ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަވެސް ޖޭއެސްސީ އިން ބަލަނީ

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖޭއެސްސީގެ މެމްބަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ޖޭއެސްސީ

ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަންގެ މައްސަލައެއްވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

އެނގިފައިވާގޮތުގައި މިދިޔަ ހަފްތާ ބަންދުގައި ގއ. އަތޮޅަށް ދިޔަ ޖޭއެސްސީގެ ޓީމުން ވަނީ އަޒީމް އާއި ސުވާލުކޮށް އެނާގެ ބަޔާން ނަގައިފަ އެވެ. އަޒީމް އަށް ކޮށްފައިވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިކަމުގެ ތުހުމަތާއި ލޯންޗު ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

އެނގިފައިވާގޮތުގައި، އެދެ ތުހުމަތަށް އަޒީމް ވަނީ އިންކާރު ކުރައްވައިފަ އެވެ. އަޒީމް ވިދާޅުވީ ވެފައި ވަނީ އޭނާގެ އާއިލާގެ ބޭފުޅުންނަކީ ވިލިނގިލީގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި އަޒީމް ހަރަކާތްތެރިވެ ނޫޅުއްވާ ކަމަށެވެ. އަދި އާއިލާގެ ބޭފުޅުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އުޅުމަކީ އަޒީމް ކުށްވެރިވާންޖެހޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިކަމަށް އެނގިފައިވެ އެވެ.

ލޯންޗު ދަތުރުގެ ވިޔަފާރިއާ ގުޅޭގޮތުން އަޒީމް ވިދާޅުވީ އޭނާގެ ނަންމަތީ ރެޖިސްޓްރީކޮށްފައިވާ އެއްވެސް ލޯންޗެއް ނޯންނާނެ ކަމަށެވެ.

ޖޭއެސްސީ އިން މިދިޔަ ހަފްތާ ބަންދުގައި ގއ. އަތޮޅަށް ކުރި ދަތުރުގައި އެއަތޮޅު ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާއި ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރުގެ އިތުރުން ދާންދޫ ކޯޓުގެ މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމް އާއި ވަނީ ސުވާލުކޮށްފަ އެވެ.

މެޖިސްޓްރޭޓް ހަސަން ދީދީ އާއި ސުވާލު ކުރުމުން އޭނާ ވަކީލެއްގެ އެހީއަށް އެދުނުކަން ވަނީ އެނގިފަ އެވެ. މެޖިސްޓްރޭޓް ލުއައްޔު އާއި ސުވާލު ކުރިކަމެއް ނޭނގެއެވެ. ޝުކޫރާއި ސުވާލު ކުރި ނަމަވެސް ތަފްސީލެއް ނޭނގެ އެވެ.

ގއ. އަތޮޅަށް ވަޑައިގެންނެވި ޖޭއެސްސީގެ ތަހުގީގު ޓީމްގައި ހިމެނިވަޑައިގަންނަވަނީ:

ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު
ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު

comment ކޮމެންޓް