ޖާބިރު ހުށަހެޅުއްވި ރަލާއި އޫރުމަސް މަނާ ކުރުމުގެ ގަރާރު ބޭރުކޮށްލައިފި

ޖާބިރު: ބަނގުރަލާއި އޫރުމަސް ވިއްކުން މަނާ ކުރުމަށް އޭނާ ހުށަހެޅުއްވި ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އިސްލާމްދީނުގައި މަނާ ކަމެއް ކަމަށާއި އެހެން ކަމުން އެއްވެސް އިންޑަސްޓްރީއެއް ކުރިއެރުވުމުގެ ނަމުގައި މަނާ ކަމަކަށް ހުއްދަ ދިނުމަކީ އެއްވެސް ސަރުކާރަކަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޖާބިރުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހަމަ އެކަނި ބަހުސް ކުރެއްވި އެ ގަރާރާ ބަލައި ނުގަތުމާއި 55 މެންބަރުން ވަނީ ވޯޓު ދީފައެވެ. ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ، ރަލާއި އޫރުމަސް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ އެއްވެސް ހަމައެއް އިންސާފެއް ނެތި ކަމަށާއި އެހެން ކަމުން އެ ތަކެތި ވަގުތުން ވަގުތަށް މަނާ ކުރަންޖެހޭ ކަމަށެވެ.

ޖާބިރާ އެއްކޮޅަށް އެ ގަރާރަށް އެއްވެސް މެންބަރަކު ވާހަކަ ދައްކާފައި ނުވާއިރު އެ ގަރާރަށް ވާހަކަ ދެއްކެވި ހަމަ އެކަނި މެންބަރު އަހްމަދު އާމިރުވެސް ވަނީ އެ ގަރާރު ޖާބިރު ހުށަހެޅުއްވި މަގުސަދާއި މެދު ސުވާލު އުފައްދަވާފައެވެ.

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރުމަށް ޖާބިރު ގަރާރެއް ހުށަހެޅީ، ރާއްޖޭގައި ކެސިނޯ އެޅުމަށް މި ސަރުކާރުން ހުއްދަ ދިނުމުގެ ވިސްނުމެތް ނެތް ކަމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެން މިނިސްޓަރާއި ޖާބިރުއާ ދެމެދު އުފެދުނު ހޫނު ޒުވާބަކަށް ފަހުއެވެ.

އެގޮތުން ބަނގުރަލާއި އޫރު މަސް އިސްލާމްދީނުގައި ހަރާމް އެއްޗަކަށްވާއިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަން ކުރަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަން ދޭތީ ކަމަށެވެ.

comment ކޮމެންޓް