ބަނގުރަލާއި އޫރުމަސް އެތެރެކުރުމާ ދެކޮޅަށް ޖާބިރު ހުށަހެޅި ގަރާރަށް ވާހަކަ ދެއްކީ އެންމެ މެންބަރެއް

ޖާބިރު: ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް އޭނާ ވަނީ ގަރާރެއް ހުށަހަޅާފައި --- ފޮޓޯ: މަޖިލިސް

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރަށް އެއް މެންބަރު ބަހުސް ކުރުމަށް ފަހު ނިންމާލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ، ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އިސްލާމް ދީނުގައި މަނާ ކަމެއް ކަމަށާއި އެހެން ކަމުން އެއްވެސް އިންޑަސްޓްރީއެއް ކުރިއެރުވުމުގެ ނަމުގައި މަނާ ކަމަކަށް ހުއްދަ ދިނުމަކީ އެއްވެސް ސަރުކާރަކަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކޮށް ވިއްކުމަކީ މިހިދުން މިހިނދަށް މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައި ރާއްޖެއަށް މިތަކެތި އިމްޕޯޓް ކުރުމަށް ހެދިފައިވާ ގާވާއިދު ބާތިލްކޮށް މި ދައުލަތަކީ އިސްލާމް ދީނާއި ދީނުގައި ހަރާމްކޮށްފައިވާ އެއްވެސް ކަމަކަށް ޖާގަ ނުދޭން،" ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

ރާއްޖެ އަށް ބަނގުރަލާއި އޫރުމަސް ވިޔަފާރީގެ ބޭނުމަށް އެތެރެކުރުމަށް އެންމެ ފުރަތަމަ ހުއްދަ ދެއްވާފައި ވަނީ ކުރީގެ ރައީސް ވެލާނާގޭ އިބްރާހިމް ނާސިރު ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ހަމައެކަނި ބޮޑުންނަށް ވިޔަފާރީ ކުރުމަށް ދެވޭ ހުއްދައެއްގެ ގޮތުގައި މީތި މިއޮތީ ވެފައި،" ޖާބިރު ވިދާޅުވި އެވެ.

ވަކި ރަށެއްގައި ރާ ވިއްކުމުގެ ހުއްދަ ދީފައި އަނެއް ރަށުގައި ރާ ވިއްކުމުގެ ހުއްދަ ނުދޭ ސަބަބާ ގުޅޭ ގޮތުން ޖާބިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގަރާރަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވުމުން ބަހުސް ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އެކަންޏެވެ.

"އެއް ދުވަހު މި ހުށަހަޅާނީ ރާ ވިއްކަން ހުއްދަ ކުރަން. އަނެއްކާ އަނެއް ދުވަހު މި ހުށަހަޅަނީ އެ މަނާ ކުރަން،" އާމިރު ވިދާޅުވި އެވެ.

ރަލާއި އޫރުމަހާއި ނުލާ ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް އާމިރު ވިދާޅުވީ، އެކަން ކުރަން ބޭނުންވާ ބަޔަކަށް ގާނޫނު ހުރަސް ނާޅާ ކަމަށެވެ.

ރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ހުށަހެޅި ގަރާރަށް މެންބަރުންގެ ތަރުހީބު ނުލިބުމުން ޖާބިރު ވިދާޅުވީ، އޭނާ ހުންނެވީ ޓީމަކާ ނުލައި އެކަނި ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ މި ގަރާރަށް ހައްޕު ކިޔައިގެން ކަން. އޭރަށްތާ ބޮލަށް ފަސޭހަ ވާނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު 1:30ގައި ވޯޓަށް އަހާނެ އެވެ.

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ކުރުމަށް ޖާބިރު ގަރާރެއް ހުށަހަޅާފައި މިވަނީ، ރާއްޖޭގައި ކެސިނޯ އެޅުމަށް މި ސަރުކާރުން ހުއްދަ ދިނުމުގެ ވިސްނުމެތް ނެތް ކަމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން މިނިސްޓަރާއި ޖާބިރުއާ ދެމެދު އުފެދުނު ހޫނު 'ޒުވާބަ' ކަށް ފަހު އެވެ. އެގޮތުން ބަނގުރަލާއި އޫރު މަސް އިސްލާމް ދީނުގައި ހަރާމް އެއްޗަކަށްވާ އިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަން ކުރަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަންދޭތީ ކަމަށެވެ.

comment ކޮމެންޓް