ސިންގަލްސް ފައިނަލުގައި ވެސް ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް!

އައިއޯއައިޖީގެ ސިންގަލްސް ޓީޓީ އިވެންޓުގެ ފައިނަލަށް ދަތުރު ކުރުމުން ދީމާއާއި ރަފާއަށް ރާއްޖޭގެ މެނޭޖްމެންޓް ޓީމުން ހޫން މަރުހަބާއެއް ކިޔަނީ --- ފޮޓޯ// އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ކެޓަގަރީގެ ޓީމް އިވެންޓުންނާއި ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ސިންގަލްސް ބައިގެ ފައިނަލަށް ދަތުރުކޮށް އިތުރު ރިހި މެޑައްޔަކާއި ރަން މެޑަައްޔެއް ރާއްޖެ ފަސްގަނޑަށް ގެނެވޭނެ ކަމުގެ ޔަގީންކަން ހޯދައިފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު ކުޅުނު ޓީޓީ ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުގައި 3-4 ސެޓުން އިދިކޮޅު ކުޅުންތެރިޔާ ބަލިކޮށް ރާއްޖެ ތަމްސީލު ކުރާ އަންހެން ދެ ކުޅުންތެރިން ވެސް ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސިންގަލްސް ބައިގެ ފައިނަލަށް ދަތުރު މި ކުރި ރަފާއާއި ދީމާ ވަނީ މީގެ ކުރިން ޓީމު އިވެންޓާއި ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. މި ދެ ކުޅުންތެރިންނަކީ މިފަހަރުގެ އައިއޯއައިޖީގައި އެންމެ ކާމިޔާބު ތިން ކުޅުންތެރިންނޭ ވެސް ދެންނެވިދާނެ އެވެ.

އައިއޯއައިޖީގެ ސިންގަލްސް ޓީޓީ އިވެންޓުގެ ފައިނަލަށް ދަތުރު ކުރުމުން ދީމާއާއި ރަފާއަށް ރާއްޖޭގެ މެނޭޖްމެންޓް ޓީމުން ހޫން މަރުހަބާއެއް ކިޔަނީ --- ފޮޓޯ// އެމްއޯސީ

މުބާރާތް ބާއްވާ ގައުމުކަމަށްވާ މޮރިޝަސްގެ ކުޅުންތެރިޔާ ބަލިކޮށް ދީމާ ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ދެ ސެޓު އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއަށް ދިނުމަށްފަހު އެވެ. އެ ދެ ސެޓު ވެސް 8-11 އިން މޮރިޝަސް ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓު 5-11 އަދި 3-11ގެ ބޮޑު ތަފާތަކުން ދީމާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ފަސް ވަަނަ ސެޓު އަނެއްކާ ވެސް 9-11 އިން މޮރިޝަސް ކުޅުންތެރިޔާ ކާމިޔާބު ކުރި އިރު ހަވަނ ސެޓުން ދީމާ މޮޅުވި އިރު އިދިކޮޅު ކުޅުންތެރިޔާއަށް ދިނީ އެންމެ ދެ ޕޮއިންޓެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުން އުމުރުން އެންމެ 11 އަހަރުގެ ދީމާ މޮޅުވީ5-11 އިން މޮރިޝަސްގެ ކުޅުންތެރިޔާ ބަލިކޮށްގެންނެވެ.

މޮރިޝަސްގެ ދެވަނަ ކުޅުންތެރިޔާއާ ވާދަ ކުރި ރަފާ ވެސް ފައިނަލަށް ދަތުރު ކުރީ ވާދަވެރި ކުޅުމަކަށް ފަހު އެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓުން ރަފާ މޮޅުވީ 6-11 އަދި 3-11 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 7-11 އިން ކާމިޔާބުކޮށް މޮރިޝަސްގެ ގޮކްހޫލް ވަނި އުންމީދު އައު ކޮށްފަ އެވެ.

އެގޮތުން އެ ކުޅުންތެރިޔާ ވަނީ ފަސް ވަނަ ސެޓުން ވެސް ފަސޭހަ ކަމާ އެކު 4-11 އިން ރަފާ ބަލިކޮށްފަ އެވެ. ނަމަވެސް ހަވަނަ ސެޓުގައި ހިއްވަރާ އެކު ކުޅެ ރަފާ ވަނީ 6-11 އިން މޮޅުވެ އަލުން އަނބުރާ ގޭމުގެ ތެރެއަށް ވަދެފަ އެވެ.

ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގައި އިދކޮޅު ކުޅުންތެރިޔާ ބަލިކޮށް ރަފާ ފައިނަލުގެ ދެވެނަ ޖާގައެއް ހޯދީ 10-12 އިން މޮޅުވެގެންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ މެޑަލްތަކެއް ރާއްޖެއަށް ހޯދައިދީފަ އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން އަމާޒު ޖަހައިގެން އައި 15 މެޑަލް މިހާރު މިވަނީ ޔަގީންކޮށްފަ އެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ޓީމް އިވެންޓުން ވަނީ ރަން މެޑަލް ހޯދާފަ އެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމު އިވެންޓުން ވެސްލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމު އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދި އިރު، ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދައިދީފަ އެވެ. އަދި އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު ވަނީ ލޯ މެޑަލް ހޯދަ އިރު ރާއްޖޭގެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

އަދި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ޑަބަލްސް އިވެންޓުން އިތުރު ދެ މެޑަލް ހޯދި އިރު ބެޑްމިންޓަން ޓީމުން ވެސް ވަނީ ތިން މެޑައްޔެއް ސިންގަލްސްއާއި ޑަބަލްސްއިން ހޯދައިފަ އެވެ.

comment ކޮމެންޓް