ރަށްރަށުގައި އިމާރާތްކޮށްފައި ހުރި ބައެއް ހައުސިންގެ ޔުނިޓްތައް ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާ ވެފައި ހުރި ކަމަށް ހައުސިންގެ މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އާތިފާ ހާޒިރުކުރެވުނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ސުވާލު ކުރެއްވުމަށް ހުށަހެޅުވި މައްސަލަ އަކަށެވެ. އެއީ ތ. ވިލުފުށީގައި އަޅަން ފަށާފައި ނުނިމި ހުރި 64 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅިގެންނެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ 1450 އަށް ވުރެ ގިނަ ހައުސިންގެ ޔުނިޓްގެ މަސައްކަތް މުޅިން ނުނިމި، ހުއްޓިފައިވާ ކަމަށެވެ.
"ބައެއް ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ނިންމާފައިވީ ނަމަވެސް ދިރިއުޅެވޭނެ ހާލަތަށް ގެންނަން ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ނުގުޅައި. އަދި ބައެއް ތަންތަނަކީ އެއްވެސް ފަރާތަކަށް ބެލެހެއްޓުމެއް ނެތި ދޫކޮށްލާފައިވާ ތަންތަން ކަމުގައި ވާތީ ވަރަށް ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ވީރާނާ ވެފައި." މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.
އާތިފާ ވިދާޅުވީ އެ ހައުސިންގެ ޔުނިޓްތައް މަރާމާތުކޮށް ބަޖެޓުގެ ތެރެއިން ނިންމެން ހުރި މަސައްކަތްތައް މިހާރު ނިންމަމުން ދާ ކަމަށެވެ. އެ ހައުސިންގެ ޔުނިޓްތައް މީހުންނަށް ދިރިއުޅެން ފަށައިގަނެވޭނެ ހާލަތަކަށް ގެނައުމަށްޓަކައި 127 މިލިއަން ރުފިޔާގެ ބަޖެޓެއް ހައުސިންގެ މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށް އާތިފާ ވިދާޅުވި އެވެ.
މިހާރު ބަޖެޓުގެ ތެރެއިން ނުނިމޭ ތަންތަން ނިންމުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް އާތިފާ ވިދާޅުވި އެވެ.
އާތިފާ ވިދާޅުވީ މިހާރު ހައުސިންގެ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ދާއިރު ފެންވަރު ބެލުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން މިނިސްޓްރީއިން ކުރަމުން ދާ ކަމަށެވެ.
"މިގޮތަށް އިމާރާތްކުރެވޭ ތަންތަނުގައި އެންމެ ބޮޑަށް ދިމާވަނީ ފެންވަރު ނުބެލެހެއްޓިގެން އާންމުންނަށް އެތަނަށް ވަންނަން ބަލާއިރު އިތުރަށް ކުރަން ޖެހޭ މަރާމާތުގެ މަސައްކަތް ހުރޭ." އާތިފާ ވިދާޅުވި އެވެ.