ލަކްސް ރިސޯޓުގެ ކުނި މާމިގިލީ ގޮނޑަށް ނޭޅުމަށް އަންގައިފި

ލަކްސް ރިސޯޓްގެ ކުނި މާމިގިލީ ގޮނޑަށް އަޅަނީ --

އދ. ދިއްދޫފިނޮޅުގައި ހިންގާ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގެ ކުނި މާމިގިލީ ކުނި ގޮނޑަށް ނޭޅުމަށާއި އަދި އެ ރަށު ގޮނޑުގައި ނޭންދުމުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މާމިގިލީ ކައުންސިލަށް އަންގައިފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު މިއަދު ސަން އަށް ވިދާޅުވީ އެއްވެސް ރިސޯޓެއްގެ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް އެޅުމަކީ މަނާ ކަމެއް ކަމަށާއި އަދި އަމުދުން އެ ރަށެއްގެ ކުނި ފިޔަވައި ރިސޯޓްތަކުގެ ކުނި ގެންގޮސް މީހުން ދިރިއުޅޭ ރަށްރަށުގައި އެންދުމުކީ މުޅިން މަނާ ކަމެއް ކަމަށެވެ.

ނައީމު ވިދާޅުވީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގެ ކުނި މާމިގިއްޔަށް ޑަމްޕްކޮށް އެ ރަށުގައި އަންދާ ކަމުގެ ރިޕޯޓެއް އެ އެޖެންސީ އަށް ލިބިފައިވާ ކަމަށާއި އެކަން ހުއްޓުމަށް ރަސްމީކޮށް މާމިގިލީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އީޕީއޭ އިން ބުނީ ލަކްސް ރިސޯޓްގެ ކުނި މާމިގިއްޔަށް ނޭޅުމަށް މާމިގިލީ ކައުންސިލަށް އެންގީ މި މަހު 15 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މާމިގިލީ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހަފުތާ އަކު އެކި ދެތިން ފަހަރު ވަރު ލަކްސް ރިސޯޓްގެ ކުނި މާމިގިއްޔަށް ގެންދާ މަށެވެ. އަދި އެކަން ކުރާތާ މިހާރު ހައެއްކަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

"ހުންނާނެ ބިޔަރާއި ރާ ހުސްކުރި ފުޅި ފަދަ އެއްޗެތި ވެސް. ބައެއް ފުޅިފުޅި ހުންނާނެ މުޅިން ހުސް ނުވެ ހުންނަ ފުޅިފުޅި ވެސް. އެެއީ ކިހާ ގޯސް ކަމެއް،" މާމިގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ އުސްތުނބަށް ލޮރީގައި ކުނި ގެންދާ އިރު، މަގުތަކަށް ހުންނަނީ ކުޅި އެޅިފައިވާ ކަމަށާއި އެތަންތަން ސާފު ކުރާ ބަޔަކު ވެސް ނޫޅޭ ކަމަށެވެ.

ލަކްސްގެ މެނޭޖުމަންޓުން ބުނީ، އެ ރިސޯޓުން ކުނި އުކަނީ ބަޔަކާ އެކު ކޮންޓްރެކްޓްކޮށް ކަމަށާއި ގަވާއިދާ ހިލާފު ނުވާ ކަމަށެވެ.

ލަކްސް ރިސޯޓްގެ ކުނި ކޮންޓްރެކްޓް އުސޫލުން މާމިގިއްޔަށް ގެންނަ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، އެ މީހުން އެކަން ކުރަނީ ކައުންސިލުގެ ހުއްދައާ އެކު ކަމަށެވެ. އަދި މާމިގިއްޔަށް ގެންދަނީ ގަސްގަހުގެ ފަތްފަދަ ކުނި ކަމަށެވެ. ނަމަވެސް މާމިގިލިން ވާހަކަ ދެއްކި މީހުން ބުނީ ލަކްސް އިން ގެންނަ ކުނީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ކުނި ވެސް ހިމެނޭ ކަމަށެވެ.

"މި ރަށުގައި މި އުޅެނީ މިރަށުގައި އުފެދޭ ކުނި ވެސް މެނޭޖު ނުކުރެވިގެން. ދެން ކިހިނެއް ބޭރުން ރަށަށް ކުނި ގެނެސްގެން އެކަން ކުރާނީ،" އޭނާ ބުންޏެވެ. "އެހެން ނޫނަސް އުތުރުން ވައި ޖެހޭ އިރު މި ރަށު ބޮޑު މިސްކިތުގައި މީހުންނަށް ނަމާދަށް ތިބެވޭ ވަރު ނުވާނެ، އަރާ ދުމާއި ދުވާ ވަހުން. އެ ދުން ގަނޑާއި ވަސް މުޅި ރަށު ތެރެއަށް ވެސް ފެތުރިގެންދާނެ."

ނައީމު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރިސޯޓްތަކުން ވެސް މީހުން ދިރިއުޅޭ ރަށްރަށް ކުނި އަޅާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަން މަނާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް އޮޕަރޭޓް ކުރަން ހުއްދަ ދިނުމުގެ ކުރިން އެ ރިސޯޓެއްގައި ކުނި އަންދާނެ އިންސިނިރޭޓަރު ބަހައްޓަން ޖެހޭނެ ކަމަށާއި އިންސިނިރޭޓް ބޭނުންކޮށްގެން ނޭންދޭ ކުނި، ނޫނީ ނައްތާ ނުލުވޭ ކުނި ގެންދަން ޖެހޭނީ ތިލަފުށި ނޫނީ، ތ. ވަންދޫއަށް ކަމަށެވެ.

comment ކޮމެންޓް