ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ބާސެލޯނާއަށް ދިޔައީ އުސޫލާ ހިލާފަށް ކަމަށް ބުނެ އޭނާއަށް އެ ކުލަބަށް ނުކުޅެވޭ ގޮތް ހަދައިދިނުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ގާތުން އެތުލެޓިކޯ މެޑްރިޑް އިން އެދިއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭގެ އިރުޝާދުގެ ދަށުގައި ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދި ގްރީޒްމަން ވަނީ ވޭތުވެ ދިޔަ ސީޒަނަށް ފަހު އެކުލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ. އެއާ އެކު ޔޫރަޕުގެ ބޮޑެތި ކުލަބުތަކެއްގެ ގަދަ ހިފުމަކަށް ފަހު ގްރީޒްމަން ބާސެލޯނާއަށް ބަދަލުވީ 120 މިލިއަން ޕައުންޑުގެ ރިލީޒް ކުލޯސެއް އެތުލެޓިކޯއަށް ދެއްކުމަށްފަހު އެވެ.
ނަމަވެސް އެތުލެޓިކޯއިން ވަނީ ގްރީޒްމަން ބާސެލޯނާއަށް ބަދަލުވި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ސްޕެއިންގެ ރޯޔަލް ފުޓުބޯޅަ ފެޑެރޭޝަން (އާރުއެފްއީއެފް) އަށް މައްސަލަ ހުށައަޅައިފަ އެވެ. އެތުލެޓިކޯ މެޑްރިޑުން ބުނި ގޮތުގައި ބާސެލޯނާއިން އެކުލަބަށް ދޭން ޖެހޭ އިތުރު 80 މިލިއަން ޕައުންޑު އަދި ނުދީ އެބައޮތެވެ.
ޔޫރަޕުގެ ކުލަބުތަކުގެ ޕްރީ-ސީޒަން ފޯރިއާ އެކު ފެށިގެން ކުރިއަށްދާ އިރު ބާސެލޯނާއިން އަންނަނީ ޖަޕާނުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ދާދި ފަހުން އެ ޓީމުން ޗެލްސީއާ ދެކޮޅަށް ކުޅުނު ސްޕޮންސާޝިޕް މެޗެއްގައި ގްރީޒްމަން ވަނީ ކުޅެފަ އެވެ.
"އެތުލެޓިކޯއިން ވަނީ އަޅުގަނޑުމެން ގާތު ގްރީޒްމަންގެ މައްސަލަ ބަލައި ނިމެންދެން އޭނައަށް ނުކުޅެވޭ ގޮތް ހަދަން އެދިފަ،" ލަ ލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގްރީޒްމަން ބާސެލޯނާއަށް ކުޅުމުގެ ލައިސެންސް ހިފެހެއްޓުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މައްސަލަ ބަލައި ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން އެކަމަށް އެދިއްޖެ ނަމަ އެކަނި ކަމަށެވެ.
ވޭތުވެ ދިޔަ ސީޒަނަށް ފަހު އެތުލެޓިކޯގެ މުހިއްމު ތިން ކުޅުންތެރިއަކު ވަނީ އެކުލަބު ދޫކޮށް ގޮސްފަ އެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ޑިއޭގޯ ގޯޑިން ވަނީ ދާދި ފަހުން އިންޓަ މިލާނަށް ސޮއި ކޮށްފަ އެވެ. އަދި ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ލޫކަސް ހަނެންޑޭޒް ވެސް ވަނީ ޖަރުމަނުގެ ބަޔާނަށް ބަދަލުވެފަ އެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ގްރީޒްމަން ކުލަބު ދޫކޮށްލުމާ ގުޅިގެން އޭނާގެ ބަދަލެއްގެ ގޮތުގައި އެތުލެޓިކޯއިން ވަނީ ބެންފީކާއަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ބޮޑު އަގެއް ދީގެން އެކުލަބަށް ގެންގޮސްފަ އެވެ،