ޔުއެފާއާއި ފޫޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އައްޑޫގައި މިއަދު ފެށި 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން މިއަދު ބޫޓާން އަތުން 2-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ފެށި މި މުބާރާތުގައި ބައްދަލު ކުރި ބޫޓާނަކީ ގުރާސް ރޫޓް ފުޓްބޯޅައިގައި އޭއެފްސީގެ އެވޯޑް ވެސް މީގެ ކުރިން ހޯދައިފައިވާ ގައުމެކެވެ. އެއާ އެކު މިއަދު އެ ޓީމުން ރާއްޖެ އަތުން ލިބުނު މޮޅަކީ އުމުރުފުރާ ކެޓަގަރީ މެޗަކުން ރާއްޖެ އަތުން އެގައުމުގެ ޓީމެއް މޮޅު ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު އޮތް 19 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕުގައި ވެސް ބޫޓާން ޓީމުން ވަނީ ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށްފަ އެވެ.
ފަހުގެ ތާރީޙެއްގައި އުމުރުފުރާ ކެޓަގަރީއަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މި ފުޓުބޯޅަ މުބާރާތުގައި ޖުމުލަ ހަތަރު ގައުމަކުން ވާދަ ކުރާއިރު ފައިނަލުގައި ކުޅޭނީ ގުރޫޕް ސްޓޭޖުގައި ކުޅޭ ތިން މެޗުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތުގައި ދެން ވާދަ ކުރާ ދެ ޓީމަކީ ސައުދީ އަރަބިއްޔާއާއި ޔޫރޮޕުގެ ލެޓްވިއާ އެވެ.
ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ޝަރަފުވެރިކަމާ އެކު މިއަދު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗު ބަލާލަން ގިނަ ބަޔަކު ދަނޑަށް ހާޒިރުވި އިރު ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި ބަލައި ހިއްވާ ފަދަ ހިތްގައިމު ކުޅުމެއް ފެނިފަ އެވެ.
މެޗު ފެށިގެން އެކީއެކަށް ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ބޫޓާނުންނެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ ހަ ވަނަ މިނަޓުގެ ތެރޭގައި ރާއްޖޭގެ ގޯލު ފޫ އަޅުވާލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖުގުމޭ ނަގްޔާލް އެވެ. އޭރިއާ ތެރެއަށް މަތި މަތިން އައި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ނަގްޔާލް ކާމިޔާބުކޮށްދިން ގޯލާ އެކު ބޫޓާނަށް އިތުރު ހިތްވަރެއް ލިބި ޓީމު ކުރިއަށް ޖައްސައި އިތުރު ހަމަލާތަކެއް އުފެއްދި އެވެ.
ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މާ ލަސްތަކެއް ނުވަނީސް އެ ޓީމުގެ ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ބޫޓާނުގެ ކެޕްޓަން ބިކާޝް ޕްރަދަން ކާމިޔާބުކޮށްދިން އެ ގޯލާ އެކު ދިވެހި ޓީމުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެ ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ.
އެގޮތުން ދެވަނަ ހާފުގެ ކުރީ ކޮޅު ރާއްޖޭ ޒުވާން ޓީމުގެ ކެޕްޓަން މުހައްމަދު ހަންނާން އާދަމް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސް ނަތީޖާ ހަމަހަމަ ކުރުމަށް ރާއްޖޭގެ ޓީމުން ވަރަށް މަސައްކަތް ކުރި އެވެ.
މި މުބާރާތުގެ ދެވަނަ މެޗު މާދަމާ ކުޅޭ އިރު އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ދުރުން މި މުބާރާތަށް ދަތުރު ކުރި ދެ ޓީމު ކަމަށްވާ ސައުދީއާއި ލެޓްވިއާ އެވެ.