އައިއޯއައިޖީ: ބެޑްމިންޓަން ސިންގަލްސް އިން ނަބީހާ ރަން މެޑަލް ހޯދައިފި

ބެޑްމިންޓަން އިން ރަން މެޑަލް ހޯދުމަށްފަހު ނަބީހާ އުފަލުން ރޮވިފައި --- ފޮޓޯ: ނިޝާން އަލީ

ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން ރަން މެޑަލް ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޯދައިފި އެވެ.

ނަބީހާ ރަންމެޑަލް ހޯދީ މުބާރާތް ބާއްވާ ގައުމު ސީޝެލްސްގެ ކެމިލާ އަލިސެން ސިދާ ދެ ސެޓެން ބަލިކޮށްގެންނެވެ.

ފައިނަލް މެޗްގެ ފުރަތަމަ ސެޓް ނަބީހާ ކާމިޔާބް ކުރީ 21-14 އިންނެވެ. އަދި ދެވަނަ ސެޓް ނަބީހާ ވަނީ ފަސޭހަ ކަމާއި އެކު ސީޝެލްސްގެ ޗެމްޕިއަން ކެމިލާ 10-21 ބަލިކޮށް ރަން މެޑަލް ހޯދާފަ އެވެ.

ނަބީހާ މިއިދު ހޯދި ރަން މެޑަލްއާ އެކު އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ރަން މެޑަލްގެ އަދަދު މިވަނީ ތިނަކަށް އަރާފަ އެވެ.

ބެޑްމިންޓަން ޑަބަލްސް އިވެންޓުން ފާތިމަތު ނަބީހާ އާއި އައިމިނަތު ނަބީހާ ވެސް ވަނީ ފައިނަލަށް ދަތުރުކޮށް ރިހި ނުވަތަ ރަން މެޑަލްއެއް ކަށަވަރު ކޮށްފަ އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް 13 މެޑަލް ޔަގީންކޮށްފަ އެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފަ އެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމު އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދި އިރު، ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދައިދީފަ އެވެ. އަދި އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު ވަނީ ލޯ މެޑަލް ހޯދައިފި އެވެ.

comment ކޮމެންޓް