ފައިނަލުގައި ތަޖުރިބާކާރު ޕެއާ ބަލިކޮށް ޒުވާން ޕެއާ ރަން މެޑަލް ހޯދައިފި

އައިއޯއައިޖީގެ ޓީޓީ ޑަބަލް އިވެންޓުގައި ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ --- ފޮޓޯ// އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް ކެޓަގަރީގައި ވާދަ ކުރި ރާއްޖެ ތަމްސީލު ކުރާ ދެ ޕެއާގެ ކުރިމަތިލުމުގައި، ތަޖުރިބާކާރު ޕެއާ ބަލިކޮށް އެންމެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދައިފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު ކުޅުނު ޓީޓީ ޑަބަލްސް އިވެންޓުގެ ފައިނަލުގައި ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކޮށް ރާއްޖޭގެ ޒުވާން ޕެއާ ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ރަން މެޑަލް ހޯދި އިރު އިވެންޓުގެ ރިހި މެޑަލް ހޯދީ މި ގޭމްސްގައި މީގެ ކުރިން ވެސް ވާދަ ކުރި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އިންނެވެ.

އައިއޯއައިޖީގެ ޓީޓީ ޑަބަލް އިވެންޓުގައި ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ އާއި ރިހި މެޑަލް ހޯދި މުއީނާ މުހައްމަދާއި ފާތުމަތު ޖުމާނާ--- ފޮޓޯ// އެމްއޯސީ

މިފަހަރުގެ އައިއޯއައިޖީގެ ޓޭބަލް ޓެނިސް އިވެންޓުތަކުގައި ރާއްޖޭގެ ކުޅުންތެރިން މި ދެއްކި މޮޅު ކުޅުމާ އެކު ޖުމްލަ ތިން މެޑަލެއް ވަނީ މިހާތަނަށް ޓީޓީއިން ލިބިފަ އެވެ. އެއީ ދެ ރަން މެޑެއްޔާއި ރިހި މެޑަލް އެކެވެ. ރާއްޖެއިން ވަނީ މީގެ ކުރިން މި ގޭމްސްގެ ގުރޫޕް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުގައި ވާދަވެރި ކުޅުމަކަށް ފަހު އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ފައިނަލަށް ދަތުރު ކުރީ މުބާރާތް ބާއްވާ މޮރިޝަސް 3-4 ސެޓުން ބަލިކޮށްގެންނެވެ. ފައިނަލުގައި ވާދަ ކުރި ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާގެ ޕެއާއިން ފައިނަލަށް ދަތުރު ކުރީ ސީދާ ހަތަރު ސެޓުން މަޑަގަސްކަރަ ބަލިކޮށްގެންނެވެ.

މިރޭ ކުޅުނު ފައިނަލުގައި ރަފާ އާއި ދީމާ ރަން މެޑަލް ހާސިލުކުރީ ފައިނަލްގައި ރާއްޖޭގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ.

އެ މެޗުގެ ސެޓުތައް ރަފާ އާއި ދީމާ ގެންދިޔައީ 5-11، 8-11، 8-11 އަދި 9-11 އިންނެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ނުވަ މެޑަލް ހޯދައިފައެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފައެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމު އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފައެވެ.

މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް