އެތައް ޖީލެއްގެ ނަސަބު ކިޔައިލަނީ ހިތުން

ޢަބްދުލްޙަމީދު ޢަލިދީދީއާއި އޭނާގެ އަނބިކަނބަލުން -- ފޮޓޯ/އާއިލާ

ބައެއް މީހުންނަށް އެމީހުންގެ އަސްލު ކާފަގެ ނަން ވެސް ބުނެދޭކަށް ނޭނގެ އެވެ. އަނެއް ބަޔަކު އެމީހުންގެ މަތިކޮޅު އެތައް ކާފައަކާ ހަމަޔަށް އާއިލާގެ ނަސްލު ދުރަށް ދަނެ އެވެ. ދެބެންގެ ދެ ދަރި މީހުންނާއި އެމީހުންގެ ދަރީންގެ ދަރީން ވެސް ވަރަށް ރަނގަޅަށް ދަނެ އެވެ.

ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑު އަތޮޅަކީ މި ރޮނގުން ވަރަށް ފާހަގަ ކޮށްލެވޭ ތަނެކެވެ. އާއިލާތަކުގެ މަތިކޮޅާއި މީސްމީހުންގެ ދަރިފަސްކޮޅު ވަރަށް ރަނގަޅަށް ދަންނަ މީހުން އައްޑޫގައި ވަރަށް ގިނަ އެވެ.

ޒަމާނަށް އައި ބަދަލާ އެކު އާއިލީ ވަނަވަރު ބެލެހެއްޓުމަށް ހާއްސަ ވެބްސައިޓުތަކާއި ސޮފްޓުވެއާތަކުގެ އެހީގައި ދަރިކޮޅުތަކުގެ މައުލޫމާތު އެއްކޮށް ބަލަހައްޓާ މީހުން އައްޑޫގައި ވެސް ވަނީ ގިނަވެފަ އެވެ. ދަރިކޮޅުތައް ރަނގަޅަށް ދަންނަ މީހުންގެ ގާތަށް ގޮސް މި ފަދަ މީހުން ދަރިކޮޅުތަކުގެ މައުލޫމާތު ހޯދަނީ ހޮބީއެއްގެ ގޮތުގަ އެވެ. "ހުސް ސެންޓުފުޅި އެއް ކުރުން ފަދަ" ހޮބީއަކަށް ވުރެ، މި ހޮބީއިން ލިބޭ ހިތްހަމަ ޖެހުން އެ މީހުންނަށް ބޮޑީ އެވެ.

ނަސަބުގެ އިލްމަކީ ވަރަށް ކުރީއްސުރެ އައްޑޫގައި ހާއްސަކަމެއް ދެވިފައި އޮތް ދާއިރާއެކެވެ. ނަސަބު ލިޔެފައި ހުރި ވަރަށް ކުރީގެ ފޮތްތައް މިހާރު ވެސް އައްޑޫގައި އެބަ ހުށްޓެވެ.

މީގެ ތެރެއިން އެއް ފޮތަކީ އައްޑޫމީދޫ ކުދުރަނިޔަގެ ކުދު އެދުރު ކަލޭގެ ލިޔުއްވި ފޮތެވެ. އޭގެ ފަހުން ދެން ފެންނާން އޮތީ މީދޫ އައިސާބީގެދަރު ދޮންބެއްޔާގެ އަޙްމަދުދީދީ ލިޔުއްވި ފޮތެކެވެ. ދެން އޮތީ މީދޫ ހައްވާރަނިޔަގެ ރެކިމަނިކާ ލިޔުއްވި ނަސަބު ފޮތެވެ. ދެން ފެންނާން އޮތީ ހުޅުދޫ އައްޝައިޚް ޢަބްދުލްބާރީ ލިޔުއްވި ފޮތެކެވެ.

މީގެ ފަހުން ހިތަދޫ ސިއްކަގޭ ދޮންމަނިކުފާނާއި، ހިތަދޫ ރިޔާޒް އަޙްމަދު ޖަމީލު އާއި ހިތަދޫ ތުއްބީގެ ޢަލިދީދީގެ ޢަބްދުލްޙަމީދު ވަނީ ނަސަބާ ބެހޭ ލިޔުއްވުންތައް ލިޔުއްވައިފަ އެވެ.

ޢަބްދުލްޙަމީދު ޢަލިދީދީ، އަނބިކަނބަލުންނާ އެކު --

"ސަން ރަށަށް" ސިލްސިލާގެ ދަށުން މި ފަހަރު އައްޑުއަށް ކުރި ދަތުރުގައި މި ބޭފުޅުންގެ ތެރެއިން ޢަބްދުލްޙަމީދު ޢަލީދީދީއާ ބައްދަލުވި އެވެ. އެންމެ ހައިރާންވީ، އެއްވެސް ފޮތެއް ބެއްލެވުމެއް ނެތި ފަރިތަކަމާ އެކު ތަފާތު އެކި އާއިލާތަކުގެ ނަސަބުގެ އެކި ގޮފިތައް ކަފިވެގެން ގޮސްފައިވާ ގޮތް ހިތުން ވިދާޅުވެ ދެއްވަމުން ގެންދެވީމަ އެވެ.

ޢަބްދުލްޙަމީދު ޢަލިދީދީ ހަމައެކަނި އާއިލީ ވަނަވަރުތައް ހިތްޕުޅުން ވިދާޅުވަނީ އެކަންޏެއް ނޫނެވެ. އެއީ ތާރީޚު އިލްމުގެ އުސޫލުތައް ވެސް ދެނެވަޑައިގެން ހުންނެވި އިލްމީ ހަޒާނާއެކެވެ. އޭނާއަކީ އައްޑުއަތޮޅާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ ނަވާބީ ޚާންދާންތައް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މި ވަގުތު އެންމެ އިތުބާރު ހިފޭ އެއް މަސްދަރުވެސްމެ އެވެ.

ޢަބްދުލްޙަމީދުގެ އަރިހުން ފާހަގަ ކުރެވުނު އެއް ކަމަކީ ތަހުގީގުކޮށް ހޯދައި ބެލުމެވެ. މިއީ ހަގީގަތުގައި ތާރީހު އިލްމުގެ ކޮންމެ ރޮނގެއްގައި މަސައްކަތް ކުރާ މީހެއް ނަމަވެސް އެމީހެއްގެ ކިބައިގައި ހުންނާން ޖެހޭ ސިފައެކެވެ.

އަބްދުލްހަމީދު ވިދާޅުވާ ގޮތުގައި ވަރަށް ގިނަ ބަޔަކު އެ މީހުންގެ ނަސަބާ ގުޅުން ހުރި ގޮފިތައް ހޯދުމުގެ މަސައްކަތް ކުރެ އެވެ. މި ގޮތުން އެކި މީހުންގެ އަތުން މައުލޫމާތު ހޯދައިގެން ލިޔެ އޭނާ ގެންދަވަނީ އެއް ކުރައްވަމުން އެވެ. އެހެންނަމަވެސް މީހަކު ކިޔައި ދޭ ކޮންމެ ވާހަކައެއް އޭގެ ސައްހަ ނުސައްހަކަން ބެލުމެއް ނެތި ލިޔުމަކީ ވަރަށް ބޮޑު ގޯހެއް ކަން ޢަބްދުލްޙަމީދު ފާހަގަ ކުރެއްވި އެވެ.

އަބްދުލްހަމީދު ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް އޮޅުވައިލުމުގެ ނިޔަތެއް ނެތި ރަނގަޅަށް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި ކަމުގައި ވިޔަސް މައުލޫމާތު ފޯރުކޮށް ދޭ ފަރާތްތަކަކީ އެ ކަމަށް އެންމެ ގާބިލު ފަރާތްތައް ކަމުގައި ނުވާތީ ވެސް މައްސަލަ ނުކުންނަ ކަމަށެވެ.

މައުލޫމާތު ފޯރުކޮށް ދޭ ބައެއް މީހުންނަކީ އުމުރުން ދުވަސްވެފައިވާ މީހުން ކަމުން އެ ފަދަ މީހުންގެ ގާތުން މައުލޫމާތު ހޯދާއިރު ވިސްނާލަން ޖެހޭ ކަންކަން ވެސް ހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ގޮތުން ވަރަށް ކެތްތެރިކަމާ އެކު ލަސްލަހުން ތަރުތީބުން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިއުމާއި، އެމީހާގެ ވާހަކަ ނިމޭން ދެން އިންތިޒާރު ކުރުމާއި އެމީހާގެ ވާހަކައަށް ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ހުރުމާއި، ކޮންމެ ސުވާލެއްގެ ޖަވާބު ވެސް، އަލުން އެހެން ގޮތަކަށް ސުވާލުކޮށްގެން ކަށަވަރު ކުރުން މުހިއްމު ކަމުގައި އޭނާ ވިދާޅުވި އެވެ. އުމުރުން ދުވަސްވީ މީހުންގެ ކިބައިން މައުލޫމާތު ހޯދަން ނޭނގިއްޖެ ނަމަ، އިސްފަސްވެ އޮޅުން އަރާ ގޮތް ދިމާ ވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

ދަރިކޮޅުތަކުގެ މައުލޫމާތު އެއް ކުރާ މީހަކު ދެން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ޖީލުތައް ދިމާ ވޭތޯ ބެލުންކަމަށާއި އާއިލީ ނަންތަކާއި ލަގަބުތައް އައިސްފައި ހުންނަ ގޮތްތައް ފަދަ އެތައް ކަމެއް ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް ޢަބްދުލްޙަމީދު ޢަލިދީދީ ވިދާޅުވި އެވެ.

ތިމާ އެއް ކުރާ މައުލޫމާތުތަކުގެ ސައްހަކަން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ވަކިވަކީން ކަށަވަރު ކުރުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮންމެ މީހަކާށަސް އެމީހަކާގެ އަސްލު އެނގޭއް ވޭހެއް. އެމީހަކާގެ ތިމާގެ މީހުންނަކީ ކޮބާކަން އެނގޭއް ވޭހެއް." ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަސްލު އެނގޭން ވާނެ ކަމާއި، އެމީހެއްގެ ތިމާގެ މީހުންނަކީ ކޮބައިކަން އެނގޭން ވާނެކަމަށް އައްޑޫ ބަހުރުވައިން ވާހަކަ ދައްކަވަމުން އަބްދުލްހަމީދު ވިދާޅުވި އެވެ.

comment ކޮމެންޓް