ކަޝްމީރާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ އިންޑިއާއިން ދޮގުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޖުލައި 23): ކަޝްމީރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއަކަށްވާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްސެވި ކަމަށް ޓްރަމްޕް ވިދާޅުވުމުން، އިންޑިއާއިން އެވާހަކަތައް ދޮގުކޮށްފި އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އިއްޔެ ވައިޓް ހައުސްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.

"އަޅުގަނޑު މީގެ ދެ ހަފްތާ ކުރިން ބޮޑުވަޒީރު މޯދީ އާ ބައްދަލު ކުރިން އަދި މޯދީ އެއްސެވި، 'މެދުވެރިއަކަށް ވާން ބޭނުންތޯ؟' އަޅުގަނޑު ދެންނެވިން ކޮން ތަނެއްގައިތޯ. ދެން މޯދީ ވިދާޅުވި. 'ކަޝްމީރުގައި، އެއީ އެމައްސަލައަށް އެތައް އަހަރުތަކެއްވެފައިވާތީ'،" ޓްރަމްޕް ވިދާޅުވި ކަމަށް ވައިޓް ހައުސްގެ ލިޔުންތަކުގައިވެ އެވެ.

އަދި ޓްރަމްޕް ވަނީ ކަޝްމީރުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މެދުވެރިއަކަށް ވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ބޮޑުވަޒީރު ޚާން ވަނީ ކަޝްމީރުގެ މައްސަލަ ހައްލުވެއްޖެ ނަމަ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކުގެ އެތައް ބިލިއަން މީހުންގެ ހެޔޮ ދުއާ ޓްރަމްޕަށް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އިންޑިއާއިން ވަނީ ޓްރަމްޕްގެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ޕާކިސްތާނާއި އިންޑިއާއިން އެދިއްޖެ ނަމަ، ކަޝްމީރުގެ މައްސަލާގައި މެދުވެރިއަކަށްވާން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައި. [ނަމަވެސް] ބޮޑުވަޒީރު ނަރެންދުރަ މޯދީ އެފަދައިން އެދިލައްވާފައި ނުވޭ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ޓުވީޓު ކުރެއްވި އެވެ.

އަދި އެމިނިސްޓްރީން ވަނީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮންނަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭނީ ހަމައެކަނި އެދެ ގައުމުން ކަމަށް އިންޑިއާއިން ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ.

ކަޝްމީރުގެ މައްސަލާގައި އެމެރިކާ މެދުވެރިއަކަށް ހަދަން ޕާކިސްތާނުން ބޭނުންވި ނަމަވެސް އިންޑިއާ އިން ވަނީ ތަކުރާރުކޮށް އެކަމާ ދެކޮޅު ހަދައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެއްގައި އިންޑިއާގެ 44 ޕެރެމިލިޓަރީ ފުލުހުން މަރުވެފައިވެ އެވެ. އޭގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެ، އިންޑިއާ އަސްކަރިއްޔާގެ ޖެޓުތަކުން ކަޝްމީރުގައި އޮންނަ ޕާކިސްތާނުގެ ފަޅިއަށް ހަމަލާތަކެއް ދިނެވެ.

ކަޝްމީރުގެ ހަމަނުޖެހުންތައް މޮނިޓާކުރާ ގުރޫޕުތަކުން ބުނާ ގޮތުގައި ފާއިތުވި 30 އަހަރު ތެރޭ އެހަމަނުޖެހުންތަކުގައި 70،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް