"ކުޅިވަރަކީ ކުޅިވަރެއް ކަމަށް ދެކިގެން ނުވާނެ"

އައިއޯއައިޖީގައި ރާއްޖެ ތަމްސީލު ކުރި އެތުލީޓުންނަށް ސަޕޯޓު ކުރުމުގައި ކުޅިވަރާ ބެހޭ މިނިސްޓަރި އަހްމަދު މަހްލޫފް އަވަދި ނެތި އުޅުއްވަނީ --- ފޮޓޯ// އެމްއޯސީ

"ކުޅިވަރަކީ ކުޅިވަރެއް ކަމަށް ދެކިގެން ނުވާނެ."

މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ރަންވަނަތަކަށް ވާސިލު ވެ މުޅި ގައުމު ފަހުރުވެރިކޮށްދިނުމުން މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކޮށްލި ޓްވީޓެކެވެ.

ސަމާސާއަކަށް ހަދާފައި ވިޔަސް އޭނާ އެ އިޝާރާތްކުރާ ވާހަކަ އަކީ ވަރަށް ވެސް ފުން މާނައެއް އެކުލެވިގެންވާ އެތަކެއް ފިލާވަޅުތަކަކާ އިބްރަތްތަކެއް ވެސް ލިއްބައިދޭ ވާހަކަ އެކެވެ. "ކުޅިވަރަކީ ކުޅިވަރެއް ކަމަށް ދެކިގެން ނުވާނެ." މި ބަސް ކިޔާލުމުން މާ ބޮޑު އެއްޗެއް ދޭހަ ނުވެދާނެ އެވެ. ނަމަވެސް އެއިން އަޅުގަނޑަށް ދޭހަ ވަނީ ވަރަށް ވެސް ބޮޑު ފިލާވަޅެކެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް އައިއޯއައިޖީގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންނަށް ސަޕޯޓު ކުރުމުގައި --- ފޮޓޯ// އެމްއޯސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވުމަށްފަހު އެކުލަވާލި ކެބިނެޓުގައި، ކުރިން ގަލޮޅު ދެކުނު ދާއިރާގެ ޕާލިމެންޓު މެމްބަރެއްގެ ގޮތުގައި ހުރި އަހްމަދު މަހްލޫފް ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު ކަަމަށް އައްޔަން ކުރި ހިސާބުން ވާނެ ގޮތަކަށް ވާން ދޫކޮށްލެވިފައި އޮތް ކުޅިވަރުގެ ތަނބު އަލުން ކޮޅަށް ޖަހައި ނެގެހެއްޓި އެވެ.

ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިފައި އޮތް ކުޅިވަރުގެ އެސޯސިއޭޝަންތަކަށް ހިޔާވަހިކަން ހޯދައިދީ އަލުން އަނބުރާ ވުޖޫދަށް ގެނެސްދިނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ސަތޭކަ އެތައް ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ޒުވާނުންނާ ބައްދަލުކޮށް އެ ރަށްރަށަށް ކުޅިވަރުގެ ރޮނގުން ބޭނުންވާ ކަންކަން ދިރާސާ ކުރެއްވި އެވެ. މީޓިންގްތަކުގައި އެންމެ ބިޒީކޮށް އުޅެމުން ވެސް ކިތަންމެ ކުޑަ ހަފްލާއެއް ކޮންމެތާކު ބޭއްވިޔަސް ވަޑައިގަންނަވަ އެވެ. މިގޮތަށް ގޮސް ދައްކާނެ ވާހަކަ ހުސް ނުވާނެ އެވެ. ރާއްޖޭގެ ކުޅިވަރުގެ މިނިސްޓަރަކަށް މިހުރީ ފިސާރި ބޭފުޅެކެވެ.

މޮރިޝަސްގައި ނިމިގެން މިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ދުށް އެންމެ ބޮޑު ކާމިޔާބީތައް ހޯދި އިރު އެންމެ ވަގުތުކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ފޯރިއާއެކު ހަޅޭއްލައްވައި އަތްޖެހުމުގައި ހުންނެވި މަހްލޫފް މި ކުރެއްވި މަސައްކަތްޕުޅަކީ މުޅި ދިވެހިރާއްޖެ ވެސް ޝުކުރުވެރިވާނެ މަސައްކަތްޕުޅެވެ. މަގާމާ ހަވާލުވީ ހިސާބުން ފެށިގެން ކުރެއްވި އެންމެ ބުރަ އެއް މަސައްކަތަކީ މި ގޭމްސްއަށް ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ތަމްރީންތަކެއް ހޯދައިދިނުމެވެ.

ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންގެ ތަމްރީންތަކުގައި މަހްލޫފް ބަައިވެރިވެވަޑައިގެންނެވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓަރީ

އެގޮތުން އެކި އެކި ގައުމުތަކަށް ވަޑައިގެން ކުޅިވަރާ ބެހޭ އިސްވެރިންނާ ބައްދަލު ކުރައްވައި ރާއްޖެއަށް ކުޅިވަރުގެ ރޮނގުން ސްކޯލާޝިޕުތަކާ ޓްރެއިނިންގް ކޭމްޕްތައް ހެދުމުގެ ފަހި ފުރުސަތުތައް ހޯދައިދެއްވި އެވެ. މިވަރަކުން އަދި ނިންމާލެއްވީއެއް ނޫނެވެ. އޮފީސް ނިންމަވާލައްވައި ހުސްވަގުތު ކޮޅެއް ހޯދައިގެން ގޮސް އެތުލީޓުންނަށް ހިތްވަރު ދެއްވުމަށް ކުޅިވަރުތަކުގައި އަމަލީ ގޮތުން ބައިވެރި ވެސް ވަޑައިގަތެވެ.

އެދުވަހު އެބޭފުޅާ އެކުރެއްވި މަސައްކަތްތަކުގެ މަންފާ މިއަދު ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ރާއްޖޭއިން އައިއޯއައިޖީގައި އަމާޒު ޖެހި 15 މެޑަލް ވެސް ހާސިލު ކޮށްފި އެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނެ އެވެ. މިއީ އެތައް ބައެއް ކުރި މިންނެތް މަސައްކަތުގެ ފޮނި މޭވާ އެވެ. ނަމަވެސް މިކަމުގައި ޝުކުރު އެންމެ ހައްގުކަން ބޮޑު އެކަކީ އަދުގެ ކުޅިވަރު މިނިސްޓަރު ނޫނީ ވަކި ކޮން ބޭފުޅެއް ތޯއެވެ؟

މީގެ އިތުރުން ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ކުރެއްވި ބިޑު ކާމިޔާބު ކުރުމުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ވެސް މިނިސްޓަރު މަހްލޫފެވެ. މީގެ ކުރިން އެއްވެސް ގައުމަކުން ބިޑު ކާމިޔާބު ކުރުމަށް ނުކުރާފަދަ ބޮޑު މަސައްކަތެއް ކުރައްވާނެ ކަމަށް މަސައްކަތް ފެށުމުގެ ކުރިން ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އައިއޯއައިޖީގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ގަދަބާރުތަކުގެ ގޮތުގައި ބެލެވިފައި އޮތް ސީޝެލްއާއި މޮރިޝަސް އަދި މަޑަގަސްކަރައިގެ އިތުރުން ކޮމޮރޮސްއަށް ވެސް ވަޑައިގެން އެ ގައުމުގެ ރައީސުންނާ ވެސް ވަނީ ބައްދަލު ކުރައްވާ ބިޑު ކާމިޔާބު ކުރެއްވުމަށް އެދިވަޑައިގަތެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މިއަހަރުގެ ކުރީކޮޅު އެ ޚިޔާލު ސަރުކާރަށް ހުށައެޅި ހިސާބުން "އާނ މިކަން ކުރާނަމޭ" ކިޔާ ދޫނުކޮށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ.

އައިއޯއައިޖީގެ ބިޑު ކާމިޔާބު ކުރެއްވުމަށްޓަަކައި މަޑަގަސްކަރައަށް ވަޑައިގެން އެގައުމުގެ ރައީސްއާ ބައްދަލު ކުރައްވަނީ --- ފޮޓޯ// ޔޫތް މިނިސްޓްރީ

އެކަން މިހާރު މިވަނީ ހަގީގަތަކަށް ވެސް ހަދައިދީފަ އެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ބައިނަލް އަގުވާމީ މުބާރާތް ބޭއްވުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. މިއީ މުޅި މި ދިވެހިރާއްޖެ ވެސް އެކަމަކަށްޓަކައި ދިގު އިންތިޒާރެއް ކުރަމުން އައި ނުހަނު ބޭނުންތެރި ކަމަކަށްވާ އިރު މިކަން ހާސިލް ކުރަން މަހުލޫފް ދެއްވި މުރާލި ކަމަކީ މުޅި ގައުމުވެސް ފަހުރުވެރިވާނެ ކަމެކެވެ.

ކުޅިވަރަކީ ކުޅުވަރެއް ކަމަކަށް ދެކިގެން ނުވާނެއޭ މަހްލޫފް އެ ވިދާޅުވި ސަބަބަކީ މިއީ އެވެ. ކުޅިވަރަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެއަށް ވުރެން މާ ސީރިއަސް އަަދި މާ ގިނަ ބައެއްގެ އިހުސާސުތަކާއި ރެޔާއި ދުވާލުގެ ބުރަ މަސައްކަތްތަކާ ވެސް ގުޅިފައިވާ ކަމެކެވެ.

comment ކޮމެންޓް