ދީމާ: މުޅި އައިއޯއައިޖީގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއަށް

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ --- ފޮޓޯ// އެމްއޯސީ

އުމުރުން އެންމެ 11 އަހަރުގެ ރާއްޖެ ތަމްސީލު ކުރާ ޒުވާން ޓީޓީ ޓެނިސް ކުޅުންތެރިޔާ ދީމާ އަލީ މިފަހަރުގެ އައިއޯއައިޖީގައި ކުޅުނު ތިން އިވެންޓުގެ ވެސް ރަން މެޑަލް ހޯދާ އެ ގޭމްސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއަށް ވެއްޖެ އެވެ.

މިއަދު ކުޅުނު ޓޭބަލް ޓެނިސްގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ރާއްޖެ ތަމްސީލު ކުރާ އައިޝަތު ރަފާ ނާޒިމް ބަލިކޮށް ދީމާ ރަން މެޑަލް ހޯދި އިރު އޭނާ ވަނީ މީގެ ކުރިން ގޭމްސްގެ ޑަބަލްސް އިވެންޓުންނާއި ޓީމް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. މި ކާމިޔާބީއާ އެކު ދީމާ ވެފައި ވަނި ރާއްޖޭގެ ތާރީހުގައި ވެސް ބައިނަލް އަގުވާމީ މަލްޓި ޕާޕޯސް އިވެންޓުތަކުން އެންމެ ގިނަ ރަން މެޑަލް ހޯދި ކުޅުންތެރިޔާއަށެވެ.

އައިއޯއައިޖީގެ ސިންގަލްސް ޓީޓީ އިވެންޓުގެ ފައިނަލަށް ދަތުރު ކުރުމުން ދީމާއާއި ރަފާއަށް ރާއްޖޭގެ މެނޭޖްމެންޓް ޓީމުން ހޫން މަރުހަބާއެއް ކިޔަނީ --- ފޮޓޯ// އެމްއޯސީ

އެހާ ޅަ އުމުރެއްގައި ސަރަހައްދީ ބޮޑެތި ގައުމުތަކުގެ ތަޖުރިބާކާރު ކުޅުންތެރިންނާ ވާދަކޮށް ބޮޑެތި ތަފާތުތަކުން މޮޅުވެ މިފަދަ ބޮޑެތި ކާމިޔާބީތަކެއް ދީމާ ހޯދުމަކީ މުޅި ދިވެހި ރާއްޖެ އެނާއަށްޓަކައި ނުހަނު ފަހުރުވެރިވާނެ ކަމެކެވެ. މި ލިސްޓުގައި އޭނާގެ އެކުވެރި ރަފާ ވެސް ހިމަނާލުން މުހިންމެވެ. އުމުރުން 15 އަހަރުގެ ރަފާ ވެސް ވަނީ ދިވެހި ޓީމުން މި ގޭމްސްގެ ޓީމް އިވެންޓު ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށް ޑަބަލްސް އިވެންޓު ދީމާއާ އެކު ކާމިޔާބު ކުރުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނަމަވެސް މިއަދު ހަވީރު ކުޅުނު ސިންގަލްސް ފައިނަލުން ރަފާ ދީމާ އަތުން ބަލިވީ 1-4 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓުން ރަފާ މޮޅުވީ 6-11 އިންނެވެ. ނަމަވެސް ބާކީ ކުޅުނު ހަތަރު ސެޓުން ދީމާ މޮޅުވީ 7-11 އާއި 5-11 އަދި 7-11ގެ އިތުރުން 4-11 އިންނެވެ. މި މޮޅާ އެކު ދީމާއަށް ރަން މެޑަލް ލިބުނު އިރު ދެވަނައަށް ދިޔަ ރަފާއަސް ވަނީ ރިހި މެޑަލް ލިބިފަ އެވެ. އަދި މި ދެ ކުޅުންތެރިން މި ހޯދި ދެ މެޑައްޔާ އެކު ރާއްޖޭގެ މެޑަލް ކައުންޓް ވަނީ 15 އަށް އަރައި މިފަހަރު ޓާގެޓު ކުރި މަންޒިލަށް ވީސިލްވެފަ އެވެ.

މިއަަހަރުގެ ކުރީކޮޅު އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި އޮތް ދެކުނު އޭޝިޔާގެ ޙޯޕްސް ވީކުގައި ބައިވެރިވެ ދީމާ ހޯދި ރަން މެޑައްޔަކީ ބައިނަލް އަގުވާމީ މުބާރާތަކުން ޓީޓިއިން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ. އެއަށްފަހު މުޅި އޭޝިއާ ބައިވެރިވި ޓީޓީގެ ޙޯޕްސް މުބާރާތުން ވެސް ދީމާ ވަނީ ދެވަނަ ހޯދައި އޭނަގެ ފެންވަރު މުޅި އޭޝިޔާއަށް ދައްކާލައިފަ އެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ ހޯޕްސް މޯލްޑިވްސްގައި ހޯދި ކާމިޔާބީ --- ފޮޓޯ// ޓީޓީ އެސޯސިއޭޝަން

ދީމާ މިހާރު އެވަނީ އިތުރު ތިން މެޑަލް ރާއްޖެއަށް ހޯދައިދީ މުޅި ދިވެހި ރާއްޖޭގެ ހުރިހާ ދިވެހިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީފަ އެވެ. އޭނާ ފަދަ ހުނަރުވެރިން ރާއްޖޭގައި ތިބުމަކީ މިގައުމަށް ލިބެ ޝަރަފެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯރިގަދަ ތަރުހީބާ އެކު ދީމާއާއި ރަފާ އަދި މުއީނާ މުހައްމަދުގެ އިތުރުން ޖުމައިނާ ނިމާލް މިފަހަރުގެ އައިއޯއައިޖީގެ ޓީޓީ ޓީމު އިވެންޓުން ވަރުގަދަ މޮރިޝަސް ބަލިކޮށް ފުރަތަމް މެޑަލް ހޯދުމުން އެ ކުދިންނާ މެދު ބޮޑު އުންމީދެއް މުޅި ރާއްޖެ ވެސް ކުރި އެވެ.

ދީމާއާ އެކު ދިވެހި ރާއްޖޭގެ އައިއޯއައިޖީ ކޮންޓިންޖެންޓު އެނބުރި މާލެ އަންނާނީ މި މަހުގެ 29 ވާ ހޯމަ ދުވަހު އެވެ.

comment ކޮމެންޓް