"ރެއާލް މެޑްރިޑުގައި ކުޅޭނަމަ ޓްރޮފީ ހޯދެން ޖެހޭނެ"

ރެއާލް މެޑްރިޑަށް އަލަށް ގުޅުނު ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް -- ފޮޓޯ// ސަޗާ ޕިސަނީ

ރެއާލް މެޑްރިޑަށް ކުޅޭނަމަ ސިކުނޑީގައި ބައިންދަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ޓްރޮފީ އިތުރުކުރުން ކަމަށް އެ ކްލަބާ އަލަށް ގުޅުނު ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޗެލްސީއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު ކްލަބުގެ ރެކޯޑު އަގަކަށް ހަޒާޑު ވަނީ ރެއާލާ ގުޅި ،އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފައެވެ. އެގޮތުން އޭނާ ވަނީ ރެއާލުން ކުރަމުންދާ ޕްރި-ސީޒަން ޓުއާގައި ދާދި ފަހުން ޖަރުމަނުގެ ބަޔާން މުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ޑެބިއުޓް ކޮށްފައެވެ.

އެ މެޗު 1-3 ގެ ނަތީޖާއަކުން ބަޔާން ކާމިޔާބު ކުރި ނަމަވެސް ހަޒާޑް ހުރީ މިއަހަރުގެ ސީޒަނުގައި ރެއާލަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެން ތައްޔާރަށް ކަމަށް އޭނާ ބުނެއެވެ.

"ރެއާލް މެޑްރިޑަށް ކުޅޭ ނަމަ ކޮންމެ ސީޒަނަކުވެސް ބޭނުންވާނީ މޮޅަކަށްފަހު މޮޅެއް،" ހަޒާޑު ބުންޏެވެ.

"މި ކުލަބުގެ ތާރީހާއި ސަޕޯޓަރުން ކުޅުންތެރިންނަށް ކުރާ ބޮޑު އުންމީދެއްގެ ސަބަބުން ޗެމްޕިއަންސް ލީގުން ނާކާމީޔާބީއެއް ލިބިއްޖެނަމަ ބޮޑެތި ފާޑުކިއުންތައް އަމާޒުވާނެ. މި ކުލަބުން އަބަދުވެސް ބޭނުންވާނީ މޮޅުވާން. އެއީ އަހަރެން ރެއާލަށް އައި އެންމެ ބޮޑު އެއް ސަބަބު،"

"އަހަރެން ބޭނުން ވަނީ މި ކުލަބަށް ގިނަ ގޯލުތަކެއް ޖަހައިދީ މެޗުތަކުން މޮޅު ކޮށްދޭން. ސީޒަން ނިމޭ އިރު ގިނަ ޓްރޮފީތަކެއްވެސް ހޯދުން" ހަޒާޑް ބުންޏެވެ.

ރެއާލް މެޑްރިޑުން ވޭތުވެ ދިޔަ ސީޒަނުގައި ލީގު ނިންމާލީ ތިން ވަނައިގަ އެވެ. އެއީ ވެސް އެއްވަނައަށް ދިޔަ އެންމެ ބޮޑަށް ވާދަވެރި ބާސެލޯނާއާއި 16 ޕޮއިންޓް ދަށުގައި އޮވެގެންނެވެ. އަދި ރެއާލުން މިދިޔަ ސީޒަނުގައި ވަނީ ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލް ރޭގެ ދެވަނަ ބުރުން ކަޓައިފައެވެ.

comment ކޮމެންޓް