ކުންފުނިތަކުގެ ކޮރަޕްޝަން ބޮޑު ކަމުގެ ތުހުމަތާ ހެދި އެހީ ލިބުން ދަތިވޭ: ވެމްކޯ

ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓީގައި ވެމްކޯގެ އިސްވެރިން --- ސަން ފޮޓޯ: ފާޔާޒު މޫސާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަން ބޮޑު ކަމުގެ ތުހުމަތުތަކާ ހެދި ޕްރޮޖެކްޓްތަކަށް އެހީ ލިބުމަށް ދަތިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެ ކުންފުންޏަށް މިހާރު ކުރެވޭ ކަމަކީ ކުނި އެއްކުރުން ކަމަށާއި ކުނި މެނޭޖް ކުރާނެ އާލާތެއް ނެތް ކަމަށެވެ.

"މި ކުންފުނި ނަގާ ކޮޅަށް ޖަހާކަމުގައި ވަނީ ނަމަ ވޭސްޓް މެނޭޖް ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީއާ އަޅުގަނޑުމެނަށް އެކަމަށް ކޮންމެހެން ބޭނުންވާ އާލާތްތައް އެބަޖެހޭ ހަމަ ކުރަން،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓީގައި ވެމްކޯގެ އިސްވެރިން --- ސަން ފޮޓޯ: ފާޔާޒު މޫސާ

ވެމްކޯގެ ޕްރޮޖެކްޓްތަކަށް ފައިސާގެ އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އާދަމް މުހައްމަދު ވިދާޅުވީ، އެއްވެސް ކަހަލަ ޑޮނޭޝަނެއް އަދި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ހެޔޮއެދޭ ފަރާތްތަކުން ވެސް ފަސް ޖެހެމުންދާ ކަމަށެވެ.

"މިހާރު މި ޑޯނާ ޕްރޮޖެކްޓްތަކުގައި މި ކުންފުނިތަކަށް ޕްރެޖެކްޓްތަކުގައި ފައިނޭންސް ނާންނަ އެންމެ ބޮޑު ސަބަބަކީ މި ދައުލަތުގެ ކުންފުނިތަކާއި މެދުގައި މި އޮންނަ ކޮރަޕްޝަން އެލިގޭޝަންތަކާއި ކޮރަޕްޝަނުގެ މައްސަލަތައް އެ ޝެޑޯގައި އަޅުގަނޑުމެން ތިބެން ޖެހިފަ އޮތީމަ އެއްވެސް ޑޮނާއެއް ޑައިރެކްޓްކޮށް ދައުލަތުގެ 100 ޕަސެންޓް ކުންފުންޏަކަށް ވިޔަސް ހަމަ ހެސިޓޭޓް އިނގޭތޯ،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އުފެއްދި ވެމްކޯ މިއަދާ ހަމައަށް ވެސް ހިނގަމުން ދަނީ ގެއްލުމުގައި ކަމަށް އެ ކުންފުނީގެ ފައިނޭންޝަލް ހެޑް މުހައްމަދު އިގްބާލް ވަނީ މިއަދުގެ ކޮމެޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް ގެއްލުން ވަމުންދާ އަދަދު އެއް އަހަރަށް ވުރެން އަނެއް އަހަރު ކުޑަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް