އައިއޯއައިޖީގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުން އިތުރު ތިން މެޑަލް ޔަގީން ކޮށްފި

ފާތިމަތު ނަބީހާއާއި އައިމިނަތު ނަބީހާ ބެޑްމިންޓަން ޑަބަލްސް ފައިނަލަށް ދިއުމުން އުފާފާޅު ކުރަނީ --- ފޮޓޯ// އެމްއޯސީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕެން ކެޓަގަރީއިން ތިން މެޑަލް ރާއްޖޭގެ ޓީމް ކަށަވަރުކޮށްފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު، މިއަދު އޮތް ބެޑްމިންޓަން ޑަބަލްސް އިވެންޓުން ފާތިމަތު ނަބީހާ އާއި އައިމިނަތު ނަބީހާ ވަނީ ފައިނަލަށް ދަތުރުކޮށް ރިހި ނުވަތަ ރަން މެޑަލްއެއް ކަށަވަރު ކޮށްފަ އެވެ. އަދި މިއަދު އޮތް މިބައިގެ ސިންގަލްސް އިވެންޓުން އައިމިނަތު ނަބާހާ ވަނީ ފައިނަލަށް ދަތުރުކޮށް މެޑަލްއެއް ލިބޭނެ ކަމުގެ ޔަގީންކަން ހޯދައިދީފަ އެވެ.

ފާތިމަތު ނަބީހާއާއި އައިމިނަތު ނަބީހާ ބެޑްމިންޓަން ޑަބަލްސް ފައިނަލަށް ދިއުމުން އުފާފާޅު ކުރަނީ --- ފޮޓޯ// އެމްއޯސީ

މީގެ އިތުރުން މިކްސް ޑަބަލްސް ސެމީ ފައިނަލުން ބަލިވި މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ގެ ތަޖުރިބާކާރު ޕެއާ އަށް ވަނީ މިއަދު ލޯ މެޑަލްއެއް ލިބިފަ އެވެ. އެއީ ބްރޮންޒް މެޑަލް މެޗު ކުޅުމުގެ ބަދަލުގައި، ސެމީ ފައިނަލުން ބަލިވާ ދެ ޕެއާއަށް ވެސް ލޯ މެޑަލް ލިބޭ ގޮތަށް މި އިވެންޓުގެ ގަވާއިދުގައި ވުމުންނެވެ.

އެއްމާބަނޑު ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާ ވިމެންސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ މިއަދު މެންދުރުފަހު ކުޅުނު ސެމީ ފައިނަލް މެޗުން މޮރިޝަސްގެ ޕެއާ ގާތުން ސީދާ ދެ ސެޓުން (21-12، 21-12) އިން މޮޅުވެގެންނެވެ. އަދި ނަބީހާ މިއަދު ހެނދުނު ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން މޮރިޝަސްގެ އެއް ވަނަ ކުޅުންތެރިޔާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-16، 21-16 އިންނެވެ.

ބެޑްމިންޓަން ޑަބަލްސް އަދި ސިންގަލްސްގެ ފައިނަލް އޮންނާނީ މާދަމާ އެވެ.

ބެޑްމިންޓަނުން ޔަގީންވި ތިން މެޑަލްއާ އެކު މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް 13 މެޑަލް ޔަގީންކޮށްފަ އެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފަ އެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމު އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދި އިރު، ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދައިދީފަ އެވެ. އަދި މިއަދު އޮތް އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު މިއަދު ވަނީ ލޯ މެޑަލް ހޯދައިފި އެވެ.

comment ކޮމެންޓް