އައްޑޫ ސިޓީ އަކީ މާލެ ސިޓީއަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީގައި ފުރިހަމަ ނަރުދަމާ ނިޒާމެއް ގާއިމުވެފައެއް ނެތެވެ. ސިޓީއެއްގެ ދަރަޖަ ދިންތާ 10 އަހަރުވީ އިރުވެސް އެ ސިޓީގައި އަސާސީ ހިދުމަތް ފުރިހަމަ ވެފައި ނެތުމަކީ، އެ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާޔާއި ކަންބޮޑުވުމެވެ. އައްޑޫ ސިޓީގެ ރައްޔިތުން ފުރިހަމަ ނަރުދަމާގެ ނިޒާމަކުން މަހުރޫމްވެފައި ތިބުމަކީ އާބާދީ ބޮޑު އެ ސިޓީއާ މެދު ސަރުކާރުތަކުން ވެފައިވާ އިހުމާލު ލިސްޓަށް އިތުރު ކުރަން ޖެހޭ ކަމެކެވެ.
"އައްޑޫގަައި ނަރުދަމާ ނިޒާމް ފުރިހަމަވެފައި ނެތުމުން މިސިޓީގެ ފެން ވަނީ ވަރަށް ބޮޑަށް ތަޢައްޔަރު ވެފައި. މިހާ ދުވަސް ވީއިރު، ރައްޔިތުން ފެންވަރަމުން މިދަނީ ނަޖިސް ފެނުގައި. ވަރަށް ގިނަ ހިސާބުތަކުގެ ފެނުން ދުވަނީ ނުބައި ވަސް. އެއީ ބޭނުން ކުރުމަށް އެންމެ ރަނގަޅު ފެނެއް ނޫން،" އައްޑޫ ސިޓީ ރައްޔިތަކު އޭނާގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލަމުން ބުންޏެވެ.
"ކޮންމެ ސަރުކާރަކުން ވެސް މި ދައްކަނީ ހުވަފެން. ނަރުދަމާ ނެތުމުން މިރަށުގައި މަދިރި އާލާވާ މިންވަރު ވެސް ގިނަ. މަދިރީގެ ހާއްޔަަކަށް މިއޮތީ މި ސިޓީވެފައި. ހިތަދޫގައި ވެސް މަދިރި އެހާ ގިނަ. ފޭދޫ، މަރަދޫ/ ފޭދޫ، މަރަދޫގައި ވެސް މަދިރި އެހާ ގިނަ،"
ނަރުދަމާ މަސައްކަތް ކުރަމުންދާތާ 10 އަހަރު!
އައްޑޫ ސިޓީގައި އެންމެ ފުރަތަމަ ނަރުދަމާ ނިޒާމް އަޅަން ފެށީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު ނަރުދަމާ އަޅަން ފެށީ ހިތަދޫ މެދު ސަރަހައްދުންނެވެ. ފަހުން 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ހިތަދޫ ދެކުނު އަދި ހިތަދޫ އުތުރުގައި ނަރުދަމާ ނިޒާމް އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރި އެވެ. ހަމަ އެއަހަރު، ހުޅުދޫއާއި މަރަދޫ، މަރަދޫ/ފޭދޫ އަދި ފޭދޫގައި ވެސް ނަރުދަމާގެ މަޝްރޫއު އިފްތިތާހު ކުރި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލުން ދެކޭ ގޮތުގައި، ނަރުދަމާ ނިޒާމް އެ ސީޓީގައި ފުރިހަމައަށް ގާއިމު ނުކުރެވި މިހާ ގިނަ ދުވަސްވީ، ރައީސް ނަޝީދުގެ ސަރުކާރުން ފެށި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ސަރުކާރު ބަދަލުވުމާ އެކު ހުއްޓާލަން ޖެހުމުގެ ސަބަބުން ކަމަށެވެ.
"ސަރުކާރު ބަދަލުވުމާ އެކު ހިތަދޫ ނަރުދަމާގެ މަޝްރޫއު ހުއްޓާލީ. ދައުލަތަކުން ފަށާފައި އޮތް މަޝްރޫއުތަކަކީ، [ސަރުކާރު ބަދަލުވުމުން] ހުއްޓާލަން ޖެހޭ އެއްޗެއް ނޫން. ނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެނެވިދާނެ. އަޅުގަނޑަށް ފެންނަނީ، ނަރުދަމާގެ މަޝްރޫއު ހުއްޓާލުމަކީ، ނަރުދަމާގެ ހިދުމަތް ނުލިބި މިހާ ލަސްވުމުގެ އަސްލު ސަބަބަކީ،" އައްޑޫ ސިޓީ ކައުންސިލްގެ ޑިޕިއުޓީ މޭޔަރު، ހިތަދޫ ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވި އެވެ.
ހިތަދޫގެ މެދުގެ ނަރުދަމާގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު، 2014 ވަނަ އަހަރު އޮގަސްޓު މަހު އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 12 މިލިއަނެއްހާ ރުފިޔާއަށް ބަޔަކާ ހަވާލުކުރި އެވެ. އޭރު މަޝްރޫއު ނިންމަން ތާވަލް ކޮށްފައިވަނީ، 2015 ވަނަ އަހަރު ޖޫން މަހަށެވެ. އަދި ހިތަދޫ ދެކުނާއި އުތުރުގެ ނަރުދަމާގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ތާވަލް ކުރީ މިިދޔަ އަހަރުގެ ޖެނުއަރީ މަހަށެވެ. އެ މަޝްރޫއުގެ އަގަކީ، 109 މިލިއަނެއްހާ ރުފިޔާ އެވެ.
ޑެޕިއުޓީ މޭޔާ ޔަސްރިފް ވިދާޅުވީ، މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ފަށަން ޖެހުނީ "ސުމަކުން" ކަމަށާއި އެގޮތުން ކުރިން ކުރި މަސައްކަތް ވެސް ބޭކާރުވެގެން ދިޔަ ކަމަށެވެ.
"މިހާ ދުވަސް މިކަމަށް ނެގުމަކީ ވަރަށް ބޮޑު މައްސަލައެއް. ދުވަސްވުމުގެ ސަބަބުން، މެއިންޓެއިން ނުވެ މަޝްރޫއުގެ އެކްސޮސަރީޒް [އާލާތްތައް] އެހެން ދޫކޮށްލާފައި ހުރުމުން ހަލާކުވުމާއި ހޮޅިތަކުގެ ތެރެއަށް ވެއްޔާ އެއްޗިސް ވަނުމާއި ނުބެލެހެއްޓުމަކީ ކުރިމަތިވި ގޮންޖެހުމެއް،" ޔަސްރިފް ވިދާޅުވި އެވެ.
ޔަސްރިފް ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރު ނިމިގެން ދިޔަ އިރު، ތަރައްގީގެ މަޝްރޫއުތަކުގައި ސިޓީ ކައުންސިލަށް މައުލޫމާތު ނުދޭ ކަމަށާއި އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކުގައި އޭރު ސިޓީ ކައުންސިލްގެ މާ ބޮޑު ދައުރެއްވެސް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ހިތަދޫ ދެކުނާއި އުތުރުގެ ނަރުމާގެ މަސައްކަތް ނިމި، ގެތަކަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރަމުންދަ ކަމަށެވެ. ނަމަވެސް އަދިވެސް ހިތަދޫ މެދުގެ ނަރުދަމާގެ ބައެއް ޓެކްނިކަލް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ސެޕްޓެމްބަރު ނިމުމުގެ ކުރިން ހިތަދޫގެ ކޮންމެ ގެޔަކަށް ވެސް ނަރުދަމާއަށް އެޕްލައި ކުރީމަ، ގުޅައިދެވޭ ހާލަތުގައި އޮންނާނެ ކަމަށް ލަފާ ކުރެވެނީ،" ޔަސްރިފު ވިދާޅުވި އެވެ.
ހިތަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ވަނީ، ނަރުދާމާ ނިޒާމް ގާއިމުކުރުމަށް ބެހެއްޓި 10 ޕަޕްސްޓޭޝަނާ ގެތަކާ ގުޅުވާލުމުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ނިންމުމަށް ތާވަލް ކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 އަށެވެ.
މަރަދޫ، ފޭދޫގެ ނަރުދަމާއަށް މަގު އެތަށް ފަހަރަކު ކޮނުނު!
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ނަރުދަމާ އެޅުމުގެ ކުރިން އެރަށުގައި ވަނީ މަގުތަކުގައި ތާރު އަޅާފަ އެވެ. އޭރު 2011 ވަނަ އަހަރުގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެ އަވަށްތަކުގައި ތާރު އެޅީ ބޭރު ބަޔެއްގެ އެހީގަ އެވެ.
ނަރުދަމާ އެޅުމަށް އެ އަވަށްތަކުގައި ތާރު ކަފައި މަގުގެ މެދުން އަންނަނީ އަދި ވެސް ހޮޅި އަޅަމުންނެވެ.
"ދަރިފުޅާ ނޭނގެ ތި މައްސަކަތް ނިމޭނެ ދުވަހެއް ވެސް. ކޮންނަނީ ކޮންނަނީ ހަމަ. މިހާރު އެތަށް ފަހަރަކު މަގުތައް ކޮނެފި. ތާރަ އަޅާފައިވާ މަގުތައް ހަލާކުކޮށްފި މިހާރު ކޮނެ ކޮނެ،" ފޭދޫގެ ނަރުދަމާއާ ގުޅޭ ގޮތުން ފޭދޫ މުސްކުޅިފުރައިގެ ހަރުމީހަކު ދިން ޖަވާބަކީ މިއީ އެވެ.
"ނިމުނީމަ ނޫނީ ގަބޫލެއް ނުކުރާނަން ތިކަން ނިމުނު ކަމަކަށް. އެވެސް ޕްލޭނެއް ނެތި ތިކަންތައް ތި ކުރަނީ،"
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަގުތައް ހެދިއިރު މަގުތަކުގެ އެއްފަރާތުން ހޮޅި އެޅުމަށް ތަން ދޫކޮށް މަގުތައް ހެދި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މަޝްރޫއުގެ ހޮޅިތައް އެޅީ މަގު މެދުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެމްޓީސީސީ އާއި ސަރުކާރާ ވާހަކަ ދައްކަވަމުން ދަނީ ނަރުދަމާ އަޅާ ނިމުނީމާ މަގުގެ ތާރުތައް މަތިން އިތުރު ލޭޔާ އެއް އެޅުމަށް،" އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ ކައުންސިލަރު، އަލީ ފަހްމީ އަޙްމަދު ވިދާޅުވި އެވެ.
ފަހްމީ ވިދާޅުވީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދެމަސްދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.
އައްޑޫ ސިޓގީގެ އަވަށްތަކުގެ ތެރެއިން މިހާރު ހުޅުދޫ މީދޫގެ ނަރުދަމާގެ މަސައްކަތް ވަނީ ނިމިފަ އެވެ. ހުޅުދޫ މީދޫ 150 އެއްހާ ގެއަށް މިހާރު ހޮޅި ގުޅައި ނަރުދަމާގެ ހިދުމަތް ވަނީ ފެށި އެވެ. ނަމަވެސް އަދި ވެސް އެރަށްތަކުގެ ހުރިހާ ގެތަކަށް ނަރުދަމާގެ ހޮޅިތައް ގުޅައި ނުނިމެ އެވެ. އެކަމަށް އަދި ވެސް ވަގުތު ނަގާނެ އެވެ.
ބަދަލުވަމުން ދިޔަ ސަރުކާރުތަކާ އެކު، އައްޑޫގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތަަށް އަންނަމުން ދިޔަ ބަދަލުތަކުން އެ މަޝްރޫއު މި ހުރިހާ ދުވަހު އޮތީ ވާނުވާއެއް ނޭނގޭ މައްސަލަގަނޑެއްގެ ތެރޭގައި ތާށިވެފަ އެވެ. އެކަމަކު އެ މަޝްރޫއު ނިމުމުގެ ކޮޅުމަތި މިހާރު ފެންނަން ފެށުމުން، ކުޑަ ނަމަވެސް އުންމީދެއް މި ބޮޑު އާބާދީއަށް ލިބިއްޖެ އެވެ. އެކަމަކު، ނަރުދަމާގެ ހިދުމަތް ފެށުނިއްޔާ ނޫނީ އެ ހިދުމަތް ފެށިއްޖެ ކަމަށް ގަބޫލު ނުކުރާނެ ރައްޔިތުން ވެސް އެބަ އުޅެ އެވެ. މި ހުރިހާ ދުވަހު މި ބޮޑު އާދާބީ ވަނީ އަސާސީ ބޮޑު ހިދުމަތަކުން މަހުރޫމްވެފަ އެވެ. ހަމައެކަނި ސަބަބަކަށް ވަނީ، ބަދަލުވަމުން ދިޔަ ސަރުކާރުތަކާއި އެއާ އެކު ސިޔާސަތުތަކަށް އަންނަ ބޮޑުބަދަލެވެ. އެ ހުރިހާ ކަމެއްގެ ދުއްތުރާ އުފުލަން މިޖެހުނީ މި ބޮޑު އާބާދީ އެވެ.