ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުމުން މުއިއްޒު ހިތްހަމަނުޖެހުން ފާޅުކޮށްފި

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށްފައި -- ފޮޓޯ: ޓުވިޓާ

ކުރިން ސަލްޓަން ޕާކުގެ ނަމުގައި މާލޭގައި ހުރި ޕާކު ކުރީ ސަރުކާރުން ރަންރަނި ބަގީޗާގެ ނަމުގައި ތަރައްގީކޮށް ހުޅުވާފައިވަނިކޮށް، އެތަނުގެ ނަން އަނެއްކާ ވެސް ސަލްޓަން ޕާކަށް ބަދަލު ކުރުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކޯފާވެއްޖެ އެވެ.

ރަސްރަނި ބަގީޗާގެ ނަމުގައި އެ ޕާކު ހުޅުވުމުން އޭރުގެ އިދިކޮޅުން ވަނީ ފާޑު ކިޔައިފަ އެވެ. ރާއްޖޭގެ ތާރީހީ ލޭންޑުމާކެއްގެ ނަން ބަދަލު ކުރުމަކީ ތާރީހު އޮޅުވާލުން ކަމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ސަރުކާރު ބަދަލުވެ ކުރީ ސަރުކާރުން ކައުންސިލުތަކުން ނަގާފައިވާ ބާރުތައް އަނބުރާ ދިނުމާ އެކު މާލޭ ސިޓީ ކައުންސިލުން ވަނީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަންޕާކުގެ ނަމަށް ބަދަލު ކުރަން ނިންމައިފަ އެވެ.

މިއަހަރުގެ ކުރީކޮޅު ނިންމި އެ ނިންމުން ތަންފީޒުކޮށް ޕާކުގެ ނަންބޯޑު ބަދަލު ނުކުރެވި އޮތީ އެކަމަށް ބަޖެޓު ނެތިގެން ކަމަށް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ނަންބޯޑު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ރަސްރަނި ބަގީޗާގެ ނަން ބޯޑު ސަލްޓަން ޕާކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށުމާ އެކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވިޓާގައި ވިދާޅުވީ އޭރު ރަސްރަނި ބަގީޗާގެ ނަމުގައި ޕާކު ތަރައްގީކޮށް ހުޅުވީ ދިވެހި ވަންތަ ނަމަކާ އެކު ކަމަށެވެ. އޭރު ސަރުކާރުން ތަރައްގީކުރި ހުރިހާ ޕާކުތަކަށާއި މައިޒާންތަކަށް ނަން ދީފައި ވަނީ ދިވެހި ވަންތަކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލީ ވީހާ ވެސް ދިވެހިވަންތަ، ތާރީހު އާލާވާ ނަންތައް ކިޔަން އަޅުގަނޑުމެން ހެދި ތަންތަނަށް،" މުއިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާ، ރަސްފަންނު، ހިތްތަން މައިޒާން ފަދަ ނަންތަކަކީ ދިވެހި ވަންތަ ނަންތަކެއް ކަމަށާއި ނަމަވެސް ސަލްޓަން ޕާކަށް ނަން ބަދަލުކުރުމަކީ "ކަމެއް ނުކޮށްތިބެ ބަހާއި ތާރީހު އޮޅުވަލާތަން" ކަމަށެވެ.

ރާއްޖޭގައި އޮތް ރަސްކަން ނިމުމާ އެކު، އޭރުގެ ގަނޑުވަރު ހުރި ބިމުގައި ގަސް އިންދައި، ޕާކެއްގެ ގޮތުގައި އެތަން ހުޅުވީ 1968 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި އޮތް އެ ޕާކުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ޔާމީނުގެ ސަރުކާރުން ވަނީ އެތަނަށް ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެނެސް، އެތަން ވަރަށް ފުރިހަމައަށް ތަރައްގީ ވެސް ކޮށްފަ އެވެ.

comment ކޮމެންޓް