ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުގެ ކަންތައް މިއަހަރު ނިމޭނެ

ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނަރަލަށް ލިޔުންތައް އަރުއްވަނީ--ފޮޓޯ: ޕެޓްރީޝިއާ

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުގެ ކަންތައްތައް މިއަހަރު ނިމޭނެކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ތާރިގް މަހުމޫދު އަހުމަދު އިއްޔެ އިނގިރޭސި ޕާލެމަންޓުގައި ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން މިހާރު ޕްރޮސެސް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާވެސް މިހާރު މަޝްވަރާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެެ.

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް އިއްޔެ ވަނީ ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާވެސް ބައްދަލުކުރައްވައިފަ އެވެެ.

ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހޭ ކަމަށްބުނެ އެ ޖަމާއަތުން ރާއްޖެ ވަކިވީ 2016 ވަނަ އަހަރު އެވެެ. އެހެން ނަމަވެސް ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް