ކޯޓު އަމުރަކާ ނުލާ މަސް ފެކްޓްރީތަކަށް ވަދެ މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް

ޅ. ފެލިވަރު މަސް ފެކްޓްރީގައި މުވައްޒަފުން މަސައްކަތް ކުރަނީ

މަސް ފެކްޓްރީތަކާއި އައިސްޕްލާންޓްތަކަށް ކޯޓު އަމުރެއް ނެތި ވަދެ ބަލައި ފާސް ކުރުމާއި އެތަންތަނުގެ ވެރިންނާއި މުވައްޒަފުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދެވޭ ގޮތަށް މަސްވެރިކަމާއި ބެހޭ ބިލު އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި އެވެ.

މަސްވެރިކަމާ ބިލު މަޖިލީހަށް ހުށަހެޅި މިއީ ދެވަނަ ފަހަރެވެ. މިފަހަރު ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މަސްވެރިކަމުގެ ބިލުގައި ބުނެފައިވާ ގޮތުން މަސްވެރިކަން މޮނިޓަކޮށް ކޮންޓްރޯލް ކުރުމާއި ސާވޭލަންސާބެހޭ ނިޒާމެއް ހަދާ ތަންފީޒު ކުރަންވާނެ އެވެ. އަދި އެ ނިޒާމު ތަންފީޒު ކުރުމުގެ ބާރު ބިލުން ދީފައިވަނީ ސިފައިންގެ ކޯސްޓްގާޑަށާއި ފުލުހުން އަދި ޓްރާސްޕޯޓް އޮތޯރިޓީއަށެވެ.

ފުލުހުންނަށް ދީފައިވާ ތަންފީޒީ ބާރުތައް

މަސްވެރިކަމާ ބެހޭ ބިލުން ފުލުހުންނަށް ވަނީ ގިނަ ތަންފީޒީ ބާރުތަކެއް ލިބިދީފަ އެވެ. އެގޮތުން ކޯޓުއަމުރެއް ނެތި ތަންތަން ބަލާ ފާކުރުމާއި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް މަސްވެރިކަމާ ބެހޭ ބިލުން ފުލުހުންނަށް ދީފައިވެ އެވެ.

އެގޮތުން މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއް ފިޔަވައި އެހެން އެއްވެސް ތަނެއްގައި ގާނޫނާ ހިލާފަށް ބާނާފައިވާ މަސް ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ހާލަތުގައި ނުވަތަ މަސްވެރިކަމުގެ ބިލުގައި ގާނޫނާ ހިލާފު ކަމެއް ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކުރާ ކަމަށް ބެލެވޭ ނަމަ ކޯޓު އަމުރެއް ނެތަސް އެތަނަކަށް ވަދެ ބަލާ ފާސްކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ފުލުހުންނަށް ވަނީ ލިބިދީފަ އެވެ.

މާލޭ ފަޅުގައި އޮތް ދޯންޏަކުން މަސްތަކެއް ބާލައިގެން ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަސްވެރިކަމުގެ ބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފުކަމެއް ކުރަން ބޭނުންކުރާ އެއްގަމު އުޅަނދެއް ނުވަތަ އާލާތެއްވެސް ކޯޓު އަމުރަކާ ނުލާ ހިފެހެއްޓުމުގެ ބާރު ބިލުން ވަނީ ފުލުހުންނަށް ދީފަ އެވެ. އަދި އެބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފު ކަމެއް ކުރިކަން އަންގައިދޭ ކޮންމެ ހެއްކެއް އެއީ އާޓިކަލެއް، ރި\ކޯޑެއް އަދި ލިޔެކިޔުމެއް ނެގުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފަ އެވެ.

"މިގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވާ ވުމުގެ ސަބަބުން ނުވަތަ ކުރަމުން ދިޔުމުގެ ސަބަބުން ހިފެހެއްޓިފައިވާ އެއްގަމު އުޅަނދުތަކުގައި ކުށްކުރި ކަމަށް ނުވަތަ ކުށްކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެންމެހާ ފަރާތްތައް ހައްޔަރުކުރުން. އަދި މިގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވަނީ ނުވަތަ ކުރަމުން ދަނީ ދިވެހިރާއްޖޭގެ އެއްގަމުގެ ސަރަހައްދުތަކުގައިވާ އެކުއަކަލްޗަ ފެސިލިޓީއެއް ނުވަތަ މަސް ޕްރޮސެސްކުރާ ތަނެއް ނުވަތަ އައިސް ޕްލާންޓެއްގައި ނަމަ އެފަދަ ތަންތަން ހިންގާ ފަރާތާއި އެތަންތަނުގެ އެންމެހާ މުވައްޒަފުން ހައްޔަރު ކުރުން" ކޯޓު އަމުރަކާ ނުލައި ކުރުމަށް މަސްވެރިކަމުގެ ބިލުން ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެއިތުރުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ދޫކުރާ ލައިސަސްންސްތައް ކޯޓުއަމުރެއް ނެތި ބަލާ ފާސްކޮށް ކޮޕީ ނެގުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށްވެސް ބޮޑެތި ބާރުތަކެއް

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

މަސްވެރިކަމުގެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީގެ ކުރިން އެމްއެންޑީއެފް ކޯސްޓްގާޑަށް ގާނޫނުން ލިބިދީފައި ނުވާ ބާރުތަކެއް ލިބިގެންދާނެ އެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުވާ ދިވެހި އުޅަނދުތަކަށް އަރައި ބަލާ ފާސްކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ސިފައިންނަށް ހޯދައިދެ އެވެ.

ކަނޑުގައި ދުއްވާ އުޅަނދެއް ނުވަތަ ކަނޑުގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނުން ތަކެތި ގެންދިއުމަށް ބޭނުންކުރާ އުޅަނދެއްގައި މަސްވެރިކަމުގެ ބިލުގައި ބުނެފައިވާ ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ ކޯޓު އަމުރަކާ ނުލައި އެ އުޅަނދަށް އެރުމާއި ބަލައި ފާސް ކުރުމާއި އުޅަނދު ހިފެހެއްޓުމުގެ ބާރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިދީފަ އެވެ.

ހަމަ އެހެންމެ މަސްވެރިކަމުގެ ގާނޫނު ބުނާ ގާނޫނާ ހިލާފުކަމެއް ކަނޑުމަތީގައި ކޮށްފި ނަމަ އެކަމެެއް ކުރާ އުޅަނދެެއްގެ ވެރިމީހާއާ މުވައްޒަފުން ހައްޔަރުކުރުމުގެ ބާރުވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ދީފަ އެވެ. އަދި ހިފަހައްޓާ މުދަލާއި ހައްޔަރުކުރާ މީހުން ވީ އެންމެ އަވަހަކަށް ފުލުހުންނާ ހަވާލު ކުރަން ވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

މަސްވެރިކަމުގެ ބިލުގައި ބަޔާންކުރާ ކުށްތައް

މިނިސްޓްރީއިން ދޫކުރާ ލައިސަންސް ނެތި ނުވަތަ ލައިސަންސްގެ ޝަރުތުތަކާއި ހިލާފަށް މަސްވެރިކަން ކުރުމަކީ ކުށެއް ކަމަށް ބިލުގައި ބުނެފަވެ އެވެ. އަދި އެކުށް ކޮށްފިނަމަ އެ ކުށެއް ކުރި އުޅަނދުގެ މާސްޓާ ވެރިފަރާތްތަ އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތަށް ކޮންމެ ފަރާތެއް ވަކިވަކިން ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ގަވައިދާ ހިލާފަށް އެހެން ފަރާތެއް ލައްވަައި މަސްވެރިކަން ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައިވަނީ ބުނެފަ އެވެ. އެކުށް ކޮށްފިނަމަ ދެ ލައްކައަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިނަމާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ލައިސަންސް ނެތި ލައިސަންސްގެ ޝަރުތުތަކާ ހިލާފަށް އެކުއަކަލްޗާ ކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. އެކުށަށްވެސް ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދެއް ---

އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކުށުގެ ގޮތުގައި މަސްވެރިކަމުގެ ބިލުގައި ބަޔާންކޮށް ބޮޑެތި ޖޫރިމަނާ ތަނެއް ހިމަނާފައިވެ އެވެ.

  • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތަކުގައި ހަރަކާތްތެރިވުން - އަދަބެއްގެ ގޮތުން ދެމިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިނަމާ ކުރެވޭނެ

މަނާ މަސްވެރިކަމުގެ ބާއްވަތްތައް

ބޮޑުދަލު މަސްވެރިކަން، އޮޔާދާ ދަލު މަސްވެރިކަން، ދަމާ ދަލު މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަނގަޑު ބޭނުންކޮށް ކުރާ މަސްވެރިކަން، ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ރޮދުލުން

  • ތަންފީޒީ އޮފިސަރުން (ފުލުހުންނާއި، ސިފައިންނަށް) އެއްބާރުލުން ނުދިނުން - އަދަބެއްގެ ގޮތުން ދެލައްކަ ރުފިޔާގެ ޖޫރިމަނާ
  • ލައިސަންސް ނެތި އައިސްޕްލާންޓެއް ނުވަތަ މަސްފެކްޓްރީއެއް ގާއިމް ކުރުމަކީވެސް ކުށެއް - އަދަބެއްގެ ގޮތުން މަސްފެކްޓްރީ ނުވަތަ އައިސްޕްލާންޓުގެ ވެރިފަރާތް އަދި އޮޕަޓޭރަރު ހިމެނޭ ގޮތަށް ކޮންމެ ފަރާތެއް ހަތަރު ލައްކައިން ޖޫރިމަނާ ކުރެވޭނެ

ޖޫރިމަނާ ކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ދީފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެހެން ނަމަވެސް އެ ބިލުގައި ބުނާ ގޮތުން އެއްވެސް ކުށެއް ކޮށްގެން ޖަވާބުދާރީ ވުމުގެ ފުރުުސަތު ނުދީ މަދަނީ އަދަބެއް ކަނޑައެއް ނޭޅޭނެ އެވެ.

ކުށްކުރި އުޅަނދާއި މުދާ ދައުލަތަށް ނެގޭނެ!

މަސްވެރިކަމުގެ ބިލުގައި ބުނެފައިވާ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަން ޝަރުއީ ކޯޓެއްގައި ސާބިތުވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން އެޅޭ އެހެނިހެން އަދަބާއި ޖޫރިމަނާ ތަކުގެ އިތުރުން ކުށްކުރަން ބޭނުން ކުރި އުޅަނދާއި މުދާ ދައުލަތަށް ނެގޭ ގޮތަށް ކޯޓުތަކަށް ހުކުމް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އަދި ކުށްކުރަން ބޭނުން ކުރި އުޅަނދުގައިވާ އެންމެގައި މަހުގެ ބާވަތްތައް ނުވަތަ އެ މަހުގެ ބާވަތްތައް ވިއްކައިގެން ލިބޭ ފައިސާ އަދި އެ އުޅަނދުގައިވާ އެންމެހާ ގޮވާތަކެތި ވިހަ ނުވަތަ އެހެނިހެން ނޮކްޝިއަސް ސްބްސްޓެންސްތައް ދައުލަތަށް ނެގޭ ގޮތަށް ކޯޓަށް ހުކުމް ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް