އަދި ހަތަރުވަނަ ދަހައިގައި 2009-2000 ގެ އަހަރުތައް ހިމެނިފައި ފަސްވަނަ ދަހައަކީ 2019-2010 ގެ އަހަރުތަކެވެ. އަންބާގެ ހިންގާކޮމެޓީ އެކުލަވާލައިފައިވަނީވެސް ދަހަތަކުގެ މަންދޫބުން ހިމެނޭގޮތަށެވެ.