ގަސް އިންދުމުގައި އިތިއޯޕިއާއިން އިންޑިއާގެ ރެކޯޑް މުގުރާލައިފި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުވެސް ވަނީ ގަސް އިންދުމުގައި ބައިވެރިވެވަޑައިގެންފަ -- ފޮޓޯ: ޓުވިޓާ

އަދިސްއަބަބާ (ޖުލައި 30): އިތިއޯޕިއާއިން އިއްޔެ 350 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި، އެއް ދުވަސް ތެރޭ އެންމެ ގިނައިން ގަސް އިންދި ގައުމުގެ ރެކޯޑު މުގުރާލައިފި އެވެ.

އިތިއޯޕިއާގެ އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ގެޓަހުން މެކުރިއާ ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުން ވަނީ 12 ގަޑި އިރުތެރޭ 353 މިލިއަން ގަސް އިންދާފަ އެވެ.

އިތިއޯޕިއާގައި ގަސް އިންދުން އިތުރު ކުރުމުގެ ގޮތުން މިދިޔަ މެއި މަހު ގްރީން ލެގަސީ އިނިޝިއޭޓިވްގެ ނަމުގައި އެގައުމުން ފެށި ހަރަކާތުގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ޖަންގަލިތަކުގެ ގަސްތައް ކަނޑަމުން ދިޔުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމެވެ. އަދި އެހަރަކާތުގެ އަމާޒަކީ އަންނަ އޮކްޓޯބަރު މަހާ ހަމަޔަށް އެގައުމުގައި ހަތަރު ބިލިއަން ގަސް އިންދުމެވެ.

އެހަރަކާތުގައި އިސްކޮށް އުޅުއްވަނީ ބޮޑުވަޒީރު އަބީ އަހުމަދެވެ. އަދި ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި އެގައުމުގައި އިންދަމުންދާ ގަސްތަކުގެ އަދަދު ބަލަހައްޓަނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ ސޮފްޓްވެއާއަކުންނެވެ.

އިއްޔެ އެގައުމުގައި ގަސް އިންދުމަށް ގައުމުގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރި އެވެ. އަދި ބޮޑުވަޒީރު ވަނީ ވީހާވެސް ގިނަ މީހުން ހަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ގަސް އިންދާފައިވާ ގައުމަކީ އިންޑިއާ އެވެ. އެގައުމުން 2016 ވަނަ އަހަރު 800،000 ދަރުމަވެރިންނާ އެކު ގަސް އިންދުމަށް ބޭއްވި ހަރަކާތެއްގައި 50 މިލިއަން ގަސް އިންދާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް