ޑައިލިސިސްގެ ފަރުވާއާ އެކު ބ. އަތޮޅު ހޮސްޕިޓަލްގެ ފެންވަރު މަތިކުރަނީ

ބ.އަތޮޅު ސިއްހީ ހިދުމަތަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަރާތަކަށް ރައީސް ސޯލިހް ހަނދާނީ ފިލާ ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމުން ޑައިލިސިސްއާއެކު ގިނަ ހިދުމަތްތަކެއް ލިބި އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފާހަގަކުރުމަށް މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

" އެ ސިޔާސަތުގެ ދަށުން، މިއަހަރުގެތެރޭ މި ހޮސްޕިޓަލުގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ފެށިގެންދާނެ. 50 މިލިއަން ރުފިޔާގެ އެ ޢިމާރާތް އަންނަ އަހަރު ނިމޭއިރު، މި ހޮސްޕިޓަލުން ފިޒިއޯތެރަޕީ އާއި ޑަޔަލެސިސްގެ ހިދުމަތް ލިބެން ހުންނާނެ. ޕްރައިވެޓް ކޮޓަރިތަކާއި ސްކޭންގެ ހިދުމަތް ފެށި، މި ހޮސްޕިޓަލާ އެކަށޭނަ ލެބޯޓްރީގެ ހިދުމަތްތައްވެސް ލިބެން ހުންނާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ތަރައްގީ ކުރަނީ ޕްރައިވެޓް ރޫމްތައްވެސް ހިމެނޭ ގޮތަށެވެ.

ގިނަ އަދަދެއްގެ ރިސޯޓްތައް ބ. އަތޮޅުގައި އޮންނައިރު އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ގިނަ އަދަދެއްގެ ފަތުރުވެރިން އެމީހުންނަށް ޕްރައިވެޓް ރޫމްތައް ނުލިބޭ ޝަކުވާ ވަރަށް ގިނައިން ކުރެއެވެ.

ރައީސް ސޯލިހްގެ މިރޭ ވިދާޅުވީ ބ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރާފައިވާ ވަރާ އަޅާ ބަލާއިރު ސިއްހީ ހިދުމަތް ކުރިއަރަން ޖެހޭ ކަމަށެވެ.

" މިއަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު، މި އަތޮޅުގެ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަކީ، ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް. މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިޒޯޓް ހިންގަނީ، މި އަތޮޅުގައި. މިއަތޮޅުގެ ފަތުރުވެރިކަމަށް ފައިދާ ހުރި ކޮންމެ ކަމަކީ، މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

comment ކޮމެންޓް