އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވެ، މަގާމު ހުސްވެއްޖެ

މިއަދުގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަންރުގެ ދައުރު ހަމަވެ، މަގާމު ހުސްވެއްޖެ އެވެ.

އެންމެ ފުރަތަމަ އިންފޯމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރި އެ މަގާމަށް އައްޔަން ކުރީ ޖުލައި 22، 2014 ގައެވެ. ގާނޫނުގައި ބުނާ ގޮތުން، ޖަމާލްގެ ފަސް އަހަރުގެ ދައުރު ހަމަވީ މިއަދަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ، މަގާމަށް އައްޔަން ކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ އެއް ދައުރެވެ.

އޭނާގެ މާގާމުގެ ދަރުއުރު ހަމަވާތީ ރައީސް އޮފީހުން އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލީ މިމަހު 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލީ ނުވަ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެއީ ކޮން ނުވަ ބޭފުޅުންނެއް ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި، ނުވަ ބޭފުޅުންގެ ނަންތައް އަދި މިހާތަނަށް މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން، 2014 ޖުލައި 13 ވަނަ ދުވަހު އުފައްދަވާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގުސަދަކީ، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމެވެ.

comment ކޮމެންޓް