"ލީނާ"ގެ އާ ޓްރެއިލާއެއް، ހަ ޝޯ ހައުސްފުލް!

ލީނާގެ ޕޯސްޓަރެއް---

ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ)ގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ"ގެ އާ ޓްރެއިލާ އެއް ދައްކާލައިފި އެވެ.

ފިލްމުގައި ހިމެނޭ އެންމެ "ސަޅި" މަންޒަރުތައް ހިމަނައިގެން އާ ޓްރެއިލާއެއް ނެރުނު އިރު މިރޭ އޮލިމްޕަހުގައި ދައްކާނީ ލީނާގެ ހަވަނަ ހައުސްފުލް ޝޯ ކަމަށް މުއާ ބުންޏެވެ.

މުއާ ބުނީ ފިލްމަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށާއި ފިލްމު އަތޮޅުތަކުގައި ވެސް އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ހދ. އަތޮޅުގައި ފިލްމު އަންނަ މަހު އަޅުވާނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ތައްޔާރުކުރި އެ ފިލްމުގައި މުއާގެ އަޑުން ކިޔާފައިވާ ލަވައެއް ވެސް ހިމެނެ އެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބަ އެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

ލީނާގެ 15 ޝޯ ވަނީ އޮލިމްޕަހުގައި ދައްކަން ނިންމާފަ އެވެ.

comment ކޮމެންޓް