ދެކުނު އޭޝިއާގައި އެންމެ ފުރަތަމަ 5ޖީ ލިބޭ ގައުމަކަށް ރާއްޖެ

ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފު ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

އެއާއެކު ރާއްޖެ ވެގެން ގޮސްފައި ވަނީ ދެކުނު އޭޝިއާ ބައްރުގައި 5ޖީގެ ހިދުމަތް ލިބެންފެށި ފުރަތަމަ ގައުމަށެވެ.

މިރޭ ދިރާގު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފުކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު އާއި ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

މިރޭ ލޯންޗު ކުރެވިގެން ދިޔަ 5ޖީގެ ހިދުމަތް ލިބިގެންދާނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސަރަހައްދަށެވެ. އެގޮތުން 5ޖީ ގެ ހިދުމަތް ލިބޭނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކާއި، ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.

ދިރާގުން ބުނީ މި ސަރަހައްދުތަކުގައި 5ޖީ ޑިވައިސް ގެންގުޅޭ ފަރާތްތަކަށް އެއްވެސް އިތުރު ޗާޖަކާ ނުލައި އަދި މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

ދުނިޔޭގައި ވެސް 5ޖީ ހިދުމަތް ލިބޭ ޑިވައިސްތައް މަދު އިރު، ދިރާގުން ބުނީ ދުނިޔޭގެ ފޯނު އުފައްދާ ބޮޑު ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓު ކުރާ ފޯނުތަކާ ޑިވައިސްތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިރާގުން ބުނީ މީގެ ދެ ދުވަސް ކުރިން ރާއްޖޭގެ މާކެޓަށް ނެރުނު ހުއާވޭ މޭޓް އެކްސް ފޯނަކީ 5ޖީ ސަޕޯޓު ކުރާ ފޯނެއް ކަމަށެވެ. އަދި މިރޭ 5ޖީ ހިދުމަތް ތައާރަފު ކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި، އެ ފޯނުން 5ޖީ ހިދުމަތް ބޭނުންކޮށްގެން ދިރާގުން ވަނީ ނޫސްވެރިންނަށް 5ޖީގެ ސްޕީޑް ދައްކާލަދީފައެވެ.

ދިރާގުން ބުނީ 5ޖީގެ ހިދުމަތަކީ މިހާރު ދެމުން އަންނަ 4ޖީ ހިދުމަތުގެ ސްޕީޑަށް ވުރެ 10 ގުނަ އަވަސް ހިދުމަތެއް ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއީ މުޅި ރާއްޖެ ޓެކްނޮލޮޖީގެ މުޅިން އާ ހަރުފަތަކަށް ގެންގޮސްދިނުމަށް ދިރާގުން މިއަހަރު ފެށި "ޑިޖިޓަލް ރާއްޖެ" ފެށި ކެމްޕެއިނުގެ ތެރެއިން ފެށި ހިދުމަތެކެވެ.

މި އަހަރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފައިބާ އިންޓަނެޓުގެ ހިދުމަތާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަބައިޓް ސްޕީޑުގައި 1 ޖީބީޕީއެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ތައާރަފުކޮށްފައެވެ.

comment ކޮމެންޓް