މަޑަގަސްކަރ ބަލިކޮށްލައި އަންހެން ޓީޓީ ޓީމު ފައިނަލަށް

އައިއޯއައިޖީގައި ވާދަ ކުރާ ދިވެހި އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިން --- ފޮޓޯ// އެމްއޯސީ ނިޝާން އަލީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ އިވެންޓުގެ ސެމީ ފައިނަލުގައި މިއަދު ކުޅުނު މެޗުން މަޑަގަސްކަރ ބަލިކޮށް ރާއްޖޭގެ ޓީމު ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު މިއަދު އޮތް ޓީޓީ އަންހެން ޓީމު އިވެންޓުގެ ސެމީފައިނަލުގައި މަޑަގަސްކަރ ބަލިކުރީ 1-3 ގޭމުން މޮޅުވެގެންނެވެ. ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށް މި ހޯދި ކާމިޔާބީއާ އެކު ރާއްޖެ ފައިނަލުގައި ބައްދަލު ކުރާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާ ރީޔޫނިއަންއާއި މޮރިޝަސް މެޗުން މޮޅުވާ ޓީމަކާ އެވެ.

އައިއޯއައިޖީގައި ވާދަ ކުރާ ދިވެހި އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިންނާ ރައީސް އިބްރާހިމް ސޯލިހު ބައްދަލު ކުރައްވަނީ --- ފޮޓޯ// އެމްއޯސީ ނިޝާން އަލީ

އެންމެ ފަހުން މި މުބާރާތް ރީޔޫނިއަން އައިލަންޑުގައި 2015 ވަނަ އަހަރު އޮތް އިރު މި އިވެންޓުން ލޯ މެޑަލް ރާއްޖެއިން ހޯދި އިރު މިއަހަރުގެ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ. ރޭންކިންގަށް ބަލައި އިރު އެންމެ ރަނގަޅު ޓީމެއްގެ ގޮތުގައި އޮތް މޮރިޝަސް އަދި މަޑަގަސްކަރ ގާތުން ވާދަވެރި ކުޅުމަކާ އެކު ރާއްޖެ ކާމިޔާބު ހޯދުމުން ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފެންވަރު ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ގޭމު ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަދާ ނާޒިމް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. 10-12 އަދި 6-11 ގެ އިތުރުން 4-11 ގެ ބޮޑު ތަފާތަކުން ރަފާ އެ މެޗު ކާމިޔާބު ކުރި އިރު ދެވަނަ މެޗުގައި ދީމާ އަލީ ވެސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދީމާ ކާމިޔާބު ކުރީ 7-11 އާއި 6-11 އަދި 4-11 ގެ ބޮޑު ތަފާތަކުންނެވެ.

ތިން ވަނަ ގޭމުން މޮޅުވެ ފަސޭހަ ކަމާ އެކު ރާއްޖެ ފައިނަލަށް ދަތުރު ކުރުމަށް ހުރަސްއެޅިގެން ދިޔައީ ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު އެ ގޭމުން މަޑަގަސްކަރ ކުޅުންތެރިޔާ އަތުން ބަލިވުމުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު މުއީނާ 8-11 އިން ކާމިޔާބު ކުރި ނަމަވެސް ދެން ކުޅުނު ސެޓު ތަކުން ވަނީ 9-11 އާއި 4-11 އަދި 9-11 އިން ބަލިވެފަ އެވެ.

ނަމަވެސް ނަތީޖާ ނެރެން ކުޅުނު ފަހު މެޗުގައި ރާއްޖޭގެ ދީމާ ވަނީ އަނެއްކާވެސް ތަފާތު ބޮޑު ނަތީޖާއަކުން މަޑަގަސްކަރ ބަލިކޮށް ރާއްޖެ ފައިނަލަށް ގެންގޮސްދީފަ އެވެ. އެ މެޗުގެ ސެޓުތައް ދީމާ ކާމިޔާބުކުރީ 8-11 އާއި 5-11 އަދި 6-11 އިންނެވެ.

"މިފަހަރުގެ ޓާގެޓަކީ ރަން މެޑަލް ހޯދުން. އެކަން ނުވާންވީ ސަބަބެއް ނެތް. އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ގުރޫޕް ސްޓޭޖުގެ އެއްވަނައިގެ ގޮތުގައި އައިސް މިއަދުގެ މެޗުން ވެސް މި މޮޅުވީ. މިއީ ދުރާލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ." އަންހެން ޓީޓީ ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުންޏެވެ.

އޭނާ ބުނީ ބާކީ ހުރި ހުރިހާ އެނާޖީއަކާއި ވިސްނުމެއް ބަރޯސާ ވެފައި އޮތީ ކުރިއަށް އޮތް ފައިނަލަށް ކަމަށެވެ.

އައިއޯއައިޖީގައި ވާދަ ކުރާ ދިވެހި އަންހެން ޓީޓީ ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ޓީމުގެ އެހެން ސްޓާފުންނާ އެކު--- ފޮޓޯ// އެމްއޯސީ ނިޝާން އަލީ

މީގެ އިތުރުން މިއަދު ރާއްޖެ ކުޅުނު އެ މެޗު ބައްލަވާލެއްވުމަށް މިވަގުތު ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސްގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ. އެމަނިކުފާނާ އެކު ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަޙްލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެ ވަޑައިގެން ރާއްޖޭގެ ޓީމަށް ތަރުހީބު ދެއްވާފަ އެވެ.

comment ކޮމެންޓް