ޓީޓީ ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ދެ ޕެއާގެ ކުރިމަތިލުމެއް: ރިހި އަދި ރަން މެޑަލް ޔަގީން!

ރަފާ އާއި ދީމާގެ ޕެއާ އިން ސެމީ ފައިނަލުގައި ކުޅެނީ. --- އެމްއޯސީ ފޮޓޯ// އިސްމާއިލް ތޯރިގް

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖެ ތަމްސީލު ކުރާ ދެ ޕެއާ ވެސް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު ކުޅުނު ޓީޓީ ޑަބަލްސް އިވެންޓުގައި ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އިން ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މުއީނާ އާއި ޖުމާނާގެ ޕެއާ އިން ސެމީ ފައިނަލުގައި ކުޅެނީ ---އެމްއޯސީ ފޮޓޯ// އިސްމާއިލް ތޯރިގް

ރާއްޖޭގެ މި ހަތަރު ކުޅުންތެރިން ވަނީ މީގެ ކުރިން ޓީޓީގެ ޓީމު އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި، ގުރޫޕް އޭ ގައި ވާދަ ކުރި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީގެ ޕެއާ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ޓީމާ ވާދަކޮށް 3-4 ސެޓުން މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ރާއްޖެއަށް ވަނީ ގެއްލިފަ އެވެ. އެ ދެ ސެޓު މޮރިޝަސްގެ ކުޅުންތެރިން ކާމިޔާބު ކުރީ 2-11 އަދި 9-11 އިންނެވެ. އެއަށްފަހު ތިން ވަނަ ސެޓުގައި އައު ހިއްވަރަކާ އެކު ކުޅެ ރާއްޖެއިން ސެޓު ގެނައީ 7-11 އިންނެވެ.

ވާދަވެރި ކުޅުމަކަށް ފަހު ހަތަރު ވަނަ ސެޓު 14-16 އިން ރާއްޖޭގެ ޕެއާ ކާމިޔާބު ކުރި އިރު ފަސް ވަނަ ސެޓު ވެސް އެހާމެ ވާދަވެރިކޮށް ރާއްޖެ ކާމިޔާބު ކުރީ 10-12 އިންނެވެ. ހަވަނަ ސެޓުގައި އަނެއްކާ ވެސް މޮރިޝަސްގެ ޕެއާއިން ވަނީ 7-11 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގައި ފަސޭހަ ކަމާ އެކު މޮރިޝަސް ބަލިކޮށް 11-6 އިންނެވެ.

ގުރޫޕް ބީގައި ވާދަ ކުރި ރާއްޖޭގެ ދެވަނަ ޕެއާ ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ފައިނަލަށް ދަތުރު ކުރީ ސީދާ ހަތަރު ސެޓުން މެޗު ހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް މި ޕެއާއިން ގެނައީ 5-11 އާއި 8-11 އަދި 7-11 ގެ އިތުރުން 10-12 އިންނެވެ.

މި ނަތީޖާ ތަކާ އެކު ރާއްޖެއަށް ވަނީ މިފަަހަރުގެ މި އިވެންޓުގެ ރިހި އަދި ރަން މެޑަލް ޔަގީންވެފަ އެވެ.

comment ކޮމެންޓް