ސިއްހީ ތަފާސްހިސާބުތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭ ތަމްރީނެއް ފަށައިފި

ސިއްހީ ތަފާސްހިސާބުތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން--- ފޮޓޯ/ ހެލްތް މިނިސްޓްރީ

ރާއްޖޭގެ ސިއްހީ ދާއިރާގައި އެއްކުރެވޭ މައުލޫމާތުތައް އިތުރަށް ހަރުދަނާކޮށް އެއް ޕްލެޓްފޯމެއްގައި މައުލޫމާތުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހު 28 އިން 30 އަށް ހެލްތު އިންފޮމޭޝަން ސޮފްޓްވެއާ ވާޝަން 2 ޑީއެޗްއައިއެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ސޮފްޓްވެއަ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާ އެކު 60 އަށް ވުރެ ގިނަ ގައުމުތަކުގައި މިހާރު ވެސް ސިއްހީ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރެވޭ ސޮފްޓްވެއާއެއް ކަމަށެވެ.

އަތޮޅުތަކާއި މާލޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމުގައި 70 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.

މާދަމާގެ ނިޔަލަށް އެ ސިސްޓަމް މެދުވެރިކޮށް އެނެލިސިސްގެ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީގެ ކަމާ ގުޅުން ހުރި މުވައްޒަފުންނަށް ތަމްރީން ދެވޭނެ ކަމަށާއި އޭގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ އައިޓީ މުވައްޒަފުން ވެސް އެމުއްދަތުގައި ސިސްޓަމަށް ބޭނުންވާ އައިޓީ ސަޕޯޓް ދިނުމަށް ތަމްރީންކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.

މި މަހު 28 އިން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ތަމްރީން ދެއްވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މާހިރުންނެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ޑީއެޗްއައިއެސް ދޭއްގެ މަސައްކަތް ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ބޭނުމަކީ ޑިޖިޓަލްކޮށް ސިއްހީ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. އަދި ރާއްޖޭގައި ތަމްރީން ޕްރޮގްރާމަށް ފަހު ސިއްހީ ހިދުމަތްދޭ ތަންތަނުން މިނިސްޓްރީ އަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމަށް ޕްލެޓްފޯމް ބޭނުންކުރަން ފެށުމަށް ރޭވިފައިވާ ކަމަށެވެ.

އޭގެ ސަބަބުން އެއްކުރެވޭ މައުލޫމާތުގެ ފެންވަރު ހިފެހެއްޓި ފަސޭހައިން ސިއްހީ ތަފާސްހިސާބު އެއްކުރެވި އަދި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.

comment ކޮމެންޓް