މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުން، އެސްޓީއޯއިން ގަނެފައިވާ ތެލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މެރީޑިއަންގެ މައްޗަށް އެސްޓީއޯއިން 2016 ވަނަ އަހަރު ދައުވާކުރީ އެ އޮގަނައިޒޭޝަނުން ގަނެފައިވާ ތެލަށްވާ ފައިސާ ނުދެއްކުމުން އެފައިސާ ހޯދާށެވެ. އެމައްސަލަ ސިވިލް ކޯޓުގައި ނިންމީ މެރީޑިއަމުން ތެޔޮގަތްކަން އެސްޓީއޯއަށް ސާބިތުކޯށްދެވިފައި ނުވާ ކަމަށް ބުނެ އެފައިސާ ނަގައިދެވެން ނެތް ކަމަށެވެ.
އެމައްސަލަ އެސްޓީއޯއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ 23 އޮގަސްޓް 2010 ވަނަ ދުވަހުން ފެށިގެން 28 އޮކްޓޫބަރު 2010 އެއްގެ ނިޔަލަށް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް ބުނެފައިވާ ތެލުގެ ބާވަތަކީ މެރީޑިއަމްއަށް ދޫކޮށްފައިވާ ތެލުގެ ބާވަތެއް ކަމަށް ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.
އެހެންކަމުން މެރީޑިއަމަށް އެސްޓީއޯއިން ފޮނުވާފައިވާ 183 އިންވޮއިސްގެ ޖުމްލަ އަދަދު ކަމަށްވާ 18،949،473.40 ރުފިޔާ އާއި އިންވޮއިސްތަކުގެ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 384،198.80 ރުފިޔާއާ އެކު ޖުމްލަ 19،333،672 ރުފިޔާ އެސްޓީއޯއަށް ދައްކަން މެރީޑިއަމްގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ސިވިލް ކޯޓުގައި މެރީޑިއަމްގެ މައްސަލަ ކުރިއަށް ދިޔައިރު މެރީޑިއަމަށް ތެޔޮ ދޫކުރިއިރު ތެޔޮއެޅުމުގެ މަސައްކަތުގައި އުޅުނު މީހުންވެސް ވަނީ ހެކިބަސް ދީފަ އެވެ. އަދި ގިނަ ހެކިތަކެއް ހުށަހަޅާފައިވެ އެވެ.
ހެކިން ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ތެޔޮ އެޅުމުގެ ކަންތަކާއި އެންމެ އިސްކޮށް ހަވާލުވެ ހުންނަނީ ބޯޓުގެ ކައްޕިކަމަށާއި، ތެޔޮ އެޅުމަށްފަހު ޑިސްޗާރޖިން ޝީޓުގައި ތެޔޮ އެޅި ގަޑިއާއި މާސްޓާރ ރީޑިންގ މީޓަރުގެ
މާސްޓަރ ރީޑިންގ ނޯޓުކޮށް ތެޔޮ އެޅީ ކާކުކަމާއި ސޮޔާއި ބޯޓުން ހަވާލުވާ ފަރާތުގެ ނަމާއި ސޮއި ހުންނާނެކަމަށާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ތެޔޮ އެޅުމަށް ރިޔާގެ އެކި އުޅަނދުތައް
އަންނަކަމަށް ބުނެފައިވެ އެވެ. އެގޮތުން ރިޔާ 2 ، ރިޔާ 11 ،ރިޔާ 7 ،ރިޔާ 10 ،އަދި ރިޔާ 8 ތެޔޮއަޅަން ދާ ކަމަށް ހެކިން ބުނެފައިވެ އެވެ.
ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅީ ލިޔެކިޔުންތަކަށް ބަލާއިރު ޕާޗޭސް އޯޑަރުތަކާއި ޑެލިވަރ ކުރާ އުޅަނދުގެ ނަމާއި، އިނީޝީއަލް ރީޑިން އަދި އިޝޫކުރާ ފަރާތުގެ ސޮޔާ ތާރީޚް އޮތް އިރު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ބިލްތަކާއި ގުޅިގެން ހަދާފައިވާ ޑެލިވަރީ ނޯޓްތަކުގައިވެސް ފުށުއެރުމެއް ނެތް ކަމަށް ހައިކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ.
ހެއްކާ ބެހޭ ގާނޫނުގެ ހަވަނަ މާއްދާއާ ހަވާލާދީ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލާގައި ހުށަހެޅުނު ހެކި ޤަރީނާއަށް އެކުއެކީގައި ބަލައިލުމުން ކޮޕީ ނަގާފައިވާކަމަށް ބުނާ ޑޮކިއުމަންޓްސްތަކަކީ މެރީޑިއަމް މައްސަލައިގެ ޑޮކިއުމަންޓްތައް ކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށެވެ.
ހެއްކާބެހޭ ގާނޫނުގެ ހަވަނަ މާއްދާ
- ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާ ކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ހާއްސަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ.
އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް 19 މިލިއަން ރުފިޔާ ދައްކަން މެރީޑިއަމްގެ މައްޗަށް ހުކުމްކޮށް އެފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދައްކަން މިއަދު ހައިކޯޓުން ހުކުމް ކުރި އެވެ.
ފައިސާ ނުދައްކައިފި ނަމަ ކްރެޑިޓަށް ތެޔޮ ގަތް އިރު މެރީޑީއަމުން މޯގޭޖްކުރި އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރީ ނަންބަރު T-10 04-C8561A" އަތަ 5 ،"ރެޖިސްޓްރީ ނަންބަރު
03-C7615A ބަނޑު (ކަލަމިދި) ރެޖިސްޓްރީ ނަންބަރު 03-7496A-C ބަނޑު (ރިޔާ 11) ކޯޓު
މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު ނުލިބިވާ ފައިސާ ހޯދުމުގެ އިހުތިޔާރު އެސްޓީއޯއަށް ލިބިގެންވާ ކަމަށް ކްރެޑިޓަށް މުދާ ދޫކުރުމުގެ އެއްބަސްވުމުގައި ވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.